ނަލަހިޔާ ފުލެޓަކުން 4 މިލިއަން ރުފިޔާ ވަގަށް ނެގުން: 5 މީހުންނަށް ދައުވާކުރަން ފޮނުވައިފި

މިދިޔަ މާރިޗު މަހުގެ ތެރޭގައި ނަލަހިޔާ ރެޒިޑެންސްގެ އެޕާޓްމަންޓަކުން ހަތަރު މިލިއަން ރުފިޔާ ވަގަށް ނަގައިފައިވާ މައްސަލައިގައި ތުހުމަތުވާ ފަސް މީހުންނަށް ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ފޮނުވައިފިއެވެ. ފުލުހުން ބުނެފައިވާ ގޮތުގައި މަޖީދީމަގުގައި ހުންނަ ނަލަހިޔާ ރެޒިޑެންސްގެ އެޕާޓްމަންޓަކުން ވައްކަން ކޮށްފައިވާ މައްސަލައެއް މިދިޔަ މާރިޗު މަހުގެ 16 ވަނަ ދުވަހުގެ 17:49 އެހައިކަންހާއިރު ރިޕޯޓުކޮށްފައިވެއެވެ. އެ ވައްކަމުގައި ޖުމުލަ ހަތަރު މިލިއަން ދިވެހި ރުފިޔާ ވަގަށް ނަގާފައިވާ ކަމަށާއި، އެ ފައިސާގެ ތެރެއިން ހޯދިފައިވަނީ 50،000 ރުފިޔާ ކަމަށް އޭޕްރިލް މަހު ފުލުހުން ވަނީ ބުނެފައެވެ. ޕީޖީ އޮފީހުން މިއަދު ބުނީ އެ މައްސަލައިގައި ދައުވާ ކުރުމަށް މިދިޔަ މަހުގެ 25ގައި ކްރިމިނަލް ކޯޓަށް ހުށަހަޅައިފައިވާ ކަމަށެވެ. އެގޮތުން ދައުވާ ކުރަން ފޮނުވީ: މ. އޭސިޔާ، އަޙްމަދު ފާރިސް ހދ. ނޮޅިވަރަންފަރު، ޖަޒީލާމަންޒިލް، ޖަޒީލު މުޙައްމަދު ސ. މީދޫ، މޫންލައިޓްވިލާ، މުޙައްމަދު އަފްރާޙް ރ. މަޑުއްވަރި، ދާރުލް އައްވަލް، އިސްމާޢީލް ޢާޞިފް ޅ. ނައިފަރު، ކަސްތޫރިމާގެ، މުޙައްމަދު ނޫރު އަޙްމަދު އެ ފަސް މީހުންނަށް ވެސް، އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގެ ދައުވާކުރަން ވަނީ ފޮނުވައިފައެވެ. އެ ދައުވާގެ އަސާސީ އަދަބަކީ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ މުއްދަތަކަށް ޖަލަށްލުމެވެ. މީގެ އިތުރުން، ފާރިސާއި ޖަޒީލާއި ނޫރުގެ މައްޗަށް މުދަލަށް ގެއްލުން ދިނުމުގެ ދައުވާއާއި އެނގިހުރެ ހުއްދަނޫން ތަނަކަށް ވަނުމުގެ ދައުވާ ވެސް ކުރަން ވަނީ ފޮނުވައިފައެވެ. އެ ދެ ދައުވާގެ ވެސް އަސާސީ އަދަބަކީ ހަތަރު މަހާއި 24 ދުވަހުގެ މުއްދަތަކަށް ޖަލަށް ލުމެވެ. ޕީޖީ އޮފީހުން ވަނީ، މި މައްސަލައިގައި ދަޢުވާ ލިބޭ މީހުން އަތުން، ވަގަށް ނެގި ކަމަށް ތުހުމަތުވާ ފައިސާ، ބަދަލު ލިބޭ ފަރާތަށް ނަގައިދިނުމަށް ކޯޓުގައި އެދިފައިވާ ކަމަށެވެ. ރާއްޖޭގައި ވައްކަމުގެ މައްސަލަތައް ވަރަށް ގިނައިރު، އާންމުކޮށް ކޮންމެ މަހަކު ވެސް އެންމެ ގިނައިން ފުލުހަށް ރިޕޯޓުކުރަނީ ވައްކަމުގެ މައްސަލަތަކެވެ. ފުލުހުންގެ ތަފާސްހިސާބުން ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް އެންމެ ގިނައިން ހުށަހަޅައިފައިވަނީ ވެސް ވައްކަމުގެ މައްސަލަތަކެވެ. އެގޮތުން އެފަދަ 1,849 މައްސަލަ ހުށަހަޅައިފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ