ކޯލިޝަނުން ވެރިކަމަށް އަންނަ ސަރުކާރެއްގައި، އުފެދޭ މައްސަލަތަކަކާ ހެދި ކޯލިޝަން ރޫޅިއްޖެ ނަމަ ސަރުކާރު ވެސް ރޫޅޭގޮތަށް ގާނޫނުއަސާސީ އަށް އިސްލާހު ގެންނަން ޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހުރި ކަންބޮޑުވުންތަކާ ގުޅޭގޮތުން، ސްރީ ލަންކާގައި ބޭއްވި ނިއުސް ކޮންފަރެންސެއްގައި، ކޯލިޝަން ސަރުކާރުތަކަކީ ރާއްޖޭގައި އެހާ ކާމިޔާބު ފޯމިއުލާއެއް ނޫން ކަން ފާހަގަކޮށް، ރާއްޖެ ޓީވީން ކުރި ސުވާލެއްގެ ޖަވާބުގައި ނަޝީދު ވިދާޅުވީ ގުޅިފައި އޮންނަ ސަރުކާރު ދިފާއުކުރަން ގާނޫނުއަސާސީ އަށް އިސްލާހެއް ގެންނަން ޖެހޭ ކަމަށެވެ. އެއީ އިއްތިހާދު ރޫޅުމާއެކު ސަރުކާރު ރޫޅުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ގުޅިފައިވާ ޕާޓީތަކުން އިންތިހާބަށް މިހާރު ކުރަމުން އަންނަ މަޝްވަރާތަކުގެ ތެރޭގައި އެކަން ހިމެނޭ ކަން ނަޝީދު ފާހަގަކުރެއްވި އެވެ.
"އެއް ކެންޑިޑޭޓަކަށް އަޅުގަނޑުމެންނަށް އެއްބަސްނުވެވިގެންނެއް ނޫން. އަޅުގަނޑުމެން އެއްބަސްވާން، އަދި މަޝްވަރާކުރަނީ އެންމެ ކަމަކާއެއް ނޫން. އަޅުގަނޑުމެން މަޝްވަރާ އެބަ ކުރަން އިއްތިހާދެއްގެ ސަރުކާރެއް ހިފެހެއްޓޭނެ ގޮތަކާ ގުޅޭގޮތުން ވެސް،" ނަޝީދު ވިދާޅުވި އެވެ.
ދެހާސްތޭރައިގެ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ މައްޗަށް ނަޝީދު ކުރި ހޯއްދެވީ އިއްތިހާދަކުންނެވެ. އެކަމަކު އެ އިއްތިހާދު، މަސް ދުވަހުގެ ތެރޭގައި ވަނީ ރޫޅިފަ އެވެ. ރައީސް އަބްދުﷲ ޔާމީން ވެސް ވެރިކަމަށް ވަޑައިގަތީ އިއްތިހާދަކުންނެވެ. އެކަމަކު، އެމްޑީއޭ ފިޔަވައި އެހެން ހުރިހާ ޕާޓީތަކުން ވަނީ އެމަނިކުފާނާ ފެއަށް ޖެހިފަ އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި އިދިކޮޅު ފަރާތްތަކުގެ މަޝްވަރާތައް ނިންމާލާނީ ގާނޫނުއަސާސީ އަށް ގެންނަންޖެހޭ އިސްލާހުތަކާ ވެސް އެކުގަ އެވެ.
ކޯލިޝަންތައް ރޫޅެނީ، ނަޝީދު ވިދާޅުވި ގޮތުގައި، އެކަމަށް ގާނޫނީ ފަރުވާއެއް އެކަށައެޅިފައި ނެތުމުންނެވެ. ރައްޔިތުން އިއްތިހާދަކަށް ވޯޓުދިނަސް އިއްތިހާދު ރޫޅި ބައިބައިވާއިރު، ސަރުކާރު ދެމިއޮތުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑަކަށް ހިއެއް ނުވޭ، އެއީ ގާނޫނީ ގޮތުން ވެސް އަދި އާއްމު ވިސްނުމުން ވެސް ދެކޮޅު ޖެހޭ ވާހަކައެއް ހެން. އެހެންވެ އަޅުގަނޑު ދެކޭ ގޮތުގައި މި އިސްލާހު ގެނެވިގެން ބަދަލު ގެނެވޭނީ،" ނަޝީދު ވިދާޅުވި އެވެ.
އިދިކޮޅު އެއް ކެންޑިޑޭޓަކު ކަނޑައެޅުމަށް، ޕާޓީތަކުން މިހާރު އަންނަނީ މަޝްވަރާކުރަމުންނެވެ. ރައީސް އަބްދުﷲ ޔާމީން ބަލިކުރެވޭނެ އެންމެ ރަނގަޅު ގޮތަކީ އެއީ ކަމަށް ވެސް ޕާޓީތަކުން ގަބޫލުކުރެ އެވެ.
އެކަމަކު ގޮތެއް ކަނޑަނޭޅި ދިގުލައިގެން ދަނީ، އިންތިހާބުގައި ވާދަކުރެއްވަން ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވެސް ޝައުގުވެރިކަން ފާޅުކުރައްވާފައިވާތީ އެވެ.
އެކަމަކު ނަޝީދާއި ގާސިމަށް ވެސް އިންތިހާބަށް ކުރިމަތިލެއްވޭނީ ގާނޫނީ ގޮތުން ހައްލުތަކެއް ހޯދިގެންނެވެ. ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބުނާ ގޮތުން 65 އަހަރުން މަތީގެ މީހުންނަށް ރައީސުލްޖުމްހޫރިއްޔާގެ މަގާމަކަށް ކުރިމައްޗެއް ނުލެވޭނެ އެވެ. ގާސިމްގެ އުމުރުން މިހާރު ވަނީ 65 އަހަރު ވެފަ އެވެ. ނަޝީދު ހުންނެވީ ރައީސްކަމަށް ކުރިމަތިލާ މީހަކާ ބެހޭ ގޮތުން ގާނޫނުގައި ކަނޑައަޅާފައިވާ މުއްދަތަށް ވުރެ ދިގު މުއްދަތެއްގެ ޖަލު ހުކުމެއްގަ އެވެ.
އިއްތިހާދު ރޫޅުމުން ސަރުކާރު ރޫޅޭ ގޮތަށް ގާނޫނުއަސާސީ އިސްލާހުކުރަން ޖެހޭ: ނަޝީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ