އައްޑޫގެ އާ ހޮސްޕިޓަލް އަޅާނީ ޕޮލިސް ޓްރޭނިން ސްކޫލް ހުރި ތަނުގައި: ކައުންސިލް

އައްޑޫގައި އަލަށް އިމާރާތް ކުރަން ހަމަޖެހިފައިވާ 100 އެނދުގެ އާ ހޮސްޕިޓަލް އަޅާނީ ފެބްރުއަރީ 8 ގައި ރޯކޮށް، އަންދާލި ހިތަދޫ ފޮލިސް ޓްރޭނިން ސްކޫލް ހުރި ތަނުގައި ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފި އެވެ.
މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) "ހަވީރާ" ވާހަކަ ދައްކަވަމުން ވިދާޅުވީ ޕޮލިސް ޓްރޭނިން ސްކޫލް ހުރި ތަނުގައި އާ ހޮސްޕިޓަލް އަޅާނީ ޕޮލިސް ޓްރޭނިން ސްކޫލް އެހެން ތަނަކަށް ބަދަލު ކުރާ ގޮތަށް ކަމަށެވެ. އަދި އެ ތަނުގައި ހޮސްޕިޓަލް އެޅުމަށް ފެންނަ ކަމަށް ބުނެ އެ ވާހަކަ ކައުންސިލާ ފުރަތަމަ ހިއްސާ ކުރީ ވެސް ފުލުހުން ކަމަށް މޭޔަރު ވިދާޅުވި އެވެ.
"މިހާރު ހަމަޖެހިފައި އޮތް ގޮތުން 100 އެނދުގެ އާ ހޮސްޕިޓަލް އަޅާނީ ޕޮލިސް ޓްރޭނިން ސްކޫލް ހުރި ތަނުގައި،" މޭޔަރު ވިދާޅުވި އެވެ. "އެކަމާ ގުޅޭ މަޝްވަރާތައް މިހާރު ވެސް ކުރިއަށް އެބަދޭ. ޓްރޭނިން ސްކޫލް އެހެން ދިމާއަކަށް މޫވްކޮށްފައި އެތަނުގައި ހޮސްޕިޓަލް އެޅުމާ ބެހޭ ގޮތުން އެންމެ ފުރަތަމަ އަޅުގަނޑުމެންނާ ވާހަކަ ދެއްކީ ވެސް ފުލުހުން. އެހެންވެ އަޅުގަނޑުމެން އެކަން ހައުސިން މިނިސްޓްރީއާ ވެސް ހިއްސާ ކުރިން. މިނިސްޓްރީން ބުނެފައި ވަނީ ފުލުހުންނާއި ކައުންސިލުން އެގޮތަށް އެއްބަސްވާ ނަމަ އެކަން އެގޮތަށް ކުރަން އެއްވެސް މައްސަލައެއް ނެތް ކަމަށް."
ހިތަދޫ ބީއެމްއެލް ބްރާންޗް ކައިރީ ލިންކް ރޯޑްގައި ހަދާފައިވާ ޕޮލިސް ޓްރޭނިން ސްކޫލް ވަނީ ފެބްރުއަރީ 8 ވަނަ ދުވަހު އައްޑޫގައި ހިންގި ހަމަނުޖެހުންތަކުގައި ރޯކޮށް ބޭނުން ނުކުރެވޭ ވަރަށް އަންދާލައިފައިފަ އެވެ.
ައަލަށް އިމާރާތް ކުރާ 100 އެނދުގެ އާ ހޮސްޕިޓަލް ޕޮލިސް ޓްރޭނިން ސްކޫލް ހުރި ތަނުގައި އަޅަން ކައުންސިލުން ނިންމި އިރު، މީގެ ކުރިން ވަނީ އެ ހޮސްޕިޓަލް އެޅުމަށް ހިތަދޫ ޒޯން ސްޓޭޑިއަމް ސަރަހައްދުން ބޮޑު ބިމެއް ދޫކޮށްފަ އެވެ. ނަމަވެސް އެ ސަރަހައްދުގައި ހޮސްޕިޓަލް އެޅުމުގެ ބަދަލުގައި، ކުރިއަށް އޮތް ތަނުގައި ސްޓޭޑިއަމް ތަރައްގީ ކުރުމަށް އެ ސަރަހައްދުން ބިން މާ ބޮޑަށް މުހިއްމުވާނެ ކަމަށް ކައުންސިލުން ވަނީ ބުނެފަ އެވެ. އެގޮތުން އާ ހޮސްޕިޓަލް ހިތަދޫ ބީއެމްއެލް ބްރާންޗްގެ ދެކުނުން ހިއްކައިގެން އިމާރާތް ކުރުމުގެ ވިސްނުންތަކެއް ގެންގުޅޭ ކަމަށް ކައުންސިލުން މިދިޔަ އަހަރު ބުނެފައިވެ އެވެ.
އަދި އެކަން އެގޮތަށް ކުރަން ވާހަކަ ދެކެވުނީ 2009 ވަނަ އަހަރުގެ ތެރޭގައި އައްޑޫގެ ލޭންޑް ޔޫޒް ޕްލޭނަށް ގެނެސްފައިވާ ބަދަލުތަކަކާ ގުޅިގެން ކަމަށް ވެސް ކައުންސިލުން ބުނެފައިވެ އެވެ. ނަމަވެސް އެކަމާ ބައެއް ފަރާތްތަކުން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށް، އެކަން އެގޮތަށް ނުކުރުމަށް ކައުންސިލަށް މީގެ ކުރިން ހުށަހަޅައިފަ އެވެ.
އޯޕެކް ފަންޑް ފޮ ޑިވެލޮޕްމަންޓް(އޯފިޑް) ގެ 129 މިލިއަން ރުފިޔާގެ ލޯނަކާއި ސައޫދީ ސަރުކާރުން ދީފައިވާ 12.5 (ގާތްގަޑަކަށް 192.7 މިލިއަން ރުފިޔާ)ގެ ލޯންގެ ދަށުން އިމާރާތް ކުރަން ހަމަޖެހިފައިވާ 100 އެނދުގެ ހޮސްޕިޓަލް އިމާރާތް ކުރާނެ ފަރާތެއް ހޯދުމަށް ވަރަށް އަވަހަށް ބީލަމަށް ލުމަށް ވެސް ހެލްތު މިނިސްޓްރީން ވަނީ ނިންމައިފަ އެވެ.
އެ މިނިސްޓްރީން ބުނެފައިވާ ގޮތުގައި އެ ހޮސްޕިޓަލް އެޅުމުގެ މަސައްކަތް އަންނަ އަހަރު ފެށޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ