ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ކްރިމިނަލް ކޯޓުގެ އޭރުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ޚިލާފަށް ހައްޔަރު ކުރުމަކީ ހެއްދެވުނު ގޯހެއް ކަމަށް ނަޝީދު އެއްބަސްވެ ވަޑައިގެންފި އެވެ.
މިހާރު އިންޑިއާ އަށް ވަޑައިގެން އުޅުއްވާ ނަޝީދު އިންޑިއާގެ "ދަ ވަޔާ" ނޫހަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އަބްދުﷲ ގާޒީގެ މައްސަލަ އެ ނޫން ގޮތަކަށް ވެސް ހައްލު ކުރެވެން އޮތް ކަމަށާއި ސިފައިން މެދުވެރިކޮށް އަބްދުﷲ ގާޒީ ހައްޔަރު ކުރުމަކީ ހެއްދެވުނު ގޯހެއް ކަމަށެވެ. އެކަމަކު އަބްދުﷲ ގާޒީ ހައްޔަރު ކުރަން ޖެހުނީ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ނިންމުންތަކަށް އަބްދުﷲ ގާޒީ އަމަލު ނުކުރެއްވުމުން ކަމަށް ނަޝީދު ވިދާޅުވި އެވެ.
"އަޅުގަނޑު އޭނާ ވަތްކެއް ނުކުރަން. އެކަމަކު ތެދެއް ސިފައިންގެ އެންމެ މަތީވެރިޔާގެ ހައިސިއްޔަތުން އަދި ރައީސްގެ ހައިސިއްޔަތުން، އެއީ އެކަން ކުރަންޖެހޭ އެންމެ ރަނގަޅު ގޮތަކަށް ނޫން ކުރެވިފައި އެ އޮތީ،" އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލާގައި ކުށް ސާބިތުވެ 13 އަހަރުގެ ހުކުމެއް އައިސްފައިވާ ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވި ގޮތުގައި ގަބޫލު ނުކުރެވޭ އެތައް ނިންމުންތަކެއް ކޯޓުތަކުން ނިންމުމަކީ ތިން ބާރު ވަކިވުމުގެ ނިޒާމަށް ރާއްޖެ އާކަމުން ދިމާވި ކަންތައްތަކެއް ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އެކަންކަން ހައްލު ކުރަން ފަނޑިޔާރުން މަގާމުން ވަކި ކުރުމަކީ ހައްލެއް ނޫން ކަމަށާއި އެއީ ޝަރުއީ ދާއިރާ އިސްލާހު ކުރެވޭނެ ކަމެއް ނޫން ކަމަށް ނަޝީދު ވިދާޅުވި އެވެ.
"އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ފަނޑިޔާރުންނަށް އެއްވެސް ނުފޫޒެއް ނެތި މިނިވަންކަމާ އެކު މަސައްކަތް ކުރަން ޖާގަ ލިބިއްޖެ ނަމަ، ބަލައިގަނެވޭނެ ފަދަ ހުކުމްތަކެއް ފަނޑިޔާރުން ކުރާނެ،" ނަޝީދު ވިދާޅުވި އެވެ.
ސުޕްރީމް ކޯޓަށް ސަރުކާރުން ނުފޫޒު ފޯރުވަމުންދާ ކަމަށް ތުހުމަތު ކުރައްވައި، އެ އިންޓަވިއުގައި ނަޝީދު ވިދާޅުވީ ސަބަބަކީ ހަތަރު މެމްބަރެއްގެ ގޮނޑި ގެއްލުނު މައްސަލާގައި ސުޕްރީމް ކޯޓުގެ ގިނަ ފަނޑިޔާރުން ތިއްބެވީ ސަރުކާރާ ދެކޮޅަށް ކަމަށްވާތީ ކަމަށެވެ. ހަތަރު މެމްބަރެއްގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމީ ރަނގަޅަށް ނޫން ކަމަށް ގިނަ ފަނޑިޔާރުން ގަބޫލުކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އެއްކޮޅުން މަޖިލީހުގެ ތާއީދު ސަރުކާރަށް ގެއްލިއްޖެ، އަނެއްކޮޅުން ސުޕްރީމް ކޯޓުގެ ތާއީދު ވެސް ސަރުކާރަށް ގެއްލުނީ،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވި ގޮތުގައި ދައުލަތުގެ މުއައްސަސާތަކަށް ނުފޫޒު ފޯރުވައިި، ފާޑު ކިޔުމަކީއި އިދިކޮޅު ފަރާތްތަކުން މިިހާރު ކުރަން ބޭނުންވާ ކަމެއް ނޫނެވެ. އެއީ ކުރިން އިދިކޮޅު ކޯލިޝަނުން ގެންގުޅުނު ސިޔާސަތުތަކާ ތަފާތު ސިޔާސަތެއް ކަމަށް ނަޝީދު ވިދާޅުވި އެވެ.
ލޯކަލް ކައުންސިލް އިންތިޚާބުން ލިބުނު ކާމިޔާބީއާ މެދު ހައިރާންވެ ވަޑައިގަންނަވާ ކަމަށް ވިދާޅުވެ ނަޝީދު އެ އިންޓަވިއުގައި ވިދާޅުވީ 2018 ގެ ރިޔާސީ އިންތިޚާބު ނުބޭއްވުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށެވެ. އެހެން އެކަން ވެއްޖެ ނަމަ އެއީ ނުރައްކަލެއް ކަމަށް ނަޝީދު ވިދާޅުވި އެވެ. އަދި ރައީސް އަބްދުﷲ ޔާމީން އިސްތިއުފާ ދެއްވާފައި ރާއްޖެއިން ބޭރަށް ވަޑައިގަތުމުގެ ފުރުސަތު އޮތް ކަމަށް ދޭހަވާ ފަދަ ގޮތަކަށް ވެސް އެ އިންޓަވިއުގައި ނަޝީދު ވާހަކަފުޅު ދެއްކެވި އެވެ.
"އަޅުގަނޑުމެންނަކީ މުސްތަގްބަލަށް ބަލާ ބައެއް. މާޒީއަށް ބަލާނެ ބައެއް ނޫން. އަޅުގަނޑަށް ހީވަނީ ރައީސް ޔާމީން އެކަމާ މެދު ވިސްނަވަޑައިގަންނަވަންޖެހޭ ހެން. ރައީސް ޔާމީން އަވަހަށް ވެރިކަމުން ފައިބައި ވަޑައިގަންނަންޖެހޭ،" ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ރައީސް ޔާމީނަށް ތާއީދު ގެއްލުނީ ސަރުކާރުގެ ސިޔާސަތުތައް ގޯސްވުމާއި އަސާސީ ޚިދުމަތްތައް ނުލިބުމުންނެވެ. އިދިކޮޅު ފަރާތްތަކުން ބޭނުންވަނީ މަޖިލިސް ތެރެއިން ރައީސް ޔާމީންގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި، އެމަނިކުފާނު މަގާމުން ދުރުކުރަން ކަމަށް ނަޝީދު ވިދާޅުވި އެވެ.
އަބްދުﷲ ގާޒީ ހައްޔަރު ކުރުމަކީ ހެދުނު ގޯހެއް: ނަޝީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ