އެމްޑީޕީ ގައި ތިބީ ވަރަށް މުޒާހަރާ ކުރާ ހިތުން އުޅޭ އާންމުން މެންބަރުން ތަކެކެވެ. އަދި ޕާޓީގެ ލީޑާޝިޕްގައި ވެސް ތިއްބެވީ ވަރަށް މުޒާހަރާ ކުރައްވާ ހިތްޕުޅުވާ ބޭފުޅުންނެވެ. އެމްޑީޕީ އަށް ވެރިކަން ލިބުމުގެ ކުރިން ވެސް ކުރީ މުޒާހަރާއެވެ. ޕާޓީއަށް ވެރިކަން ލިބި އަމިއްލަ ސަރުކާރެއް ހިންގަން ލިބުމުން ވެސް މުޒާހަރާ ނުކޮށް އެމްޑީޕީ މެންބަރުން ނުތިއްބެވެ. އެހެންކަމުން އަމިއްލަ ވެރިކަމުުގައި ވެސް އެމްޑީޕީ އިން ކުރީ މުޒާހަރާއެވެ.
އެމްޑީޕީގެ ވެރިކަން ވެއްޓުނީ ވެސް އެމްޑީޕީ އިން ކުރި މުޒާހަރާތަކުގެ ކޮންމެވެސް ދައުރެއް އޮވެގެންނެވެ. އެކަމުގެ ތަފްސީލަށް މިހާރު ދާނެ ކަމެއް ނެތެވެ. ރައީސް ވަޙީދުގެ ވެރިކަމުގައި އެމްޑީޕީ އޮތީ މަގުމަތީގައެވެ. އެވެރިކަން ނިމި ރައީސް ޔާމީންގެ ވެރިކަމުގައި ވެސް މިތިބީ މަގުމަތީގައެވެ. ނަމަވެސް މިއަދު އެމްޑީޕީގެ އިދިކޮޅު ހަރަކާތްތައް ފަނޑުވެ، މީހުން މަދުވެ، ގާތްގަނޑަކަށް މުޒާހަރާތައް ހުއްޓުމަކަށް އަތުވެއްޖެއެވެ.
މިއަދު އިދިކޮޅުގައި މިއޮތީ ރައީސް މައުމޫނާއި، ރައީސް ނަޝީދާއި، ގާސިމް އިބްރާހިމް އާއި އަދާލަތު ޕާޓީއެވެ. ނަމަވެސް އިދިކޮޅު ހަރަކާތްތައް ފަތިއަޑު ކިޔާފައި ކުރިއަށްދާ ތަނެއް ނުފެނެއެވެ. އެއީ ކީއްވެ ހެއްޔެވެ؟ ޖަވާބު ވަރަށް ސާފެވެ.
ކުރީ ސަފަށް ނިކުތުގެ ހިތްވަރު އިދިކޮޅު ލީޑަރުންގެ ކިބައިގައި ނެތީއެވެ. ރައްޔިތުން މަގުމައްޗަށް ނިކުތުމަށް ފަހު އިދިކޮޅު ލީޑަރުން ޓީވީ އިން އެމަންޒަރު ބައްލަވަން ތިއްބަވާކަމާއި ރައްޔިތު މީހާ ޖަލަށް ލުމުން އިދިކޮޅު ލީޑަރުން އެރައްޔިތުންގެ ދިފާޢުގައި ކުރާ މަސައްކަތެއް ނެތްކަން އާންމު ރައްޔިތު މީހާ އަށް މިއަދު ވިސްނެއެވެ.
ރައީސް ވަހީދުގެ ވެރިކަމުގައި ވީޓީވީ ފުނޑުފުނޑުކޮށްލި މައްސަލައިގައި އެމްޑީޕީގެ އާންމު އެތައް މެންބަރުންނެއް ޖަލަށްލިއެވެ. މޭ ޑޭ މުޒާހަރާގައި އިދިކޮޅު ސިޔާސީ ފިކުރަށް ތާއިދު ކުރާ އެތައް ރައްޔިތުންނެއް ޖަލަށްލިއެވެ. ނަމަވެސް އެއިން އެއްވެސް ރައްޔިތަކު މިނިވަންކުރަން ކުރާ މަސައްކަތެއް ނެތެވެ. އެމީހުން ސިއްހީ ފަރުވާއަށް ރާއްޖެއިން ބޭރަށް ގެންގޮސްގެން ނަމަވެސް ޙުކުމަށް ފިލޭނެ ގޮތެއް ހަދައިދޭން އިދިކޮޅު ލީޑަރުން ނޫޅެއެވެ. އެމީހުންގެ އާއިލާތައް ބިކަވެ، ނިކަމެތިވެފައި ވާއިރު އެއާއިލާތަކަށް ވެދެމުންދާ އެހީއެއް ނެތެވެ.
ރައީސް ނަޝީދު އެހުންނެވީ އިނގިރޭސިވިލާތުގައެވެ. ދޭތެރެއަކުން ޓްވީޓެއް ކުރެއްވުން ފިޔަވައި ދެން ކުރައްވާ އިތުރު ކަމެއް ނެތެވެ. މިހާރު ބޭރުގެ ޑިޕްލޮމެޓުންނާއި ބައްދަލުކުރައްވާ މަންޒަރެއް ވެސް ނުފެނެއެވެ. ކުރައްވާ ކަމަކީ މުޒާހަރާ އަށް ނިކުންނަން ގޮވާލުމެވެ. މުޒާހަރާ އަށް ނިކުމެ ހައްޔަރުވާ ރައްޔިތު މީހާގެ ހައްޤުގައި ކުރައްވާ މަސައްކަތެއް ނެތެވެ.
ދެން ހުންނެވީ ރައީސް މައުމޫނެވެ. މުޒާހަރާ ކުރުމަކީ އެމަނިކުފާނު ކުރައްވާ ހިތްޕުޅުވާ ކަމެއް ނޫނެވެ. ނަމަވެސް މިއަދު ރައްޔިތުން މަގުމައްޗަށް ނެރުމުގެ ޕްލޭނެއް އިދިކޮޅު ފަރާތްތަކުން ކުރަހާނަމަ އެޕްލޭން ކުރެހުމުގައި ރައީސް މައުމޫން ބައިވެރިވެ ވަޑައިގަންނަވާނެއެވެ. ފަރުދާގެ ފުރަގަހުގައި ހުންނަވައިގެން ރައްޔިތުން މަގުމައްޗަށް ނެރުމަށް ރައީސް މައުމޫން ވެސް މަސައްކަތް ކުރައްވާނެއެވެ. ނަމަވެސް އަމަލީ ގޮތުން މުޒާހަރާތަކުގައި ބައިވެރިވުމުގެ ހިތްވަރެއް ވެސް އަދި ހަކަތައެއް ވެސް ރައީސް މައުމޫންގެ ކިބައަކު ނެތެވެ.
ގާސިމް އިބްރާހިމް އަކީ ވެސް މުޒާހަރާތައް ރޭވުމުގައި އެންމެ ކުރިއްސުރެ ހަރަކާތްތެރިވެފައިވާ ބޭފުޅެކެވެ. މަޝްހޫރު އޮގަސްޓް 13،12 އަކީ ސީދާ ގާސިމް އެންމެ އަޑީގައި ހުންނަވައިގެން ކުރި މުޒާހަރާއެކެވެ. ނަމަވެސް އެދުވަހު ވެސް ގާސިމް ރައްޔިތުން ޖުމްހޫރީ މައިދާނަށް ނެރުއްވާފައި ސަރުކާރުގެ މަންދޫބެއްގެ ގޮތުގައި ރައްޔިތުން ހަމަޖައްސަން ވެސް ވަޑައިގެންނެވިއެވެ. އެދުވަހު ވެސް ގާސިމްގެ ޕްލޭނަކަށް އޮތީ ރައްޔިތުން ޖަލަށް ލާފައި ގާސިމް ސަލާމަތްވެ ވަޑައިގަންނަވާށެވެ. ނަމަވެސް އެކަން އެހެން ނުވީއެވެ. މިއަދު ވެސް ގާސިމްގެ ޕްލޭނަކީ އެއީއެވެ.
ދެން އޮތީ އަދާލަތު ޕާޓީއެވެ. އިދިކޮޅު ހަރަކާތްތަކުގައި އަދާލަތުގެ މާބޮޑު ބައިވެރިވުމެއް ވެސް ނެތެވެ. އަލީ ޒާހިރު އާއި ޝިދާތާ އާއި އަނާރާ އާއި ދެތިން ބޭފުޅަކު ފިޔަވައި ދެން އަދާލަތުގެ ބޭފުޅަކު ނެތެވެ. މިއިން އެއްވެސް ބޭފުޅަކަށް މުޒާހަރާތަކުގެ ކުރީ ސަފަށް އަރައިވަޑައިގަންނަވާކަށް ނުކެރެއެވެ. ބައެއް ފަހަރު މުޒާހަރާތަކުގެ އަރިމަތިން ފެނިލުން ފިޔަަވައި ދެން ކުރާ މާބޮޑު ކަމެއް ނެތެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާ ކައިރި ފުލުހުން ބަންދުކޮށްފައި ވަނިކޮށް ފުލުހުންގެ ސަފުތައް ފަޅާލާފައިވާ މައްސަލައިގައި ރައްޔިތުން މަޖިލީހުގެ ކުރީގެ ތިން މެންބަރަކު ވަނީ ހައްޔަރުކޮށްފައެވެ. އެއީ އިދިކޮޅު ހަރަކާތްތަކުގެ ލީޑަރުންނެއް ނޫނެވެ. އެއީ އެހަރަކާތުގެ ދެވަނަ ދަރަޖައިގެ ބޭފުޅުންނެވެ. އެބޭފުޅުން މިރޭ ވެސް އަވަހާރަފުޅުލައްޕަވާނީ ސިމެންތި އައްޓެއްގައެވެ. ކުޑަ ގޮޅިއެއްގައެވެ. ނަމަވެސް ރައީސް މައުމޫނާއި ރައީސް ނަޝީދު މިރޭ ވެސް އަވަހާރަފުޅުލައްޕަވާނީ ކިންގްސައިޒް ބެޑެއްގައެވެ. އަރިހުގައި އަނބިދަރިން ތިއްބަވާނެއެވެ.
އިދިކޮޅު ލީޑަރުން ބުނާހާ ގޮތެއް ހަދައިގެން އަނބިދަރިން ނިކަމެތި ކޮށްލުމަށް ފަހު ޖަލަށް ގޮސް އުމުރުން އެތައް ދުވަހެއް ޖަލުގައި ހޭދަކުރުމަކީ އެއްވެސް މީހަކު ކުރަން ބޭނުންވާނެ ކަމެއް ނޫނެވެ. އަދި ކޮށްގެން ވެސް ވާނެ ކަމެއް ނޫނެވެ.
އިދިކޮޅު ލީޑަރުން އާރާއި ބާރު ހޯދާ އެބޭފުޅުން ބޭނުން ގޮތެއް ގައުމަށް ހަދާލުމަށް ކުރަހާ ޕްލޭނެއްގައި ޖެހި ތިމާގެ ދިރިއުޅުން އަނދަވަޅަކަށް ވައްޓާލައިގެން ލިބޭނެ ފައިދާއެއް އަދި ލިބޭނެ ކުރިއެރުމެއް ވެސް ނޯންނާނެއެވެ. އެކަން މިއަދާއި ހަމައަށް ނުވިސްނިތިބި މަދު ރައްޔިތުން މިއަދު އެކަމާއި މެދު ވިސްނަން އެބަޖެހެއެވެ.
އިދިކޮޅު ހަރަކާތްތައް ލީޑަރުން ފިލައިތިބެ ރައްޔިތުން ޖަލަށް ލުމުގެ ހަރަކާތަކަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ