ފައިރޫޒާގެ ވާހަކަ: އުމްރާއަކަށް ކުރި އުއްމީދު ހައްޖަކަށް

ދޮޅު މިލިޔަނަށް ވުރެ ގިނަ ހައްޖުވެރިން މިހާރު ތިބީ އަރަފާތު ބިމުގަ އެވެ. އޭގެތެރޭގައި ފާތުމަތު ފައިރޫޒާ އާދަމް ވެސް ހިމެނެ އެވެ. ކަޅާއި ހުދުގެ ހެދުމުގައި ތިބި އެތައް ހާސް މީހުންނާއެކު، ސަރާސަރު އެ ބިމުގައި އަޅުކަމުގައި މަޝްއޫލުވެގެންނެވެ. އެކަމަކު އެ މާތްބިމުގައި ފައިޖައްސާލައި، ހައްޖުގެ ރުކޫއު އަދާކުރުމަށް އޭނާ ކުރި ދަތުރާއި އޭގެ ވާހަކަ ވަރަށް ހާއްސަ އެވެ
މައްކާގެ ބިމުގައި ހުރެގެން ފައިރޫޒާގެ ވާހަކަ ހިއްސާކުރީ، އެއިން ބަޔަކަށް އިބްރަތެއް ލިބޭނެ ކަމުގެ އުއްމީދުގަ އެވެ.
އުމުރުން މިހާރު 39 އަހަރުގެ، ދެ ކުދިންގެ މަންމަގެ ނަން މީގެ ކުރިން އިވެމުން އައީ ދަނޑުމަތިންނެވެ. އޭނާއަކީ މޮޅު ހޭންޑްބޯޅަ ކުޅުންތެރިއެކެވެ. ގައުމީ ޓީމަށް، 2015 އަހަރުއްސުރެ އައީ ކުޅެމުންނެވެ. އެކަމަކު ދެވަނަ ދަރިފުޅަށް ބަނޑުބޮޑުވެ، 2024 ވަނަ އަހަރުގެ ފަހުކޮޅު ވިހެއުމާއެކު އޭނާއަށް ޖެހުނީ އެކަމުން ބްރޭކެއް ނަގާށެވެ.
ގައުމީ ޓީމު ސައުދީ އަރަބިއްޔާގައި މެޗެއް ކުޅެން ހަމަޖެހިފައި އޮތްކަން ފައިރޫޒާއަށް އެނގުނީ، އެދުވަސްކޮޅު އެވެ. ސައުދީއަށް ދެވިއްޖެ ނަމަ، ހުރިހާ އެންމެންނަށް ވެސް އުމްރާ ކުރުމުގެ ފުރުސަތު ލިބޭނެ އެވެ. އުމްރާ ދަތުރަކަށް އުއްމީދުކޮށްގެން ހުރި ފައިރޫޒާއަށް، ޓީމުގައި ބައިވެރިނުވެވުމުން ކުރެވުނު ހިތާމަބޮޑެވެ.
އެ ދުވަސްވަރަކީ ވިހެއުމަށް ފަހު ބައެއް މައިން ކުރިމަތިލާ، ޕޯސްޓްޕާޓަމް ޑިޕްރެޝަން ވެސް ކުރިމަތިވެފައިވާ ދުވަސްވަރަކަށްވުމުން އުމްރާގެ ފުރުސަތު ގެއްލުމުން އޭނާއަށް އެ ހިތާމަ ކުރެވުނީ މާބޮޑަށެވެ.
އުމްރާގެ ފުރުސަތު ލިބޭތޯ، ޓީމުން ޖާގައެއް ހޯދުމަށް، ވިހާ ގަދަވުމާއެކު ފައިރޫޒާ ކުޅެން ނުކުތެވެ. އެކަމަކު ޓީމުގެ ފައިނަލް ސްކޮޑުގައެއް ނުހިމެނުނެވެ. އެންމެ ފަހުން އެކުވެރިން އުމްރާކޮށް، މަދީނާގައި ހޭދަކުރި ވަގުތުތައް އޭނާ ބަލަން ޖެހުނީ ފޮޓޯއާ ވީޑިއޯއިންނެވެ.
"ވަރަށް ދެރަވި އެ އުމްރާގެ ފުރުސަތު ގެއްލުމުން. ވަރަށް ރޮވުނު،" ފައިރޫޒާ ބުންޏެވެ.
އެ ދުވަސްވަރު އޭނާއަށް ލިބުނު އެންމެ ބޮޑު ނަސީބަކީ، ލިބުނު އެކުވެރިންނެވެ. އެ މީހުންގެ ފަރާތުން ދުއާގެ ބާރުގަދަ ކަމާއި މުހިއްމުކަން ދަސްވި އެވެ. އެއާއެކު އޭނާ ﷲގެ ނަންފުޅުތައް އުނގެނި، ދުއާގައި އެ ނަންފުޅުތައް ހިމަނަން ފެށި އެވެ. އެންމެ ގިނައިން ދުއާ ކުރީ، ގިނަގިނައިން ރިޒްގު ދެއްވާ އައްރައްޒާގުގެ ނަމުންނެވެ. ހުރިހާ ނިއުމަތެއް ދެއްވާ، އެންމެ ދީލަތި ބެއްސެވުންތެރިޔާ އަލްވައްހާބުގެ ނަމުންނެވެ.
އެ ހިސާބުން އޭނާއަށް ވިސްނުނީ، އަލުން ކުޅެން ދާން ފެށުމުގައި އޭނާގެ މަގްސަދު ރަނގަޅު ނޫން ކަމެވެ. ޓީމު މޮޅުކޮށްދިނުމަށްވުރެ ބޮޑަށް، އޭނާގެ މަގްސަދަކަށް ވެފައި އޮތީ އުމްރާ ކުރުމުގެ ފުރުސަތު ހޯދުންކަމެވެ. އެހާ ހަމައިން، އޭނާ އަނެއްކާ ވެސް ނިޔަތް ހާލިސްކޮށް ދުއާކުރަން ފެށި އެވެ. މި ފަހަރު، އުމްރާގެ ބަދަލުގައި ހައްޖު ދަތުރެއް ދެއްވުމަށެވެ. ހައްޖަށް ދާނެހާ ތަނަވަސްކަން އިތުރުކޮށްދިނުމަށެވެ. ހައްޖުގެ އަޅުކަން އެންމެ ފުރިހަމައަށް އަދާކުރެވޭނެހާ ރަނގަޅު ސިއްހަތެއް ދެއްވުމަށެވެ.
އެކުވެރިން ގާތުގައި ވެސް އޭނާއަށް އެ ދުއާކޮށްދިނުމަށް އެދުނެވެ.
"އޭގެ ފަހުން ދެ މަސް ފަހުން އެއް ދުވަހު އޮފީހަށް ދިޔައިރު އޮފީހުގައި މިއޮތް ގުރުއަތު ނަގަނީ، މުވައްޒަފުންގެ ތެރެއިން ހައްޖަށް ދާނެ މީހަކު ހޮވުމަށް. އަޅުގަނޑު ވެސް އެތަނަށް ގޮސް ހުއްޓިއްޖެއިން ލިބިދާނެ ކަމުގެ އުއްމީދުގައި،" މައްކާގައި ހުރެ، ފޯނުން ވާހަކަ ދައްކަމުން ފައިރޫޒާ ކިޔައިދިނެވެ.
"ކާކަށް ލިބުނީ؟ ބުރު އެނބުރެމުން އެނބުރެމުން ގޮސް ހުއްޓުނީ ފައިރޫޒާގެ ނަމުގައި."
ގަބޫލު ނުކުރެވިފައި އޭނާއަށް ހުރެވުނީ އެވެ. ދިރާގުގައި މަސައްކަތް ކުރާތާ 10 އަހަރުވެފައިވާ ކޮންމެ މުވައްޒަފަކަށް ވެސް ބައިވެރިވެވޭ އެ ގުރުއަތުގައި އޭނާ ބައިވެރިވާތާ މިހާރު 11 އަހަރު ވެއްޖެ އެވެ. ކޮންމެ އަހަރަކު ވެސް އޭނާ ބައިވެރިވަނީ އެ ފަދަ ފުރުސަތަކަށް އެދެވޭލެއް ބޮޑުކަމުންނެވެ.
އެންމެ ފަހުން އޭނާގެ އެ އުއްމީދު ވެސް ފުރިހަމަވީ އެވެ. އުމްރާއެއްގެ ބަދަލުގައި، އަލްވައްހާބު، އޭނާއަށް ހައްޖު ދަތުރެއް ދެއްވީ އެވެ. އަންނަ އަހަރު ހައްޖަށް ދާ މީހުންގެ ލިސްޓުގައި އޭނާގެ ނަން ވެސް ހިމެނުއްވީ އެވެ.
އެކަމަކު ފައިރޫޒާ ދެކޭގޮތުގައި އޭނާގެ ހަގީގީ އިމްތިހާނު ފެށުނީ އެހާ ހަމައިންނެވެ. އޮފީހުގެ ފަރާތުން ތަނަވަސްވި އެ ހަދިޔާއިން އޭނާ ހައްޖަށް ދާން ދަތުރު ހަދަން ފެށި އެވެ. ހައްޖު ކޯޕަރޭޝަނަށް ޕާސްޕޯޓާ އެއްޗެހި ފޮނުވި އެވެ. ދަތުރާ މެދު އަދި އަހަރަކަށް ވުރެ ގިނަ ދުވަސް އޮތް ނަމަވެސް، އޭނާ ހުރީ ކެތްމަދުވެފަ އެވެ.
އެކަމަކު ހަމަ ކުއްލިއަކަށް އެއް ދުވަހު ނުރަސްމީކޮށް އޭނާއަށް އޮފީހުން މެސެޖެއް ލިބުނީ، ކޯޓާގެ މައްސަލައެއް ދިމާވެ، އަންނަ އަހަރުގެ ހައްޖުގައި އޭނާއަށް ބައިވެރި ނުވެވިދާނެ ކަމަށެވެ. އޮފީހުގެ ވެރިންނަށް ގުޅުމުން އެކަން ޔަގީންކޮށްދީ އެދުނީ މާޔޫސްނުވުމަށެވެ. ފުރުސަތު ލިބޭތޯ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ހައްޖު ކޯޕަރޭޝަނަށްލީ ޕާސްޕޯޓު ނަގަން ދާކަށް އޭނާ ބޭނުމެއް ނުވި އެވެ. އޭނާ ނިންމީ، ﷲއަށް ވަކީލުކޮށް ދަތުރަށް ތައްޔާރުވާށެވެ. ދުއާތައް އިތުރުކުރާށެވެ. ދެން ކުރިމަތިވި ރޯދަ މަހުގެ ތެރޭގައި އޭނާ މެދުނުކެނޑި ދުއާކުރަން ފެށި އެވެ. ކުރިއަށް ވުރެ އަޅުކަންތައް ގިނަކޮށް، ގިނަގިނައިން ތައުބާވި އެވެ. އެއާއެކު ދިރިއުޅުމަށާއި އަމިއްލަ ނަފްސަށް ހެޔޮ ބަދަލުތައް އަންނަތަން އޭނާއަށް ފެންނަން ފެށި އެވެ.
މަދުމިންވަރަށް ރުހުމާއި ކުދިކުދި ކަންކަމުން އުފާވެރިކަން ލިބިގަތުމެވެ. މީހުންނަށް ހެޔޮކޮށް ހިތުމާއި ހިތްހެޔޮ ކުރުމެވެ. މީހުންނަށް ދެން ފެންނަން ފެށީ ވަރަށް ބޮޑަށް ބަދަލުވެފައިވާ، ކުރިއަށްވުރެ އުފާވެރި ފައިރޫޒާއެކެވެ.
"ރޯދައިގެ ފަހުން އެއް ދުވަހު ސައިކަލުގައި ދަނިކޮށް، ވަރަށް ނުރަސްމީ ގަޑިއެއްގައި އޮފީހުގެ އެޗްއާރުން ގުޅާތަން ފެނުނީ. އެހާ ނުރަސްމީ ގަޑިއެއްގައި ގުޅާނީ ވަރަށް މުހިއްމުކަން އެނގުނު،" ފައިރޫޒާ ކިޔައިދިނެވެ.
"ފޯނު ނެގިތަނުން އެޗްއާރުން ބުނީ އެނގޭދޯއޭ ހައްޖަށް ނުދެވޭކަން. އެކަން ހަމައެއް ނުޖެހުނޭ."
އެ ފޯނުކޯލުން އޭނާގެ ހިތް ހަލާކުވި އެވެ. ފުރަތަމަ ފަހަރަށް ހިތުގައި ޝަކުވާތައް ޖަމާވެގަތެވެ. 'އަޅެ ކީއްވެ'އޭ ބުނެވުނެވެ. 
އެ ދުވަހު އޭނާއަށް ވަރަށް ރޮވުނެވެ. އެކަމަކު އެކުވެރިން ހިތްވަރު ދިނީ، ފަހަރެއްގައި އެއަށްވުރެ ރަނގަޅަށް ކަމެއް މެދުވެރިވުން އެކަށީގެންވެދާނެއޭ ބުނަމުންނެވެ. އަންނަ އަހަރު ހައްޖަށް ނުދެވުމަށް ވުރެ، އިތުރަށް ކަމެއް ދެން ރަނގަޅުވާނީ ކިހިނެއްބާއޭ އޭނާގެ ހިތަށް އެރި އެވެ. އެކަމަކު އުއްމީދުގޮތަށް ކަންތައް ނުވިޔަސް، ﷲގެ ރަހުމަތުން އުއްމީދު ކަނޑާލާކަށް ބޭނުމެއް ނުވި އެވެ. ދުއާކުރުން ހުއްޓައެއް ނުލަ އެވެ. ކުރިއަށް ވުރެ ވަރުގަދަ ކުރީ އެވެ. ދެން ހަމަ އެއް ދުވަހު އަނެއްކާ ވެސް އޮފީހުން ގުޅި އެވެ.
"މި ފަހަރު ބުނީ ހައްޖަށް ދާން ރެޑީ ހެއްޔޯ. މި އަހަރު ހައްޖަށް ދާން ހަމަޖެހުނު މުވައްޒަފަށް ކަމެއް ދިމާވެގެން ނުދެވޭތީ، އެ ފުރުސަތު ފައިރޫއަށް ލިބިއްޖެޔޯ،" އޭނާ ބުންޏެވެ.
އެއް އަހަރު ފަހުން ލިބެން އޮތް ދަތުރު، ނޫނީ ލިބުމާމެދު ސުވާލު އުފެދިފައި އޮތް އެ ދަތުރު، ހަމަ ކުއްލިއަކަށް މި އަހަރަށް ބަދަލުވީ އެވެ. ހަމަ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ފުރަން ވެސް ހަމަޖެހުނީ އެވެ. ހުރިހާ ކަމެއް ހަމަޖެހުނީ، މާރަނގަޅަށް، މާފުރިހަމައަށެވެ.
އެ ވަގުތު، ކުޑަ ހިނދުކޮޅަކަށް ނަމަވެސް ﷲގެ މިންވަރުފުޅާ މެދު ޝައްކުކުރެވުނީތީ ލަދުގަތެވެ. އެތައް ފަހަރަކު އޭނާ އެކަމަށް ތައުބާވި އެވެ.
މިއަދު އޭނާ ހުއްޓި ހުރީ ހައްޖުގެ އެންމެ މުހިއްމު ރުކުން ކަމުގައިވާ އަރަފާތު ބިމުގަ އެވެ. ހިތްވަނީ އެކަލާނގެއަށް ޝުކުރުން ފުރިފަ އެވެ. އިންސާނުންނަށް ފާފަ ކުރެވޭނެ ކަމާއި ޝައްކުތައް އުފެދޭނެކަން އޭނާ ގަބޫލު ކުރެ އެވެ. 
އެކަމަކު އެކަލާނގެއަށް ތައުބާވެ، ދުއާއަށް އަތް ނަގައިފި ނަމަ، އެ ދުއާ އިޖާބަނުވެ ނުދާނެ ކަމަކީ ޔަގީންކަމެކެވެ. ފަހުން ވިޔަސް، އެހެން ގޮތަކަށް ވިޔަސް އެ ދުއާ އެކަލާނގެ އިޖާބަކުރައްވާނެ އެވެ.
ހަމައެކަނި ފައިރޫޒާގެ މި ވާހަކަ ވެސް އެކަމަށް ހެކިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ