ޔާމީންގެ އިގްތިސާދީ ސިޔާސަތަށް ރައްޔިތުން ވަރަށް ބޮޑަށް ޝައުގުވެރިވޭ: ޑރ. ޖަމީލް

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީންގެ އިގްތިސާދީ ސިޔާސަތަށް ރައްޔިތުން ވަރަށް ބޮޑަށް ޝައުގުވެރިވާކަން ޅ. އަތޮޅަށް އެ ޕާޓީން ކުރި ކެމްޕޭން ދަތުރުގައި އެނގިއްޖެ ކަމަށް ރަނިން މޭޓު ޑރ. މުހައްމަދު ޖަމީލް އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.
ޅ. އަތޮޅަށް ކުރެއްވި ކެމްޕޭން ދަތުރަށް ފަހު ޕީޕީއެމް އޮފީހުގައި ބޭއްވި ނިއުސް ކޮންފަރެންސެއްގައި ޖަމީލް ވިދާޅުވީ ރާއްޖެ އަށް މިހާރު ދިމާވެފައިވާ މާލީ ހާލަތުން އަރައިގަތުމަށް ޔާމީން ހުށަހަޅުއްވާފައިވާ ހައްލުތަކާއި އާމްދަނީ އިތުރުކުރުމާއި ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ތަނަވަސްކޮށްދޭން އިއުލާންކޮށްފައިވާ ކަންކަމަށް ރައްޔިތުން ފުރިހަމައަށް ތާއީދުކުރާ ކަމަށެވެ.
އަތޮޅުތަކަށް ކުރިމަތިވެފައިވާ މައްސަލަތަކަށް ބަލާއިރު އެކަންކަމަށް ހައްލެއް އަންނާނީ އާމްދަނީ އިތުރުވެގެން ކަން ރައްޔިތުން ގަބޫލުކުރާ ކަމަށް ވެސް ޖަމީލް ވިދާޅުވި އެވެ.
"ހިދުމަތްތައް މިހާރު ހުރި ހާލަތަށް ބަލާއިރު ރައްޔިތުން ތިބީ ވަރަށް ބޮޑު މާޔޫސްކަމެއްގެ ތެރޭގައިކަން އަޅުގަނޑުމެންނަށް ފާހަގަކުރެވިގެން ދިޔަ. ޅ. އަތޮޅަކީ އެ ހިސާބަށް ބަލާއިރު އެ ސަރަހައްދުން ސިއްހީ ހިދުމަތް ހޯދަން އަންނަ ތަނަކަށް ވާއިރު ފާހަގަވެގެން ދިޔައީ ނައިފަރުގައި މިހާރު ހުރި ހޮސްޕިޓަލަކީ ހިދުމަތް މުޅިން ހުއްޓިފައި ހުރި ތަނެއްގެ ގޮތުގައި،" ޖަމީލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ޅ. އަތޮޅުގެ ސިއްހީ ހާލަތު ދަށަށް ގޮސްފައި ވަނީ އެމްޑީޕީގެ ސަރުކާރުގައި ކުރިއަށް ގެންދިޔަ ސިޔާސަތުގެ ސަބަބުންނެވެ. އެ ހޮސްޕިޓަލުގެ ހިދުމަތް އަދި އެ ސަރަހައްދަށް ކުރިމަތިވެފައިވާ އެހެން ކަންކަމަށް ވެސް ހައްލު އޮތީ އިގްތިސާދު ރަނގަޅުކޮށްގެން ކަމަށް ޖަމީލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މި ސަރުކާރަކަށް ވެސް ރާއްޖޭގެ އިގުތިސާދު ދެން ރަނގަޅެއް ނުކުރެވޭނެ އެވެ. އެކަމަށް ހައްލު ލިބޭނީ ޕީޕީއެމްގެ ސަރުކާރެއްގައި ޔާމީނަށް ކަން ރައްޔިތުން ގަބޫލުކުރާ ކަމަށް ވެސް ޖަމީލް ވިދާޅުވި އެވެ.
"ހާއްސަ ގޮތެއްގައި ފާހަގަކުރެވުނު ނިމިދިޔަ ތިން އަހަރުގެ ސަރުކާރުގެ އިތުރުން މިއަދުގެ ސަރުކާރަށް ވެސް [އިގްތިސާދަށް] ހައްލު ހޯދަން ނުކުޅެދިފައިވާކަން ރައްޔިތުން ގަބޫލުކުރޭ، އަދި އިތުރަށް މި ސަރުކާރަށް ހޯދައިދެވޭނެ ހައްލެއް ނެތްކަން ވެސް އެ ސަރަހައްދުގެ ރައްޔިތުން ގަބޫލުކުރޭ،" ޖަމީލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކަންކަމަށް ހައްލު ހޯދައިދިނުމުގެ ބަދަލުގައި ސަރުކާރުން މަސައްކަތް ކުރަނީ އެކި މަގާމްތައް ދިނުމާއި ކަރުދާހުގައި ހުރި ކުންފުނިތައް ކުރިއަރުވަން ކަން ރައްޔިތުން ފާހަގަކުރާ ކަމަށެވެ.
އެ ބައްދަލުވުމުގައި ޕީޕިއެމްގެ ކައުންސިލް މެމްބަރު އަދި ވިލިމާފަންނު ދާއިރާގެ މެމްބަރު އަހުމަދު ނިހާން ވިދާޅުވި ގޮތުގައި އެމްޑީޕީގެ ވަރުގަދަ ސަރަހައްދެއް ކަމަށްވާ ހިންނަވަރުގެ މެޖޯރިޓީ ކުރިއަށް އޮތް އިންތިހާބުގައި އެ ޕާޓީ އަށް ލިބޭނެ ކަމުގެ ޔަގީންކަން ބޮޑެވެ. އަދި ދެން ހުރި ރަށްތަކުގައި ވެސް ޕީޕީއެމަށް ތާއީދުކުރާ ގިނަ ބަޔަކު އެބަތިބި ކަމަށާއި އިގްތިސާދު ރަނގަޅު ކުރުމުގެ "މެޖިކް ފޯމިއުލާ" އެނގިވަޑައިގަންނަވާ ބޭފުޅަކީ ޔާމީންކަން ރައްޔިތުން ގަބޫލުކުރާ ކަމަށް ވެސް ނިހާން ވިދާޅުވި އެވެ.
"މީގެ ތެރޭގައި އެމްޑީޕީގެ މެމްބަރުން ވެސް ގިނަ. އަދި އަދުގެ ސަރުކާރުން މައްސަލަތަކާ މެދު ފަރުވާކުޑަކުރާ މައްސަލަ އަކީ ވެސް ބޮޑުވެގެންވާ މައްސަލައެއް،" ނިހާން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ