ޓިއުޝަން ނަގާ ވަގުތު އިތުރުވާތީ މިނިސްޓަރު: ކުދިންގެ ހިތް އުފާވާ ކަންކަން ކުރަން ވެސް ވަގުތު ދޭން ޖެހޭ
ރާއްޖޭގައި ޓިއުޝަން ނެގުމުގެ ސަގާފަތް އަށަގެންފައިވާ މިންވަރަށް އެޑިއުކޭޝަން މިނިސްޓަރު އިސްމާއިލް ޝަަފީއު އަލިއަޅުއްވާލައްވައި، ދަރިވަރުންގެ ހިތް އުފާވާ ކަންކަން ކުރަން ވެސް ވަގުތު ދޭން ޖެހޭ ކަމަށް ވިދާޅުވެއްޖެއެވެ. މިނިސްޓަރު އެފަދައިން ވިދާޅުވެފައިވަނީ މަތީ އަރުތަވެރިންގެ އިނާމުދިނުމުގެ ރަސްމިއްޔާތުގައި މިއަދު ދެއްކެވި ވާހަކަފުޅުގައެވެ. މިނިސްޓަރު މިއަދު ވަނީ، މިހާރަށްވުރެ ބޮޑަށް ހުރިހާ ގްރޭޑެއްގެ ދަރިވަރުން ވެސް އުނގެނުމަށް ޒިންމާދާރުވާން ޖެހޭކަން ފާހަގަކުރައްވައި، އަދުގެ ނަތީޖާތަކާމެދު ފަޚުރުވެރިވާއިރު މިއީ ހާސިލްވާނެ އެންމެ މަތީ ނަތީޖާތޯ ވިސްނަން ޖެހޭކަމަށް ވިދާޅުވެފައެވެ. އަޅުގަނޑު ގަބޫލުކުރާ ހިތުން މިހާރު މި ހޯދާ ނަތީޖާއަށްވުރެ ރަނގަޅަށް އަޅުގަނޑުމެންނަށް އެންމެން ގުޅިގެން މަސައްކަތް ކޮށްފިނަމަ މާ ރަނގަޅު ނަތީޖާއެއް ހޯދިދާނެ. މިކަން ކުރުމުގައި އެންމެ މުހިންމު އެއްކަމެއްގެ ގޮތުގައި އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވަނީ ދަރިވަރުން މިހާރަށްވުރެ ބޮޑަށް އުނގެނުމަށް ޒިންމާވުން. އެޑިއުކޭޝަން މިނިސްޓަރު އިސްމާއިލް ޝަފީއު މިނިސްޓަރު ވަނީ ދަރިވަރުންގެ އުނގެނުމުގެ ޝައުގުވެރިކަން މިހާރަށްވުރެ އިތުރުވާން ޖެހޭ ކަމަށާއި ޝައުގުވެރިކަން އިތުރުވެ އަމިއްލައަށް އުނގެނުމަށް ޒިންމާ ނަގާނަމަ، އެއީ އެ ކުދިންގެ ވިސްނުމާއި ފިލާވަޅު އުނގެނުމަށް ބޭނުންވާ އެކިއެކި އުކުޅުތައް ތަރައްގީވާނެ ކަމެއް ކަމަށް ވިދާޅުވެފައެވެ. މިއާއެކު މިނިސްޓަރު ވަނީ އަމިއްލަ އުނގެނުމަށް ޒިންމާދާރުވެ، ކަންކަން ހޯދައި ބަލައި ކަންކަމާ ދޭތެރޭ ވިސްނާ ފިކުރުކުރާ ދަރިވަރުން އުނގެނުމުގައި ދެމިހުރުމުގެ ފުރުސަތު ބޮޑުކަން ދިރާސާތަކުން ދައްކާފައިވާކަމަށް ވިދާޅުވެފައެވެ. އެހެންކަމުން މިއީ ހުރިހާ ލެވެލްއެއްގައިވެސް ބާރުއަޅާ ކަމެއް ކަމަށް ދެކޭކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. މަތީ އަރުތަވެރިންގެ އިނާމުދިނުމުގެ ޖަލްސާގެ ތެރެއިން --- ފޮޓޯ: އެޑިއުކޭޝަން މިނިސްޓަރީ މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި ވަރަށް ބޮޑަށް ޓިއުޝަން ނެގުމުގެ ސަގާފަތެއް އުފެދިފައިވާ ކަމަށެވެ. ދަރިވަރުން ހަ ގަޑިއިރު ވަންދެން ސްކޫލުގައި ހޭދަކުރުމަށްފަހު ގޭގައިވެސް ހަތަރު ގަޑިއިރާއި ހަ ގަޑިއިރުގެ ވަގުތެއް ޓިއުޝަނުގައި ހޭދަކުރާކަން ފާހަގަވެފައިވާ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. މިއީ ފުންކޮށް ވިސްނަން ޖެހޭ ކަމެއް. އަޅުގަނޑު މި ފުރުސަތުގައި ފާހަގަކޮށްލަން ބޭނުންވަނީ ދަރިވަރުންނަށް ސްކޫލުން ބޭރުން އެހީތެރިކަން ބޭނުންވާނެ، އެކަމް އެ އެހީތެރިކަން ދޭންވާނީ މަދަރުސާގައި އުނގެނޭ ފިލާވަޅުތަކުގައި ކުދިންގެ ބައިވެރިވުން ނުގެއްލޭނެ ފަދަ ގޮތަކަށް. އެޑިއުކޭޝަން މިނިސްޓަރު އިސްމާއިލް ޝަފީއު މިނިސްޓަރު ވަނީ ސްކޫލުގައި ކިޔަވައިދޭ ފިލާވަޅަށް ބޮޑަށް ސަމާލުކަންދޭން ދަރިވަރުންނަށް ވިސްނައިދޭން ޖެހޭކަމަށެވެ. އެހާ ގިނަ ވަގުތު ގޭތެރެއިން ދަރިވަރުންގެ ކިޔެވުމަށް ނެގުމަކީ އޭގެ ނޭދެވޭ އަސަރު ދަރިވަރުންގެ ދުޅަހެޔޮކަމަށް ކުރާނެ ކަމެއް ކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ. މިނިސްޓަރު ވަނީ ދަރިވަރުން ކުޅިވަރުގައި ޝާމިލުވެ ހުސްވަގުތުގައި ހިތް އުފާވާނެފަދަ ކަންކަން ކުރަން ދޫކޮށްލަން ޖެހޭ ކަމަށާއި އަމިއްލައަށް ވަގުތު މެނޭޖުކުރުމުގެ ގާބިލުކަންވެސް ދަރިވަރުންނަށް ފޯރުކޮށްދޭން ޖެހޭކަމަށް ވިދާޅުވެފައެވެ. އޭނާ ވަނީ، އަމިއްލައަށް އިސްނަގައިގެން ފިލާވަޅު ދަސްކޮށް ކިޔެވުމުގެ ކަންކަމުގައި އުޅޭ ދަރިވަރުންގެ ސިނކުޑީގައި ކަންކަން ހަރުލުމުގެ އިންސައްތައަކީ ގާތްގަނޑަކަށް 75 ޕަސެންޓާ ގާތްކުރާ އަދަދެއް ކަމަށް ދިރާސާތަކުން ދައްކާ ކަމަށް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ