ރައްޔިތުން ބޭނުންވާ އަސާސީ ޚިދުމަތް ފުރިހަމަ ކުރެވޭވަރަށް އާމްދަނީ ލިބޭ: އިބޫ

އެކާވީސް ވަނަ ގަރުނުގައި ރާއްޖެއަށް ލިބެމުންމިދާ އާމްދަނީއަށް ބަލާއިރު ފެނާ ނަރުދަމާގެ ނިޒާމް ނެތް އެއްވެސް ރަށެއް މިހާރު އޮވެގެން ނުވާނެ ކަމަށް އިއްތިހާދުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ކެމްޕެއިން ދަތުރުފުޅެއްގައި މިއަދު އއ ހިމަންދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ސަބަބުން ރައްޔިތުންނާ ރާއްޖޭގެ ތަރައްގީއަށްޓަކައި ކުރަންހުރި ކަންތައްތައް ހުރީ ހުއްޓިފައި ކަމަށެވެ. އިއްތިހާދުން ނިކުމެ ތިބީ އެކަންތައްތައް ހަމަޔަކަށް އަޅުވަންކަން ފާހަގަކުރައްވާ އިބޫ ވިދާޅުވީ ރައްޔިތުންގެ ތާއީދާއެކު 23 ސެޕްޓެމްބަރުގައި ނަގާ ވޯޓު ކާމިޔާބުކޮށް އެމަސައްކަތް އެދުވަހުން އެދުވަހަށް ފައްޓަވާނެ ކަމަށެވެ.
އިބޫ ވިދާޅުވީ ތަރައްގި އަންނަމަ އެކަން ފުރަތަމަ އިހުސާސްކުރެވެންޖެހޭނި ރައްޔިތުމީހާއަށް ކަަމަށާ ކޮންމެ މީހަކަށްވެސް ހަމަޖެހިލައިގެން އާއިލައާއެކު އުޅެވެން ޖެހޭނެ ކަމަށެވެ. ރަނގަޅު ގޮތުގައި ތަރައްގީ އަންނަނަމަ އަސާސީ ޚިދުމަތްތައް ފުރިހަމަވާންޖެހޭނެކަން ފާހަގަކުރައްވާ އިބޫ ވިދާޅުވީ ރަށްރަށަށް އެރުމުން ފެންނަނި މިމަންޒަރު ނޫން ކަމަށެވެ. ފެނިގެންދަނީ ރައްޔިތުންނަށް އެންމެ ބޭނުންވާ އަސާސީ ޚިދުމަތްތައް ކަމަށްވާ ރަނގަޅު ބޯފެނަ ނަރުދަމާގެ ޚިދުމަތާ ސިއްހީ ޚިދުމަތްވެސް ނުލިބި ރައްޔތިުން އެކަމަށް ބޭނުންވެފައިތިބި މަންޒަރު ކަަމަށެވެ.
ރައްޔިތުން ދައްކަނީ ދަރިވަރުންނަށް ކިޔަވައި ނުދެވޭ ވަހަކައާއި ލަފާފުރުމުގެ ދަތިކަމުގެ ވާހަކައާއި ކަރަންޓުގެ ޚިދުމަތް އެކަށިގެންވާ ގޮތަށް ނުލިބޭ ވާހަކަ ކަމަށް އިބޫ ވިދާޅުވި އެވެ. އިބޫ ވިދާޅުވީ މިއީ އެކާވީސްވަނަ ގަރުނުގައި މިފަދަ އާމްދަނީއެއް ލިބޭ ގައުމެއްގައި ކަންތައްތައް އޮންނަންވަނެ ގޮތް ނޫން ކަމަށެވެ.
"އަލުގަނޑުމެންނަށް މިލިބޭ އާމްދަނީއިން ތިބޭފުޅުން ސަރުކާރަށް ދައްކާ ފައިސާއިން މިހާރު ރާއްޖޭގައި އެއްވެސް ރަށެއް އޮވެގެން ނުވާނެ ފެނާ ނަރުދަމާ ނިޒާމް ގައިމް ނުކުރެވޭ. މިހާރު އެއްވެސް ރަށެއް އޮވެގެން ނުވާނެ ބަނދަރެއް ނެހެދޭ. މިހަރު އެއްވެސް ރަށެއްގައި ސިއްހީ މަރުކަޒެއް ހިންގިގެން ނުވަނެ ލެބޯތްރީއެއް ނެތި، އެހެންނަމަވެސް އެހެނެއް ނޫން މިއަދު މަންޒަރު އޮތީ" އިބޫ ވިދާޅުވިއެވެ.
ހިމަންދޫއަށް އެންމެ މުހިންމު އެއްކަން ކަމަށްވާ ލަފާފުރުމުގެ ދަތިކަމަށް ހައްލުގެނެސް ރަނގަޅު ފެންވަރުގެ ބަނދަރެއް ހައްދަވަދެއްވާނެ ކަމަށް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ. އިބޫ ވިދާޅުވީ ހިމަންދޫއަކީ ރަނގަޅު ބޯފެނާ ނަރުދަމާގެ ޚިދުމަތް ލިބެން ނެތް ރަށެއް ކަމަށާ އިއްތިހާދުގެ ވެރިކަމެއްގައި އެކަމަށްވެސް ހައްލު ލިބިގެންދާނެ ކަަމަށެވެ.
ސިއްހީ ޚިދުމަތް ރަނގަޅު ކުރމުގެ ގޮތުން ސިއްހީ މަރުކަޒުތަކުގައި ލެބޯޓްރީތައް ހަދާ، ތައުލީމި ފެންވަރު ރަނގަޅު ކުރުމަށް ބޭނުންވާ މުދައްރިސުންގެ އަދަދު އިތުރުކޯށް ސްކޫލްތަކަށް ދިމާވެފައިވަ ޖާގައިގެ ދަތިކަންވެސް ހައްލުކޮށްދެއްވާނެ ކަމަށް އިބޫ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ