ފެނަކައާ ހަވާލުކުރި ގިނަ މަޝްރޫއުތަކެއް ދެ އަހަރުން ނިންމަނީ

ފެނަކަ ކުންފުންޏާއި ޙަވާލުކޮށްފައިވާ ގިނަ މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތް މިއަހަރު ތެރޭ ފަށައި މިއަހަރާއި އަންނަ އަހަރު ތެރޭ އެ މަސައްކަތްތައް ނިންމާލުމަށް މަސައްކަތް ކުރައްވަމުންދާ ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އަފީފު ޙުސައިން ވިދާޅުވެއްޖެއެވެ.
އަފީފް ވިދާޅުވީ، ސަރުކާރުގެ ގިނަ މަޝްރުޢޫތައް ފެނަކަ ފަދަ ސަރުކާރުގެ ކުންފުނިތަކާއި ޙަވާލުކޮށްފައިވަނީ، މަޝްރުޢޫތައް ވީހާވެސް އަވަހަށް ނިންމުމަށް ކަމަށެވެ.
ދިވެހިރާއްޖޭގެ އަޑުގެ އަހާށޭ ބުނާނަން ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ޙުސެއިން އަފީފް ވަނީ، ސަރުކާރުން އެކުންފުންޏާއި 217 މަޝްރޫޢެއްގެ މަސައްކަތް އެއްކޮށް ހަވާލުކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް މި މަޝްރޫޢުތަކުގެ ތެރެއިން ޢަމަލީ މަސައްކަތް ފެށިފައިނުވާ މަޝްރޫޢުތައް ހުރިކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ، މިހާރު މަސައްކަތް ކުރަމުންދަނީ ސައިޓުތަކުގެ މަސައްކަތް ނިންމައި އަވަހަށް މަސައްކަތް ފެށުމަށް ކަމަށެވެ. އޭނާ ވަނީ، މިހާތަނަށް 6 ސައިޓެއްގެ މަސައްކަތް ކުންފުންޏާއި ޙަވާލުވި ފަހުން 2 މަސް ދުވަހުގެ ތެރޭގައި ފަށާފައިވާކަން ފާހަގަކުރައްވާފައެވެ.
އެމްޑީ ވިދާޅުވީ ސައިޓުތަކުގެ މަސައްކަތް ފަށަން ބަލާލާއިރު، އެކަމުގައި ގޮންޖެހުންތަކެއް ހުރި ކަމަށެވެ. އޭގެ ތެރޭގައި ކޭޝްފްލޯގެ މައްސަލަތައް ހުރިނަމަވެސް ސައިޓުތަކުގެ މަސައްކަތް ފަށައި، މަސައްކަތް ބާރުސްޕީޑުގައި ކުރިއަށް ގެންދަން އަމާޒު ހިފާފައިވާ ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑުމެން ހުރިހާ ޕްރޮޖެކްޓަށްވެސް މިހިރީ ލާރިތަކެއް ކަނޑައަޅައި ބާރު ސްޕީޑުގައި ކުރިއަށް ގެންދަން ތައްޔާރުވެފައި. ގާތްގަނޑަކަށް މިއަހަރު ތެރޭގައި ހުރިހާ ސައިޓެއްގެ މަސައްކަތް ފެށޭތޯ މި ބަލަނީ. މިއަހަރާއި އަންނަ އަހަރާއި އެކީގައި ހުރިހާ ސައިޓެއްގެ މަސައްކަތް ނިންމާލުވުމަށް މަސައްކަތް ކުރަމުންދަނީ. ދެން ވަރަށް ގިނަ ޕްރޮޖެކްޓްތައް ވީމަ ވަރަށް ގިނަ ޚަރަދުތަކުގެ ވާހަކަ އެހެންނަމަވެސް އެމަގަށް މަސައްކަތް ކުރަމުން މިދަނީ." ފެނަކަ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަފީފް ވިދާޅުވިއެވެ.
ފެނަކަ ކުންފުންޏާއި ޙަވާލުވެފައި ހުރި މަސައްކަތްތަކުގެ އިތުރުން، ކުންފުނީގެ އެތެރޭގެ އަމިއްލަ މަސައްކަތްތައްވެސް އަވަހަށް ނިންމުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެމްޑީ އަފީފް ވިދާޅުވިއެވެ. މިމަސައްކަތްތައް ކުރިއަށްދިޔަ ގޮތަށް ބަލާލާއިރު، ސައިޓުތަކަށް ސާމާނު ގެނެސް އެދެވޭ ގޮތަށް ބޭނުން ނުކުރެވުމުން ބައެއް ހާލަތްތަކުގައި މީގެކުރިން ގެންލުންވެފައިވާކަން އެމްޑީ ފާހަގަކުރެއްވިއެވެ.
"މިސާލަކަށް އެންމެ ފުރަތަމަ ފުރާޅު އަޅަން ބޭނުންވާ ތަކެތި ލިބެނީ، ފައުންޑޭޝަން އަޅަން ބޭނުންވާ ތަކެތީގެ ކުރިން އެހެންވީމަ ސައިޓަށް ތަކެތި ގެންދިޔާމަ ހުރެގެން ހަލާކުވުމުގެ ފުރުސަތު ބޮޑުވާނެ. އެކަހަލަ ބައެއް ކަންތައްތައް ކުރެވިފައި ހުރިގޮތުން ބައެއް ދަތިތައް ދިމާވި. އެހެންނަމަވެސް އަޅުގަނޑުމެން މިހާރު ބަލަމުން މިގެންދަނީ އެގޮތުން ކުރިއަށް ގެންދިއުމަށް ފަށާފައި ނުނިމި ހުރި މަޝްރުޢޫތައް ވީހާވެސް އަވަހަކަށް ކުރިއަށް ގެންދެވޭތޯ ވީހާވެސް ހަލުވިކޮށް ކުރިއަށް ގެންގޮސް ނިންމާލެވޭތޯ." އެމްޑީ އަފީފް ވިދާޅުވިއެވެ.
ފެނަކަ ކުންފުނީގެ މަސައްކަތްތައް ވީހާވެސް އަވަހަށް ނިންމުމަކީ އަމާޒަކަށްވާއިރު، ކުންފުނީގެ މަސައްކަތް ނުފެށޭނަމަ ރައްޔިތުންގެ އިތުބާރު ގެއްލޭނެކަން އެމްޑީ ވަނީ ފާހަގަކުރައްވާފައެވެ. އެހެންކަމުން ޢަމަލީގޮތުން މަސައްކަތް އަވަހަށް ފަށައި، މިއަހަރާއި އަންނަ އަހަރު 2028އާއި ހަމައަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުތަކުގެ ތެރެއިން އެކުންފުންޏާއި ހަވާލުވެފައި ހުރި މަސައްކަތްތައް ނިންމަވާނެ ކަމުގެ ޔަޤީންކަން އެމްޑީ އަފީފް ވަނީ ދެއްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ