އިންޓަރ ސްކޫލް ޓީޓީ މުބާރާތް ނިންމާލައިފި

10 ވަނަ މައިލޯ އިންޓަރ ސްކޫލް ޓޭބަލް ޓެނިސް މުބާރާތް ނިންމާލައިފިއެވެ.
މި މަހުގެ 23 އިން 26 ގެ ނިޔަލަށް ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުރިއަށްދިޔަ މި މުބާރާތުގައި މިފަހަރު ޖުމްލަ 12 ސްކޫލަކުން ވަނީ ބައިވެރިވެފައެވެ. އެއީ މާލެއިން 11 ސްކޫލް އަދި އަތޮޅު ތެރެއިން އެއް ސްކޫލެވެ. މިއަހަރުވެސް އަތޮޅު ތެރެއިން ބައިވެރިވީ ތ. އަތޮޅު ތަޢުލީމީ މަރުކަޒެވެ. މިދިޔަ އަހަރުގެ މުބާރާތުގައިވެސް އެ ސްކޫލުން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.
މި މުބާރާތުގައި 12 އަހަރުން ދަށާއި، 14 އަހަރުން ދަށާއި، 16 އަހަރުން ދަށުގެ އިތުރުން 18 އަހަރުން ދަށުގެ އުމުރުފުރާތަކުގައި ކުޅުންތެރިން ވާދަކުރިއެވެ.
މި މުބާރާތުގެ 12 އަހަރުން ދަށުގެ އަންހެން ބައިގެ ޗެމްޕިއަންކަން ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލް ހޯދިއިރު، މިއުމުރުފުރާގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ހޯދީ ތ. އަތޮޅު ތަޢުލީމީ މަރުކަޒެވެ. 14 އަހަރުން ދަށުގެ އަންހެން ބައިގެ ޗެމްޕިއަންކަން އިސްކަންދަރު ސްކޫލް ހޯދިއިރު، ފިރިހެން ބައިގެ ޗެމްޕިއަންކަން ހޯދީ ތ. އަތޮޅު ތަޢުލީމީ މަރުކަޒެވެ.
މީގެއިތުރުން 16 އަހަރުން ދަށުގެ އަންހެން ބައިގެ ޗެމްޕިއަންކަން އިސްކަންދަރު ސްކޫލް ހޯދިއިރު، މި އުމުރުފުރާގެ ފިރިހެން ބައިގެ ޗެމްޕިއަންކަންވެސް ހޯދީ އިސްކަންދަރު ސްކޫލެވެ. އަދި 18 އަހަރުން ދަށުގެ އަންހެން ބައިގެ ޗެމްޕިއަންކަން އަމީނިއްޔާ ސްކޫލް ހޯދިއިރު، މިއުމުރުފުރާގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ހޯދީ ތ. އަތޮޅު ތަޢުލީމީ މަރުކަޒެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ