އެސްޓީއޯއިން ކާޑުގެ އަގު ހެޔޮކުރަން ޖެހޭ، މާލޭގެ ބިންތައް ދީފައި ވަނީ ކުޑަ އަގެއްގައި: މެމްބަރު ސަލީމް

އެސްޓީއޯ އިން ކާޑުގެ ބާވަތްތަކުގެ އަގު ހެޔޮކުރަން ޖެހޭ ކަމަށާއި މާލޭގެ ބިންތައް އެސްޓީއޯ އަށް ދީފައި ވަނީ މާކެޓް އަގަށް ވުރެ ކުޑަކޮށް ކަމަށް ވިދާޅުވެ، އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) އެ ކުންފުންޏަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.
ރެޑްވޭވްގެ ނަމުގައި މާލޭގައި ފުޅާ ދާއިރާއެއްގައި ރީޓެއިލް ވިޔަފާރިކުރާ ހަ ފިހާރަ ވެސް ހިންގަވާ ސަލީމް މިއަދު ވިދާޅުވީ އެސްޓީއޯ އަށް މާލޭގެ މުހިންމު ލޮކޭޝަންތަކުން ބޮޑެތި ބިންތަކެއް ދީފައި ވަނީ މާކެޓް އަގަށް ވުރެ ހެޔޮ އަގެއް ކަމަށާއި އެހެންވެ ކާޑުގެ ބާވަތްތަކުގެ އަގު ބޮޑުކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.
"އެސްޓީއޯ އަށް މާލޭގެ ބިންތައް އެހެރީ އަކަފޫޓެއް 50 ލާރި އަދި 1.50ރ. އަށް ދީފައި. އަޅުގަނޑުމެން ކުއްޔަށް ހިފައިގެން މިއުޅެނީ އަކަފޫޓެއް މަހަކު 40ރ. އާއި 60ރ. އާ ދެމެދު އަގެއްގައި. އެކަމަކު އެސްޓީއޯއިން ގެންނަ އާއްމު ބާވަތްތަކުގެ 90 ޕަސެންޓް އަޅުގަނޑުމެން ގެނެސް މި ވިއްކަނީ އެއަށް ވުރެ އަގުހެޔޮކޮށް،" އޭނާ ވިދާޅުވި އެވެ.
ސަރުކާރު ހިންގާ ޕާޓީގެ މެމްބަރު ސަލީމް ވިދާޅުވީ ކާޑުގެ ބާވަތްތަކުގެ އަގު ބޮޑުކުރުމަށް ފަހު އެސްޓީއޯއިން ދައްކާ ވާހަކަތަކަކީ ދެކޮޅު ޖެހޭ ވާހަކަތަކެއް ނޫން ކަމަށެވެ.
"އެސްޓީއޯ އަށް މާލެއިން ބިންތައް ދީފައިވާ އަގަކީ ސަބްސިޑީއެއް ކަމަށް ބަލަން ޖެހޭ. އޭގެ އިތުރުން ރަށްރަށުން ވެސް ބިންތައް އެހެރީ އެތައް ގުނައެއް ހެޔޮކޮށް ދީފައި. މިވަރުގެ ބޮޑު އިނާޔަތްތަކެއް ދީފައިވާ ކުންފުންޏަށް އެ އުޅެނީ ނުފުދިގެން،" އޭނާ ވިދާޅުވި އެވެ.
ސަލީމް ވިދާޅުވީ ސަބްސިޑައިޒްކޮށްގެން ގެންނަ ހަނޑުލުގެ ބޮޑު ބައެއް ބޭނުންކުރަނީ ބިދޭސީން ކަމަށް ބުނެ ސަރުކާރުން ދައްކާ ވާހަކައަކީ ދޮގެއް ކަމަށެވެ.
"ސަބްސިޑައިޒްކޮށްގެން ގެންނަ ހަނޑޫ ކަނީ ދިވެހިންގެ އާދައިގެ މީހުން. މިތާ އުޅޭ ބިދޭސީންގެ 90 ޕަސެންޓް މިހާރު ކަނީ ބާސްމަތީ ހަނޑޫ. އަޅުގަނޑަކީ އެ މީހުންނަށް އެ ބާވަތްތައް ވިއްކާ މީހެއް ވީމަ މިހާ ރަނގަޅަށް އެނގެނީ،" އޭނާ ވިދާޅުވި އެވެ.
ކާޑުގެ ބާވަތްތަކުގެ އަގު ބޮޑުކުރުމާ ގުޅިގެން ސަލީމްގެ އިތުރުން ޕީޕީއެމްގެ އެހެން ބައެއް މެމްބަރުން ވެސް ދަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.
ކާޑުގެ އަގުބޮޑުވި މައްސަލާގައި ސަލީމް ވަނީ މިދިޔަ އާދިއްތަ ދުވަހު ވެސް ސަރުކާރަށާއި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕަށް ފާޑުވިދާޅުވެފަ އެވެ. އޭނާ ވިދާޅުވެފައި ވަނީ ސަރުކާރުން ހިންގާ ނޭދެވޭ ހުރިހާ ކަމެއްގެ ޒިންމާ އުފުލަން ޖެހޭނީ ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ މެމްބަރުން ކަމަށެވެ.
ކާޑުގެ ސަބްސިޑީ ދޭނީ ހަމައެކަނި ނިކަމެތިންނަށް ކަމަށް ބުނެ ސަރުކާރުން ވަނީ މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ކާޑުގެ ބާވަތްތަކުގެ އަގު 100 ޕަސެންޓް ބޮޑުކޮށްފަ އެވެ. އެގޮތުން ސަބްސިޑީ ކަނޑާލުމުން ހަނޑޫ ކިލޯއެއް މިހާރު މާލެއިން ގަންނަން ލިބޭނީ 7.96ރ. އަށެވެ. މީގެ ކުރިން ހަނޑޫ ކިލޯއެއް ވިއްކީ 3.98ރ. އަށެވެ. ހަކުރު ކިލޯއެއް އަށް ރުފިޔާ އަށް އަދި ފުށް ކިލޯއެއްގެ އަގު 5.96 އަށް ވަނީ އަރާފަ އެވެ. ފުށް ކިލޯއެއް މިހާތަނަށް ވިއްކީ 2.96ރ. އަށެވެ. ހަކުރު ކިލޯއެއް ވިއްކީ ހަތަރު ރުފިޔާ އަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ