ރިޔާޒާއި ނާޒިމް މަޖިލީހަށް އިންތިހާބު ކުރީ ކޮންމެ މީހަކަށް 6 މިލިއަން ހަރަދުކޮށްގެން: ގާސިމް

ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒާއި ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) މަޖިލީހަށް އިންތިހާބު ކުރީ ކޮންމެ ބޭފުޅަކަށް ފަސް މިލިއަން ރުފިޔާ ހަރަދުކޮށްގެން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ޕާޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގާސިމް ވިދާޅުވީ، އެދެބޭފުޅުންގެ އިހުލާސްތެރި ކަމުގެ ކަންފުޅެއް ހުރި ނަމަވެސް، ޖުމްހޫރީ ޕާތީގެ ސްލޮޓެއްގައި އިންތިހާބު ވުމަށް ފަހު ފަސް އަހަރު ޕާޓީގައި މަޑުކުރައްވާނެ ކަމަށާއި، އެއީ ޕާޓީގެ ރައްޔިތުންގެ ހައްގެއް ކަމަށް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ، ރިޔާޒާއި ނާޒިމް މަޖިލިހަށް އިންތިހާބު ކުރުމަށް އެ ޕާޓީން ކޮންމެ ބޭފުޅަކަށް 5-6 މިލިއަން ރުފިޔާ ހަރަދު ކުރި ކަމަށެވެ.
”އަޅެ ގައިމު އެ އަނބުރާ ދިން ނަމަ އަޅުގަނޑުމެންގެ ޕާޓީގެ ކުރިއަށް ހުރި މަސައްކަތްތަކަށް ރަނގަޅު ވީސްތާއޭ“ ގާސިމް ވިދާޅުވިއެވެ.
އޭގެ އިތުރުން، ގާސިމް ވިދާޅުވީ ކިނބިދޫ ދާއިރާއަށް ރިޔާޒް ހޮވިވަޑައިގަތީ ގާސިމް އެތައް ބަޔަކަށް ސިއްހީ ފަރުވާއަށް އެހީވެގެން ކަމަށާއި، އެތައް ބަޔަކަށް ރާއްޖެއިންނާއި ރާއްޖެއިން ބޭރުންވެސް ސްކޮލާޝިޕްތައްވެސް ދީގެން ކަމަށެވެ.
”އެހެންވީމަ އަޅުގަނޑު ދަންނަވަނީ މީހަކު ލަދުހަޔާތް ކުޑަވެގެން ދިޔަސް، ގޮތެއް ނެތިގެން ދިޔަސް އެވަރު ކުރީމަ ތަންކޮޅެއް ބޮޑުވަރޭ އެއީ“ ގާސިމް ވިދާޅުވިއެވެ.
މޯލްޑިވްސް ނެޝަނަލް ޕާޓީގެ ނަމުގައި އާ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ރިޔާޒާއި ނާޒިމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ގާސިމް ވިދާޅުވީ، އެ ދެބޭފުޅުންގެ ޕާޓީން ރައްޔޮތުންނަށް ރަނގަޅަށް އެއްވެސް ކަމެއް ނުކޮށްދެއްވާނެ ކަމަށެވެ. އަދި ރާއްޖެއަށް ޑިމޮޮކްރަސީ ގެންނަން އުޅުނު އިރު، ރިޔާޒާއި ނާޒިމް ކޮބައިތޯ ސުވާލު އުފައްދަވައި ގާސިމް ވިދާޅުވީ، އެ ޕާޓީން މިހާރު އެ ވާހަކަތައް ދައްކަނީ ރައްޔޮތުން ރުއްސަން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ