އަނިޔާވެރި އަމަލުތަކާ ދެކޮޅަށް މަސައްކަތްކުރާ އދ. ކޮމެޓީއަށް އަނެއްކާވެސް ގާޒީ ޝުޖޫން އިންތިހާބުކޮށްފި

އަނިޔާވެރި އަމަލުތަކާ ދެކޮޅަށް މަސައްކަތްކުރާ އދ.ގެ ސަބް-ކޮމެޓީ (އެސްޕީޓީ) އަށް ގާޒީ އާއިޝާ ޝުޖޫން މުހައްމަދު އަނެއްކާވެސް އިންތިހާބުކޮށްފި އެވެ.ފޮރިން މިނިސްޓްރީން ބުނީ މިއަދު ޖެނީވާގައި ބޭއްވި އިންތިހާބުގައި ޝުޖޫން އެ މަގާމަށް ހޮވިވަޑައިގަތީ 70 ގައުމުގެ ތެރެއިން 63 ގައުމެއްގެ ވޯޓު ލިބިވަޑައިގެން ކަމަށެވެ. އޭނާ ވަނީ 2010 ވަނަ އަހަރު ވެސް އެ ކޮމިޓީ އަށް ހޮވިވަޑައިގެންފަ އެވެ. އަދި އޭނާއަކީ އޭޝިޔާގެ ގައުމުތަކުން އެ ކޮމެޓީ އަށް ހޮވިވަޑައިގަތް ފުރަތަމަ ދެ ބޭފުޅުންގެ ތެރޭގައި ހިމެނޭ ބޭފުޅެކެވެ.އެ ކޮމެޓީއަކީ އެކި ގައުމުތަކުގައި ހިންގާ އިންސާނިއްޔަތާ ހިލާފު އަމަލުތަކާއި ދަށު ދަރަޖައިގެ އަމަލުތައް ހުއްޓުވޭނެ ގޮތެއް ގާއިމް ކުރުމަށް މަސައްކަތްކުރާ ކޮމެޓީއެކެވެ. މީގެ އިތުރުން އެ ކޮމެޓީން އެކި ގައުމުތަކުގެ ޖަލުތަކާއި މީހުން ބަންދުކުރާ ތަންތަނަށް ޒިޔާރަތްކޮށް ގައިދީންގެ ހައްގުތައް ހިމާޔަތްކޮށްފައިވޭތޯ ވެސް ބަލާނެ އެވެ.ގާޒީ ޝުޖޫނަކީ މޯލްޑިވްސް ޑީޓެއިނީ ނެޓްވޯކްގެ ފައުންޑާ މެންބަރެކެވެ. އަދި މަދަނީ ޖަމިއްޔާތަކާއި ސަރުކާރުގައި މަސައްކަތް ކުރެއްވި އިރު އިންސާނީ ހައްގުތައް ހިމާޔަތްކޮށް ރައްކާތެރި ކުރުމަށް ހޭލުންތެރި ކުރުވުމުގައި އިސް ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ.ޝުޖޫން ދެ ވަނަ ދައުރު ފައްޓަވާނީ އަންނަ އަހަރުގެ ޖެނުއަރީން ފެށިގެންނެވެ. ގާޒީ ޝުޖޫން އެ ކޮމެޓީ އަށް ހޮވިވަޑައިގަތުމުން ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވަނީ އޭނާ އަށް މަރުހަބާ ވިދާޅުވެފަ އެވެ. މިނިސްޓަރު ވިދާޅުވީ މިއީ އެސްޕީޓީގައި ޝުޖޫން މިނިވަންކަމާ އެކު ކޮށްދެއްވި އަގުހުރި މަސައްކަތާއި ގާޒީގެ ގާބިލިއްޔަތުކަން ގައުމުތަކުން ބަލައިގެންފައިވާ ކަމުގެ ހެއްކެއް ކަމަށެވެ. އަދި މިއިން ސާބިތުކޮށްދެނީ އިންސާނީ ހައްގުތައް ހިމާޔަތްކުރުމުގަ އާއި ހޯދައިދިނުމުގައި ހާއްސަކޮށް އަނިޔާ ހުއްޓުވުމުގައި ރާއްޖެއިން އަދާކޮށްފައިވާ ދައުރު ބައިނަލްއަގުވާމީ ގައުމުތަކުން ބަލައިގެންފައިވާ މިންވަރު ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އިންސާނީ ހައްގުތައް ހިމާޔަތްކުރުމަށް ރާއްޖެއިން އެންމެ ފަހުން ކޮށްފައިވާ މަސައްކަތްތަކުގެ ތެރޭގައި އެންޓި ޓޯޗާ ގާނޫނަށް އަމަލުކުރަން ފެށުން ހިމެނެ އެވެ. އެ ގާނޫނު ވުޖޫދަށް އައީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ