ޔާމީނަށް ދެން އިންތިހާބެއް ކާމިޔާބެއް ނުކުރެވޭނެ: އުމަރު

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ދެން ރިޔާސީ އިންތިހާބެއް ކާމިޔާބު ނުކުރެއްވޭނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ޓީވީ ޕްރޮގްރާމެއްގައި މިރޭ ވާހަކަދައްކަވަމުން އުމަރު ވިދާޅުވީ ވެރިކަމުގައި ހުރެ އިންތިހާބަކުން ނާކާމިޔާބު ވެއްޖެނަމަ، ވެރިކަން ނެތި އިންތިހާބެއް ކާމިޔާބުކުރުމަކީ ވަރަށް ނުވާނެ ކަމަށާއި ދުނިޔޭގެ އެހެން ގައުމެއްގައި ވެސް އެފަދަ ކަމެއް ހިނގާފައި ނުވާ ކަމަށެވެ.
"އެހެންވީމަ، ރައީސް ޔާމީނަށް ދެން އިންތިހާބެއް ކާމިޔާބު ނުކުރެވޭނެކަން އެއީ ހަމަ ގާތްގަނޑަކަށް ކަށަވަރުވާ ކަމެއް. އަދި އެއަށް ވުރެ ބޮޑަށް ކަށަވަރުވަނީ 2023 ގައި އިންތިހާބީ ޓިކެޓުގައި ރައީސް ޔާމީންގެ ނަން ނޯންނާނެކަން. އެއީ ހުކުމެއްގައި ހުރުމާއި، މި ހުރިހާ ކަމަކާއި ހެދި" އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވި ގޮތުގައި ކަންކަން މިގޮތަށް ހުރުމާއެކު ވެސް، ޔާމީން އަދިވެސް ހުންނެވީ ޕީޕީއެމް ހިފަހައްޓަވައިގެން ކަމަށާއި އެހެންކަމުން އެ ޕާޓީ އަށް ރަނގަޅަށް ހިނގައިގަނެވޭނެ ގޮތެއް ނެތް ކަމަށެވެ. އަދި ހަގީގީ އިދިކޮޅު ޕާޓީއެއްގެ ރޯލު އަދާކުރެވޭނީ ވެސް ޕާޓީ ރަނގަޅަށް ހިނގައިގެން ކަމަށާއި ވެރިކަން ބަދަލުވިތާ 15 މަސް ދުވަސްވީއިރު ވެސް ޕީޕީއެމްގެ ފަރާތުން އެ ރޯލު ފެންނަމުން ނުދާ ކަމަށްވެސް އުމަރު ވިދާޅުވިއެވެ.
މީގެއިތުރުން ޕީޕީއެމުން އިދިކޮޅު ޕާޓީއެއްގެ ރޯލު ރަނގަޅަށް ކުޅެން ފަށައިފިނަމަ، ސަރުކާރު ކޯލިޝަނުގައި "ގުޑަގުޑާފައި" ހުންނަ އެއްޗެހިތައް ދަމާވެފައި ގެނެވޭނެ ކަމަށްވެސް އުމަރު ވިދާޅުވިއެވެ.
އަދި މިހާރު ފެންނަ މަންޒަރަށް ބަލާއިރު ޔާމީން މިނިވަންވާނެ ތަނެއް ވެސް ނުފެންނަ ކަމަށާއި އެމަނިކުފާނު މިނިވަން ކުރުމަށް ބޭނުންވާނަމަ ހުޝިޔާރު ބައެއްގެ އަތަށް ޕީޕީއެމްގެ ލީޑަޝިޕް ދޭންޖެހޭ ކަމަށްވެސް އުމަރު ވިދާޅުވިއެވެ. ނަމަވެސް އެ ހުޝިޔާރުކަން މިވަގުތު އެ ޕާޓީން ނުފެންނަ ކަމަށްވެސް އުމަރު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ