ޕީއެންސީގެ ދާއިރާތަކުގެ އިންތިހާބުގައި ވޯޓުލެވޭ މީހުންގެ 85 ޕަސެންޓް ވޯޓުލާފައިވާ ކަމަށް އެ ޕާޓީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
މިއަދުގެ ހެނދުނު 9:00 އިން ހަވީރު 4:00 އަށް ބޭއްވި ޕީއެންސީގެ އެތެރޭގެ އިންތިހާބާ ގުޅޭ މައުލޫމާތު ދިނުމަށް ކޮންގްރެސް ޕާޓީގެ މައި ޖަގަހައިގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަބްދުއްރަހީމް ވިދާޅުވީ، ގާތްގަނޑަކަށް 40،000 މެމްބަރުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާއިރު އޭގެ ތެރެއިން 85 ޕަސެންޓް މީހުން ވޯޓުލާފައިވާ ކަމަށެވެ. އެއީ ގާތްގަނޑަކަށް 33،000 މީހުންނެެވެ.
"ވޯޓު ފޮށި ބަންދުކުރުމާ ހަމައަށް ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ 85 ޕަސެންޓު ގާތްގަނޑަކަށް މިވަނީ ވޯޓުލާފައި. އެއީ ގާތްނޑަކަށް 32،000 އާއި 33،000އާ ދެމެދުގެ އަދަދެއް. ފައިނަލް އަދަދު ދަންނަވާލަން އެނގޭނީ ވޯޓުގެ ނަތީޖާ ލިބުނީމަ،" އަބްދުއްރަހީމް ވިދާޅުވި އެވެ.
އެ އިންތިހާބުގައި ވާދަކުރި 2،500 އެއްހާ ކެންޑިޑޭޓުންނަށް ވޯޓުލުމަށް މާލޭގެ އިތުރުން ރަށްރަށް ހިމެނޭ ގޮތަށް 119 ވޯޓު ފޮށި ބެހެއްޓި އެވެ.
އަބްދުއްރަހީމް ވިދާޅުވީ އެ އަދަދަށް ވޯޓު ފޮށި ބެހެއްޓިޔަސް އެހާ ގިނަ އަދަދެއްގެ ބަޔަކު ވޯޓުލާފައިވުމަކީ އެ ޕާޓީއާ މެދު ރައްޔިތުންގެ މެދުގައި ޝައުގުވެރިކަން އޮތްކަން ހާމަވާ ކަމެއް ކަމަށެވެ. އެކަމުން ރައީސް ޑރ. މުހައްމަދު މުއިއްޒަށް އިތުބާރު އޮތް މިންވަރު ވެސް ހާމަވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ދެންނެވި އަދަދަށް ވޯޓުފޮށި ބަހައްޓައިގެން ވޯޓުލުން ކުރިއަށް ގެންދިޔައީމާ، މި ދެންނެވި އަދަދަށް ވޯޓުލީމާ އެއީ ވަރަށް ބޮޑު އަދަދެއް އަދި މި ކަހަލަ ޕާޓީގެ އެތެރޭގެ އިންތިހާބެއްގައި. މީގެއިން މި އެނގިގެން ދަނީ ކޮންގްރެސް ޕާޓީއާ މެދު ރައްޔިތުންގެ މެދުގައި ޝައުގުވެރިކަން އޮތް މިންވަރު،" އަބްދުއްރަހީމް ވިދާޅުވި އެވެ.
"އަދި މި ޕާޓީ އާއި ރައީސުލްޖުމްހޫރިއްޔާ އަށް އިތުބާރު އޮތް މިންވަރު މި ދައްކައިދެނީ. އެހެން ނޫން ނަމަ، ޕާޓީގެ އެތެރޭގެ އިންތިހާބެއްގައި 2،000-3،000 މީހުން ވާދައެއް ނުކުރާނެ،"
އަބްދުއްރަހީމް ވަނީ ސުލްހަވެރިކަމާއި އަމާންކަމާ އެކު އިންތިހާބު ބޭއްވުނީ ޕާޓީގެ މެމްބަރުންގެ މަސައްކަތުން ކަމަށާއި އެހެންވެ، އެ އިންތިހާބުގައި ވާދަކުރި ކެންޑިޑޭޓުންނަށް ވެސް އެކަމަށްޓަކައި ޝުކުރު އަދާކުރައްވައިފަ އެވެ.
އެހާ އަމާންކޮށް އެ އިންތިހާބު ނިންމާލެވުމުން ހާމަވަނީ ޕީއެންސީއަކީ ސުލްހަވެރިކަމާއި މަސްލަހަތު އިސްކުރާ ޕާޓީއެއް ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
ޕީއެންސީގެ ދާއިރާތަކަށް އިންތިހާބުކުރާނީ ދާއިރާ ރައީސާއި ދާއިރާގެ ނައިބު ރައީސާއި އަންހެނުންގެ ހަރަކާތުގެ ރައީސާއި ޒުވާނުން ހަރަކާތުގެ ރައީސް އަދި ސްޓިއަރިން ކޮމިޓީގެ ރައީސް އެވެ.
ޕީއެންސީގެ ކޮންގްރެސް ބާއްވަން ނިންމާފައި ވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 15 އިން 18 އަށެވެ.
ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި 33،000 އެއްހާ މީހުން ވޯޓުލި: އަބްދުއްރަހީމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ