މައުމޫން ފައުންޑޭޝަނުން ޑރ.އަފްރާޝީމް ލިޔުއްވި ފޮތެއް ނެރެފި

"އަންހެނަކު އިސްލާމީ ޤައުމެއްގެ އެންމެ މަތީ މަޤާމް އަދާކުރުމަކީ ޝަރުޢީ ގޮތުން ހުއްދަކަމެއްތޯ" މިމައުޟޫއަށް ޑރ. އަފްރާޝީމް އަލީ ލިޔުއްވާފައިވާ މިފޮތް ނެރެދެއްވީ މައުމޫން ފައުންޑޭޝަނުން ރޭ ޝީ ބިލްޑިންގ ގައި ބޭއްވެވި ޙާއްޞަ ރަސްމިއްޔާތެއްގައި އެފައުންޑޭޝަންގެ ޗެއަރމަން ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމާއި ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކޮށްދެއްވި ބޭފުޅެއް ކަމަށްވާ އަނީސާ އަހުމަދެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މައުމޫން ވިދާޅުވީ, އަފްރާޝީމް ގެ އާއިލާއިން މައުމޫނު ފައުންޑޭޝަން އާއި ހަދިޔާކޮށްފައިވާ 17 ފޮތެއް ނެރުމުގެ މަސައްކަތް ކުރިއަށް ގެންދަވާ ކަމަށާއި , އެފޮތްތައް މައުމޫނު ފައުންޑޭޝަނުން ނެރެދެއްވާނީ އެއްވެސް އުނިއިތުރު ކުރުމެއްނެތި ކަމަށެވެ.
"ފޮތުގެ މުސައްރިފް ޑރ. އަފްރާޝީމް ޢަލީ ވިދާޅުވެފައިވަނީ ޤާޒީކަން ކުރުމާއި ޤައުމުގެ އެންމެ މަތީ ވެރިކަން ކުރުމާއި ތަފާތެއް ނެތޭ. އެއިން ކޮންމެ މީހަކަށްވެސް މިކިޔަނީ ހާކިމް. ހުކުމް ކުރާ މީހާ. ޤާޒީ އަކީވެސް ހުކުމް ކުރާ މީހެއް. އޭނާއަކީ ޙާކިމެއް. ޤައުމުގެ އެންމެ މަތީ ރައީސަކީވެސް ހުކުމް ކުރާ މީހެއް. ކަންތައްތައް ނިންމާ މީހެއް. އެއީ ހާކިމެއް. ދެމީހުންނަކީ ވެސް ހާކިމުންކަމަށްވާއިރު ދެމީހުންގެ ޝަރުތުތައްވެސް ހަމައެކައްޗެކޭ. ވަރަށްގިނަ އިލްމުވެރިން އެގޮތަށްވަނީ އެއްބަސްވެވަޑައިގެންފައޭ. އެހެންވީމާ ޤާޒީކަން ކުރުމާއި އަންހެނަކާއި ފިރިހެނެއް ތަފާތެއް ނެތިއްޔާ ވެރިކަން ކުރުމުގައިވެސް އަންހެނަކާއި ފިރިހެނަކާއި ދެމެދު ތަފާތެއްނެތޭ" ފޮތް ނެރުއްވައިދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މަޢުމޫން ވިދާޅުވިއެވެ.
އަދި މި ފޮތުގެ އަގަކީ 50 ރުފިޔާ ކަމަށާއި ފޮތް ވިއްކައިގެން ލިބޭ ރުފިޔާ ހަދިޔާ ކުރައްވަނީ ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމްއިއްޔާ އަކަށް ކަމަށް މައުމޫނު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ