65 އަހަރުވުމަކީ ނުވަތަ ރިޓަޔަރ ކުރުމަކީ ދިރިއުޅުމުގެ ނިމެއް ނޫނެވެ. ހަރަކާތާއި މަސައްކަތް ހުއްޓާލާ އަތް އުރާލައިގެން ތިބެންޖެހުމެއްވެސް ނޫނެވެ. ތިމާމެން ބެލެހެއްޓުން އެހެން ބަޔަކާ މަތިވުމެއް ވެސް ނޫނެވެ. ހަރަކާތް ހުއްޓާލާ އަރާމާ އުފާތައް ދޫކޮށް މަރުނޫން އެހެން ކަމެއް ނެތްކަމަށް ދެކި ތިމާގެ ހަޔާތް ނިމުނީކަމަށް ގަބޫލުކުރަންޖެހޭ ސަބަބެއް ވެސް ނޫނެވެ.
65 އަހަރުވުމުން މަސައްކަތް ހުއްޓާލާ އެހެން ބައެއްގެ ބެލެހެއްޓުމުގެ ދަށުގައި ތިބެންޖެހޭ ކަމަށް ގަބޫލު ކުރުމަކީ ބަލި މަޑުކަމަށް ހުށަހޮޅި އުމުރު ކުރުވާ ކަމެކެވެ. ކަންނެތްވެ ނާއުންމީދު ވާކަމެކެވެ. 65 އަހަރު ވުމަކީ ބަލި އެނދުގައި ހޮޅިތައް ގުޅައިގެން އޮތުމުގެ އުމުރުފުރާ ކަމަށް ގަބޫލުކުރެވުމަކީ ވަރަށް ދެރަކަމެކެވެ. މިގޮތަށް ގަބޫލުކުރަނީ ހަމައެކަނި 65 މަތިވާ މީހުން އެކަންޏެއް ނޫނެވެ. އާއްމުކޮށް ދިވެހި ހުރިހާ އުމުރު ފުރައެއްގެ މީހުންވެސް ގަބޫލުކުރާ ގޮތުގައި 65 އަހަރުވުމުން އެ މީހަކު އެހުރީ ނިމިފައެވެ.
އުމުރު 60އިން މައްޗަށް ދިޔުމުން މުޖުތަމައުގައި އެމީހަކު އެހުރީ ބޭކާރުވެފައިކަމަށް ދެކެނީ މަދު ބަޔަކުނޫނެވެ. ސިޔާސަތު ކަނޑައެޅުމާއި މުސްތަގުބަލަށް ރޭވުމުގައި 65 އަހަރުން މަތީގެ މީހުންގެ ބޭނުމެއް އޮންނަ ކަމަކަށް ގިނަ ބަޔަކު މިހާރު ގަބޫލެއް ނުކުރެއެވެ. މުޅި މުޖުތަމައުގެ ނިޒާމް ތަރުތީބުވެ ބައްޓަންވަމުން ދަނީ މުސްކުޅިކުރުމާއި ބާކީ ކުރުމާ ދިމާލަށެވެ.
އުފެއްދުންތެރި ތަޖުރިބާކާރު އިލްމީ އެތައް ބަޔަކު އިޖުތިމާއީ ހިދުމަތުން މިއަދުވެސް ތިބީ ބޭރުކޮށް ލެވިފައެވެ. ރިޓަޔަރ އުމުރަށް ދާމީހެއްގެ ހިޔާލާ ފިކުރުވެސް މުސްކުޅިވެ މުޖުތަމައަށް ބަލައެއް ނުގަނެއެވެ. މުޖުތަމައުގައި މުސްކުޅިންނަކީ ބަލި އެނދުގައި ނުވަތަ ޑޭކެއަރ ސެންޓަރު ތަކެއްގައި ތިބެން ޖެހޭ ބައެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރުމުން ގައުމީ ހިދުމަތުން ޖީލެއް ބާކީ ކޮށްލެވެނީއެވެ.
އަނެއްކޮޅުން މުޖުތަމައާއި އާއިލާ އުފުލަންޖެހޭ ބުރަޔަކަށް މުސްކުޅިން ވެގެން ދަނީއެވެ. ދައުލަތުގެ ވެލްފެއަރ ނިޒާމަށް އޮތް ބުރައަކަށް އުމުރުން ދުވަސްވީ މީހުން ވެދެއެވެ. ރިޓަޔަރ ކުރުމުން މުޖުތަމައުން ބާކީކުރާ ވިސްނުން އަށަގެންފައި ވާވަރުން 65 ފަސް އަހަރުވުމުން އަމިއްލައަށް ބާކީވެ ގަންނަ ހީވާގި ހަރަކާތްތެރި މީހުން ވެސް މަދެއް ނޫނެވެ.
އަމިއްލަ ކަންކަމަށް ބޭނުންވާ ހަރަދު ބަރަދު ހަމަޖައްސަން ދައުލަތަށް ނުވަތަ އެހެން ބަޔަކަށް ބަރޯސާވުމާއި ދަރިންނަށް ބަރޯސާވުން ވަނީ އާއްމުވެފައެވެ. ކުރެވޭވަރުގެ ކަންކަން ކުރުމަކީ ވެސް ނުކުރެވޭ ކަމަކަށްވެ މަރުވާން ދުވަސް ގުނާލަ ގުނާލާ ތިބުން އާއްމުވެއްޖެ ކަހލައެވެ. ހަށިގަނޑުގެ ދުޅަހެޔޮކަމާއި ނަފްސާނީ ދުޅަހެޔޮކަން ދަމަހައްޓަން ހަރަކާތްތެރިވުމުގެ އުންމީދެއް ވެސް ނެތް ކަހަލައެވެ.
އަނެއްކޮޅުން ދިރިއުޅުމުގެ ވައްޓަފާޅި ހުންނަގޮތުން އުމުރުން 40 އަހަރުނުވަނީސް ގިނަ މީހުން ކޮންމެވެސް ބައްޔަކަށް ދާއިމީ ބޭސް ކައެވެ. އެހެން އެކަން އޮތުމުން ހަގީގަތުގައި ވެސް 65 އަހަރު ނުވަނީސްވެސް ގިނަ ދިވެހިންނަށް ދިރިއުޅުމުގެ އުންމީދު ކެނޑެއެވެ. ގިނަ ބަޔަކަށް އަބަދުމެ ޖެހެނީ ފާޑުފާޑަށް ހޮޅިގުޅައިގެން އެނދުމަތިވެ އޮންނާށެވެ.
ރާއްޖޭގައި އޮންނަ މުސްކުޅިކުރުމުގެ ވިސްނުމާއި ނިޒާމުގެ ތެރެއިން ދިރިއުޅުމުގެ އުންދީ އެކީ އެކައްޗަކަށް ކަނޑުވާލައެވެ. 65 އަހަރުވުމަކީ މީހެއްގެ ހަޔާތުގެ ނިމުން ކަމަށް މުސްކުޅިކުރެވޭ މީހާއި މުޖުތަމައުން ގަބޫލުކުރެވެއެވެ. އެ ވިސްނުން ކުރުން ބަދަލުވާން ޖެހެއެވެ. ރިޓަޔަރ ކުރުމުން ނުވަތަ 65 އަހަރުވުމުން ހަރާކާތްތެރިކޮށް އަމިއްލަ ފައިމައްޗަށް ތެދުވެގެން އުޅޭ ދުޅަހެޔޮ ބަޔަކަށް އެ އުމުރުފުރާ ހަދަން ޖެހެއެވެ. ފުރަތަމަ ޖެހެނީ ދެކޭގޮތް ބަދަލުކޮށްލާށެވެ.
65 އަހަރުން މަތީގެ މީހުންނާ މެދު ވިސްނާ ވިސްނުން ސޯޝަލް ވެލްފެއަރއާއި ބޭސްފަރުވާއާއި ޑޭކެއަރ ސެންޓަރތަކާ ހަމައިން ނިންމޭކަށް ނެތެވެ. ހަރަކާތްތެރި މުރާލި އަމިއްލަ ފައިމައްޗަށް ތެދުވެތިބޭ ދުޅަހެޔޮ އުމުރުފުރައަކަށް 65 މަތީގެ މީހުން ހެދުމަށް ފަހި މުޖުތަމައަކަށް ވާންޖެހެއެވެ. ސިޔާސަތުތަކާއި ގަވައިދުތަކާ ގާނޫނުތަކާއި ވަށާޖެހޭ އަވަސް އަމަލީ ފިޔަވަޅުތަކެއް ކޮންމެހެން ބޭނުމެވެ. ދުވަސްވީ މީހުންނަކީ ބޭކާރު ބަޔަކަށްވެ ދައުލަތަށް އޮތް ބުރައަކަށް ނުވާނޭ ގޮތަށް ކަންކަން ތަރުތީބު ވާން ޖެހެއެވެ. 65 އަހަރުވުމަކީ ދިރިއުޅުން ނިމުމުގެ ލައިސަންސް ކަމަށް މުޖުތަމައު ގަބޫލުކުރާ ކުރުން ބަދަލުވާން ޖެހެއެވެ.
65 އަހަރުވުމަކީ ދިރިއުޅުން ނިމުމުގެ ލައިސަންސެއް ނޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ