ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައި ސިޔާސީ ޕާޓީއެއްގައި ދިހަހާސް މެންބަރުން ހަމަކުރަންޖެހޭ ކަމަށް އޮތް މާއްދާއަކީ ބާޠިލް މާއްދާއެއް ކަމަށް ސުޕްރީމް ކޯޓުން އިއްޔެ ކަނޑައަޅުއްވައިފިއެވެ.
ސުޕްރީމް ކޯޓުން ހުކުމް އިއްވަވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ ދިހަހާސް މެންބަރުން ހަމަކުރުމަށް އޮތް އޮތުން އެއީ މިނިވަން ދީމިޤްރާތީ މުޖުތަމައުތަކުގައި އަސާސީ ހައްގެއް ހަނިކުރެވޭ މިންވަރަށްވުރެ ބޮޑަށް ހަނިކުރެވިފައި އޮތް އޮތުމެއް ކަމަށާއި ރާއްޖެ ބައިވެރިވާ މުއާހަދާތަކުންވެސް ބާރުއަޅަނީ މިފަދަ ހައްޤުތައް ލިއްބައިދިނުމުގައި ހުންނަ ދަތި އުނދަގޫ އިޖްރާތުތައް ނައްތާލުން ކަމަށެވެ.
ދިހަހާސް މެންބަރުން ހަމަކުރަންޖެހޭ ގޮތަށް ސިޔާސީ ޕާޓީތަކުގެ ޤާނޫނަށް ގެނައި އިސްލާހްގައި ކަނޑައަޅާފައި އޮތްއޮތުން ބާޠިލްކުރުމަށްފަހު، މިހާރު އޮތް ގާނޫނަށް ރައްޔިތުންގެ މަޖިލީހުން އިސްލާހެއް ގެންނަންދެން، ކުރިން ސިޔާސީ ޕާޓީތަކުގެ ޤަވާއިދުގައިވާ ގޮތަށް ސިޔާސީ ޕާޓީއެއްގައި ތިންހާސް މީހުން ހަމަކުރަންޖެހޭ ގޮތަށް އޮންނަ މާއްދާއަށް އަދިވެސް އަމަލުކުރަމުން ދިއުމަށް ސުޕްރީމް ކޯޓުގެ ހުކުމުގައި ކަނޑައަޅުއްވާފައިވެއެވެ.
ސުޕްރީމް ކޯޓުގެ ހުކުމް އައިސްފައި މިވަނީ ރައްޔިތުންގެ މަޖިލީހުން މިއަހަރު ފާސްކުރި ސިޔާސީ ޕާޓީތަކާބެހޭ ބިލްގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް ދިހަހާސް މެމްބަރުންގެ ސޮއި ހޯދަންޖެހޭ ގޮތަށް ކަނޑައަޅާފައި އޮތުމުން އެކަމުގައި ހުރި ދުސްތޫރީ މައްސަލަތައް ފާހަގަކުރައްވައި ދައުލަތުގެ ބަންޑާރަ ނާއިބު ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލަ ބެއްލެވުމަށްފަހުގައެވެ.
މިގާނޫނާ ގުޅިގެން ދިހަހާސް މެމްބަރުން ހަމަނުވާ ޕާޓީތައް އުވިދާނެކަމުގެ ބިރުއުފެދިފައި އޮތުމުން ރައީސް ވަހީދުވެސް އިންތިޚާބުގައި ވާދަކުރައްވަނީ އެމަނިކުފާނުގެ ގައުމީ އިއްތިހާދު ޕާޓީގެ ބަދަލުގައި އަމިއްލަފުޅު ކެންޑިޑޭޓެއްގެ ގޮތުންނެވެ.
ދިހަހާސް މެންބަރުން ހަމަކުރަންޖެހޭ ކަމަށް އޮތް މާއްދާއަކީ ބާޠިލް މާއްދާއެއް - ސުޕްރީމް ކޯޓު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ