ޢުމުރުން ދުވަސްވީ މީހުން ނިސްބަތުން ގިނަ އާބާދީއަކާއި ދިމާއަށް ދިވެހިރާއްޖެ މިސްރާބު ޖަހާފައިވާ ދަނޑިވަޅެއްގައި، އެ އާބާދީއަށް އެއްބާރުލުން ދިނުމަށްޓަކައި، އޮނިގަނޑުތައް ދަމަހައްޓައި ޒުވާނުންގެ ޞިއްޙަތަށް ވުނަކުރުމަކީ ލާޒިމު ކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިކަން ފާހަގަކުރައްވާފައިވަނީ، ދުނިޔޭގެ އާބާދީ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި މެސެޖުގައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ސަރުކާރުން ޒުވާނުން ކުރިއެރުވުމަށް ޚާއްޞަ ސަމާލުކަމެއް ދެމުންދާ މި ދަނޑިވަޅުގައި ޤައުމުގައި އިތުރުވަމުންދާ ދުވަސްވީ މީހުންގެ އާބާދީއަށް އެއްބާރުލުންދިނުމަށް ތައްޔާރުވާންޖެހޭ ކަމަށެވެ. އެގޮތުން މިއަދުގެ ޒުވާނުންގެ ކިބައިގައި ދުޅަހެޔޮ އާދަތައް އަށަގަންނުވައިގެން، ދިގުދެމިގެންދާ ބަލިމަޑުކަމުން ޒުވާނުން ރައްކާތެރިކޮށް، ދުވަސްވުމާ ގުޅިގެން ކުރިމަތިވާ ބަލިމަޑުކަމާއި ކުރިމަތިލާންޖެހޭ ޢުމުރު ފަސްކުރުމަށް މަސައްކަތް ކުރުމުގެ ސަބަބުން، އުފެއްދުންތެރި މަސައްކަތްތެރީންނާއި މަދަދުވެރީން ބިނާކުރެވޭނެ ކަމަށް ވިދާޅުވިއެވެ.
ކެއަރ އިކޮނޮމީގައި ވުނަކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވައި ރައީސް ވިދާޅުވީ، އެފަދަ ވުނަކުރުމުން ދުވަސްވީ މީހުންނަށް ފެންވަރު ރަނގަޅު ޞިއްޙީ ފަރުވާ ކަށަވަރުކޮށްދީ، އެފަދަ ފަރާތްތަކަށް ބޭނުންވާ އިޖުތިމާޢީ އެއްބާރުލުން ފޯރުކޮށްދެވޭނެ ކަމަށެވެ. އަދި ޢާއިލާތަކަށް، ވަކިން ޚާއްޞަކޮށް އަންހެނުންނާއި އަންހެން ކުދީންނަށް، އާމްދަނީއެއް ނުލިބޭ ގޮތަށް މީހުން ބެލުމަށް އޮންނަ އިލްތިޒާމު ލުއިކޮށްދެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.
މީހުންނަށް އަޅައިލުމުގެ ޚިދުމަތްތައް ހަރުދަނާކޮށްދީގެން، އިންސާނީ ކަރާމާތް ނަގަހައްޓައި، ދުވަސްވީ މީހުންނަށް މަސައްކަތްތެރި އާބާދީގައި ބައިވެރިވުމުގެ ފުރުޞަތުދީ، މިހާރަށްވުރެ ވިލުންތެރި، ޝާމިލު އަދި ފާގަތި ދިވެހިރާއްޖެއެއް ބިނާކުރެވިދާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ދެމެހެއްޓެނިވި ތަރައްޤީ ބަރޯސާ ވަނީ ހަމައެކަނި އާބާދީގެ ކުޑަބޮޑުމިނުގެ މައްޗަށް ނޫންކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ ދެމެހެއްޓެނިވި ތަރައްޤީއަކީ، ޤައުމެއްގެ ޒުވާނުންގެ ފުރިހަމަ ޤާބިލިއްޔަތު ބޭނުންކުރުމަށް ޒުވާނުން ބާރުވެރިކޮށްދެވޭ މިންވަރުގެ މައްޗަށް ބަރޯސާވާ ކަމެއް ކަމަށެވެ. އަދި ރާއްޖެ މިއަދު މި ވަނީ، އާބާދީގެ ނިސްބަތްތައް ބަދަލުވަމުންދާ މުހިންމު އިންތިޤާލީ މަރުޙަލާއެއްގައި ކަމަށާއި، "މޯލްޑިވްސް 2.0" މަސައްކަތުގެ ތެރެއިން ޢާންމު ޚިދުމަތްތައް ޒަމާނީކޮށް، ޑިޖިޓަލް އިންފްރާސްޓްރަކްޗަރ ތަރައްޤީކޮށް، ހަރުދަނާ ޑިޖިޓަލް އިޤުތިޞާދެއް ބިނާކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް 39 އިންސައްތައަކީ ޒުވާނުން ކަމުގައިވާއިރު، ޒުވާނުންނަށް ފެންވަރު ރަނގަޅު ތަޢުލީމު ފޯރުކޮށްދީ، މާނަހުރި ވަޒީފާގެ ފުރުޞަތުތައް ހޯދައިދިނުމަކީ، މި ސަރުކާރުން އަހުމިއްޔަތުކަންދޭ ކަމެއް ކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ އިންސާނީ ތަރައްޤީގެ ލަނޑުދަނޑިތަކާއެކު، އާބާދީގެ އަދާހަމަ ތަފާސްހިސާބު އެއްކޮށް، ތަރައްޤީގެ ސިޔާސަތުތައް ބިނާކުރެވެނީ މުޖުތަމަޢަށް ބޭނުންތެރި ކަންކަމުގެ މައްޗަށްކަން ކަށަވަރު ކުރެވެންޖެހޭ ކަމަށެވެ. އެގޮތުން، އާބާދީއާ ގުޅުންހުރި ޞައްޙަ އަދި އެންމެފަހުގެ މަޢުލޫމާތު ރަށުފެންވަރުގައި އަދާހަމަ ކުރެވޭނޭ ފަދަ ގޮތަކަށް އިދާރީ ދަފުތަރުތައް ހަރުދަނާކޮށް، ހެކީގެ މައްޗަށް ބިނާކޮށްގެން ނިންމުންތައް ނިންމުން އިތުރުކޮށް، ހިންގުމުގެ ޚަރަދު ކުޑަކޮށް، ދައުލަތުގެ ކުރުންތެރިކަން މިހާރަށްވުރެ އިތުރު ކުރުމުގެ މަސައްކަތް ކުރިއަށްދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އެއްވެސް މީހެއް ބާކީނުވާނޭކަން ކަށަވަރު ކުރުމަށް ގެނެވޭ ޤާނޫނީ އިޞްލާޙުތަކުން ބާރު ލިބިގެން އަދި ޝާމިލު މަގުޗާޓެއްގެ އެހީގައި، 2030 ވަނަ އަހަރުގެ ބޯހިމެނުން ކުރިއަށް ގެންދަވަން ގަސްދުކުރައްވަނީ، އިދާރީ ދަފުތަރުތަކާއި، ބޯހިމެނުމުގައި މިހާތަނަށް ގެންގުޅެމުންދިޔަ އުސޫލުތައް އެކުލަވާލައިގެން ޤާއިމުކުރެވޭ ހައިބްރިޑް އުސޫލަކުން ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ދުވަސްވަމުންދާ އާބާދީއެއް، ޒުވާނުންގެ ޞިއްޙަތަށް ވުނަކުރުން ލާޒިމު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ