ވޯލްޑްކަޕް ވޯލްޑްކަޕް ރަން ބޫޓަށް ވާދައެއް ނުކުރަން، އުންމީދަކީ ހާލަންޑް މަޑުން ހުންނާނެ ކަމަށް: ކޭން

ނޯވޭގެ ފޯވާޑް އާލިން ހާލަންޑާ އަޅައިކިޔުމާ ދުރުވެ، ވޯލްޑް ކަޕް 2026 ގެ ރަން ބޫޓް ރޭހަށް ވުރެ ޓީމުގެ ކާމިޔާބީ އިސްކުރާނެ ކަމަށް އިންގްލެންޑުގެ ކެޕްޓަން ހެރީ ކޭން ބުނެފިއެވެ.
ގޯލްޑެން ބޫޓް ރޭހުގައި ހާލަންޑް ހަތް ގޯލް ޖަހާފައިވާ އިރު، ކޭން އޮތީ ހަ ގޯލާއެކު އެއް ގޯލު ފަހަތުގައެވެ. މި ދެ ކުޅުންތެރިންގެ ކުރީގައި ލިއޮނެލް މެސީ އާއި ކީލިއަން އެމްބާޕޭ ކޮންމެ ކުޅުންތެރިއަކު އަށް ގޯލު ޖަހައިގެން ލީޑުކޮށްފައިވެއެވެ. ދެ ކުޅުންތެރިންގެ ތެރެއިން މޮޅީ ކާކުތޯ ސުވާލުކުރުމުން، 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ރަން ބޫޓު ހޯދި ކޭން ވަނީ ޑިޕްލޮމެޓިކް ގޮތަކަށް އެ ސުވާލުން ރެކިފައެވެ.
”އެއީ އަހަންނަށް ޖަވާބުދެވެން ނެތް ސުވާލެއް. ފުރަތަމަ ކަމަކަށް، އަހަރެމެން ދެ މީހުންނަކީ މުޅިން ތަފާތު ދެ ކުޅުންތެރިން. ދެ މީހުންނަކީ ވެސް ސީނިއާ ސްޓްރައިކަރުންކަން އެނގޭ، އެކަމަކު ދެ މީހުން ކުޅެނީ ގާތްގަނޑަކަށް ދެ ޕޮޒިޝަނެއް،“ ނޫސްވެރިންނާ ވާހަކަދައްކަމުން ކޭން ބުންޏެވެ.
ނަމަވެސް އުމުރުން 32 އަހަރުގެ ކޭން ވަނީ ވާދަވެރިޔާއަށް ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ. ”އާލިން ވަރަށް މޮޅު. ފިޒިކަލް ގޮތުން އޭނާ އަކީ މެޝިނެއް، ބީސްޓެއް. ގޯލު ޖެހުމުގެ ފެންވަރު ހުރީ އެންމެ މަތީގައި. ގޯލު ޖެހުމުގެ ރެކޯޑުން ހުރިހާ ވާހަކައެއް ކިޔައިދޭ،“ ކޭން ބުނެފައިވެއެވެ. ”އޭނާއަށް ވަރަށް ބޮޑަށް އިހުތިރާމުކުރަން. އެކަމަކު އުންމީދަކީ މާދަމާ އޭނާއަށް ހަމަހިމޭން ދުވަހަކަށް ވާނެ ކަމަށް،“
ކޭން ބުނީ އޭނާގެ މައިގަނޑު އަމާޒަކީ އިންގްލެންޑާ އެކު ވޯލްޑް ކަޕް ކާމިޔާބުކުރުން ކަމަށާއި ބޭނުންވަނީ ރަން ބޫޓެއް ނޫން ކަމަށެވެ. އެކަމަކު އޭނާއަކީ ގޯލު ޖަހާ ކުޅުންތެރިޔަކަށްވުމުން، އެކަމުގައި ޓީމަށް އެހީތެރިވާނެ ކަމަށް ކޭން ބުންޏެވެ.
ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުގައި ނޯވޭއާ ދެކޮޅަށް އިންގްލެންޑުން ނުކުންނާނީ ރާއްޖޭގަޑިން ދަންވަރު 2:00 ގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ