ރަޔަންއެއާގެ ބޯޓެއްގެ ކުޑަދޮރުގެ ބިއްލޫރިގަނޑު ތަޅައިގެންގޮސް، ފަސިންޖަރު ބޭރަށް ދަމައިނުގަތީ ކިރިޔާ
ޔޫރަޕްގެ އެންމެ ބޮޑު އެއާލައިން ރަޔަންއެއާގެ މަތިންދާބޯޓެއްގެ ކުޑަދޮރުގެ ބިއްލޫރިގަނޑު ތަޅައިގެންގޮސް، ނުރައްކާތެރި ހާދިސާއެއް ހިނގައިފިއެވެ. ރަޔަންއެއާއިން ނެރުނު ބަޔާނެއްގައި ބުނީ އެ ހާދިސާ ހިނގީ އިއްޔެ ހެނދުނު ގްރީސްގެ ސިޓީއެއް ކަމަށްވާ ތެސަލޮނީކީއިން ޖަރުމަނުގެ މެމިންގޭންއަށް ދަތުރުކުރި ބޯޓެއްގައި ކަމަށެވެ. ޓްރެކިން ޑޭޓާއިން ދައްކާ ގޮތުގައި އެ ހާދިސާ ހިނގީ ބޯޓު ނައްޓާލިތާ ގާތްގަނޑަކަށް 10 މިނެޓް ފަހުންނެވެ. އެ ބޯޓުގައި ތިބި ފަސިންޖަރުންނާ ހަވާލާދީ ބީބީސީން ރިޕޯޓުކޮށްފައިވާ ގޮތުގައި ބިއްލޫރިގަނޑު ތަޅައިގެން ދިޔައިރު ބާރު އަޑެއް އިވުނެވެ. އެ ވަގުތު އެ ކުޑަދޮރު ކައިރީގައި ހުރި މީހާ ކުޑަދޮރުން ބޭރަށް ދަމައިހަތެވެ. އޭނާގެ ކޮނޑާ ހިސާބަށް ކުޑަދޮރުން ބޭރުވެފައި ވަނިކޮށް، ބޯޓުގައި ތިބި ފަސިންޖަރުން އޭނާ ދަމައި، ބޯޓުގެ ތެރެއަށް ވެއްދީ ކަމަށް އެ މީހުން ބުނެފައިވެއެވެ. https://x.com/AlexInAir/status/2075562174320353567 "ހިނދުކޮޅަކަށް އަހަރެން ހީކުރީ އެކްސިޑެންޓެއްގައި މީހަކު އެމަޖެންސީ ދޮރު ހުޅުވާލި ކަމަށް." ފަސިންޖަރެއް ކަމަށްވާ ކްރިސްޓީނާ ބުންޏެވެ. "ކުއްލިއަކަށް އޮކްސިޖަން މާސްކުތައް ތިރިއަށް ވެއްޓި ވަރުގަދަ ވަހެއް ދުވި. އެއް ފަސިންޖަރެއްގެ ބޮލާއި ކޮނޑު އޮތީ ކުޑަދޮރުން ބޭރުގައި. ނަސީބަކުން ސީޓް އޭނާ އިނީ ސީޓް ބެލްޓް އަޅައިގެން." ކްރިސްޓީނާ ބުންޏެވެ. ގްރީސްގެ ހޮސްޕިޓަލެއްގެ އޮފިޝަލަކު ވަނީ، އެ ހާދިސާއާ ގުޅިގެން އުމުރުން 61 އަހަރުގެ ސާބިއާގެ ރައްޔިތަކަށް ފަރުވާ ދެމުން އަންނަ ކަމަށް ވިދާޅުވެފައެވެ. ރިޕޯޓުތަކުގައި ވަނީ، އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާނުވާ ކަމަށް ބުނެފައެވެ. ރަޔަން އެއާގެ ބަޔާނުގައި ވަނީ އެ ހާދިސާ ހިނގުމުން ބޯޓު ރައްކާތެރިކަމާއެކު ގްރީސްގައި ޖެއްސި ކަމަށާއި އެއް ފަސިންޖަރަކު ފަރުވާއަށް ގެންދިޔަ ކަމަށެވެ. އޭގެ ގަޑިއިރުތަކެއް ފަހުން، ބާކީ ފަސިންޖަރުން އެހެން ފްލައިޓެއްގައި ޖަރުމަނަށް ގެންގޮސްފައިވާ ކަމަށް ވެސް އެ ބަޔާނުގައިވެއެވެ. ބީބީސީން ރިޕޯޓުކޮށްފައިވާ ގޮތުގައި އެ ހާދިސާ ހިނގި މަތިންދާބޯޓަކީ 18 އަހަރު ވެފައިވާ ބޯޓެކެވެ. އަދި އެއީ ރަޔަންއެއާގެ ސަބްސިޑަރީ ކުންފުނި މޯލްޓާ އެއާ އިން އޮޕަރޭޓްކުރި ބޯޓެއް ކަމަށް ބެލެވެއެވެ. އެ މައްސަލަ މިހާރު ދަނީ ތަހުގީގުކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ