2030 ވަނަ އަހަރު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ އާބާދީ އާއި ދިރިއުޅޭ ތަންތަނުގެ ބޯހިމެނުން، ޤާނޫނީ އިޞްލާޙުތަކާއެކު އިދާރީ ރެކޯޑުތައް ހިމެނޭ ގޮތަށް 'ހައިބްރިޑް' އުސޫލަކުން ކުރިއަށް ގެންދިއުމަށް ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނު ކުރައްވައިފިއެވެ.
ދުނިޔޭގެ އާބާދީ ދުވަހުގެ މުނާސަބަތުގައި ދެއްވި މެސެޖެއްގައި ރައީސް ވިދާޅުވީ، ތަރައްޤީގެ ސިޔާސަތުތަކަކީ މުޖުތަމަޢުގެ ހަޤީޤީ ބޭނުންތަކަށް ބިނާކޮށް އެކުލަވާލެވޭ ސިޔާސަތުތަކަކަށް ހެދުމަށްޓަކައި އާބާދީގެ ސައްޙަ މަޢުލޫމާތު މުހިންމު ކަމަށެވެ. އަދި ރަށްރަށުގެ ފެންވަރުގައި އިތުބާރު ހުރި، ތާޒާ މަޢުލޫމާތު ލިބޭނެހެން އިދާރީ ރެކޯޑުތައް ވަރުގަދަކުރުމަކީ ހެކީގެ މައްޗަށް ބިނާކޮށް ގޮތް ނިންމުމަށާއި، ޚަރަދު ކުޑަކޮށް ސަރުކާރުގެ ހިންގުން ހަރުދަނާ ކުރުމަށް މަގުފަހިވާނެ ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި، އެއްވެސް މީހަކު ބާކީ ނުވާނެހެން ގެނެވޭ ޤާނޫނީ އިޞްލާޙުތަކާއެކު، ސަރުކާރުގެ އަމާޒަކީ މިހާތަނަށް ބޭނުންކުރަމުން އައި އުސޫލުތަކާއި އިދާރީ ރެކޯޑުތައް އެއްކޮށްލައިގެން 2030 ގެ ބޯހިމެނުން ކުރިއަށް ގެންދިއުމެވެ. މީގެ އިތުރުން، ރާއްޖޭގެ އާބާދީ ދުވަސްވީ މީހުން ގިނަވާ މިސްރާބަކަށް ބަދަލުވަމުންދާތީ، ޒުވާނުންގެ ދުޅަހެޔޮކަމަށް އިންވެސްޓްކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށާއި، ދުވަސްވީ މީހުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރުވާން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.
"ޒުވާނުންނަކީ ސިއްޙަތަށް ނުރަނގަޅު އާދަތަކާއި ދިގު މުއްދަތުގެ ބަލިތަކުން ރައްކާތެރިވެފައިވާ ބަޔަކަށް ވާންޖެހޭ،" ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު އިތުރަށް ވިދާޅުވީ އުމުރާ ގުޅުންހުރި ބަލިތައް ޖެހުން ލަސްކުރުމަކީ މަސައްކަތްތެރި އާބާދީ ހިފެހެއްޓުމަށާއި ޤައުމުގެ އެހީތެރިކަން ފޯރުކޮށްދޭ ނިޒާމު ވަރުގަދަކުރުމަށް އެހީތެރިވެދޭނެ ކަމެއް ކަމަށެވެ. އަދި އަޅާލުމުގެ އިޤްތިޞާދަށް އިންވެސްޓްކުރުމަކީ އަންހެނުންނާއި އަންހެން ކުދިން އުފުލަންޖެހޭ އުޖޫރައެއް ނުލިބޭ ބެލެހެއްޓުމުގެ ޒިންމާތައް ލުއިކޮށްދޭނެ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.
ރާއްޖޭގެ އާބާދީގެ 39 އިންސައްތައަކީ ޒުވާނުން ކަމަށްވާއިރު، އެ ފަރާތްތަކަށް ފެންވަރު ރަނގަޅު ތަޢުލީމާއި ވަޒީފާގެ ފުރުޞަތުތައް ހޯދައިދިނުމަކީ ސަރުކާރުގެ އިސްކަމެކެވެ. ރާއްޖޭގައި އެންމެ ފަހުން ބޯހިމެނުމެއް ބާއްވާފައިވަނީ 2022 ވަނަ އަހަރުއެވެ. އެ ބޯހިމެނުމުގެ ނަތީޖާއިން ދައްކާ ގޮތުގައި ރާއްޖޭގެ އާބާދީ 500,000 އަށް ވުރެ މައްޗަށް އަރާފައިވާއިރު، އޭގެ ތެރޭގައި 100,000 އަށް ވުރެ ގިނަ ބިދޭސީން ހިމެނެއެވެ.
ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގައި ކުދިން ލިބޭ މިންވަރު ދަނީ ދަށްވަމުންނެވެ. 2022 ވަނަ އަހަރު އަންހެނަކަށް ޖެހޭ ކުދިންގެ ނިސްބަތް 1.7 ގައި ހުރިއިރު، 2026 ވަނަ އަހަރު މި ޢަދަދު 1.5 އަށް ދަށްވާނެ ކަމަށް ލަފާކުރެވެއެވެ. މިއީ ކުރިމަގުގައި މަސައްކަތްތެރި އާބާދީ ކުޑަވެ، އިޤްތިޞާދަށް ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ކަމެއް ކަމަށް ތަފާސްހިސާބުތަކާ ބެހޭ އިދާރާއިން ވަނީ ބުނެފައެވެ.
2030 ވަނަ އަހަރުގެ ބޯހިމެނުން ކުރިއަށް ގެންދާނީ 'ހައިބްރިޑް' އުސޫލަކުން: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ