އަޅުގަނޑުގެ ހެޔޮ ދުޢާ ވަނީ ދިވެހި ގައުމީ ޓީމާއެކު: ގާސިމް

އަންނަމަހު ރާއްޖޭގައި ފަށާ ސާފް ޗެމްޕިއަންޝިޕް މުބާރާތުގައި ދިވެހި ގައުމީ ފުޓުބޯޅަ ޓީމުގެ ކާމިޔާބީއަށް އެދި ވަޑައިގެން ޖުމްހޫރީ ޕާޓީގެ ލީޑަރ އަދި މާމިގިލި ދާއިރާގެ މަޖިލިސް މެމްބަރު ގާސިމް އިބްރާހިމް ހެޔޮ ދުޢާ ކުރައްވައިފިއެވެ.
ޓީމުގެ ކާމިޔާބީއަށް އެދި ގާސިމް ވަނީ ޓުވީޓެއް ކުރައްވާފައެވެ. މި ޓުވީޓުގައި އެމަނިކުފާނު ވިދާޅުވީ އަބަދުވެސް ހެޔޮ ދުޢާ ވާނީ ދިވެހި ގައުމީ ޓީމާއި އެކުގައިކަން ހާމަކުރައްވާފައެވެ. އަދި މިފަހަރުގެ ސާފް ޗެމްޕިއަންޝިޕުގައި ބޭނުންކުރަން ނިންމާފައިވާ ޝިއާރެއް ކަމުގައިވާ 'ތިންވަނަ ފަހަރު، މިއީ އެފަހަރު ޝިއާރު' ބޭނުން ކުރައްވާ ގާސިމް ވަނީ މާތް ﷲ ގެ އިރާދަފުޅުން ތިންވަނަ ފަހަރަކަށް މިފަހަރު ވާނެކަމަށް ވިދާޅުވެފައެވެ.
މި ޓުވީޓާއެކު ގާސިމް ވަނީ ހާއްސަ ފޮޓޯއެއްވެސް ހިއްސާ ކުރައްވާފައެވެ. އެގޮތުން ސަރުކާރުން ކުރިއަށް ގެންދިޔަ ދުޅަހެޔޮ، ހަށިހެޔޮ ޢީދުގެ ފުޓުބޯޅަ އިވެންޓުގައި ޖާޒީއެއް ތުރުކުރައްވައިގެން ނަންގަވާފައި ފޮޓޯ އާއިއެކު މުޅި ގައުމުވެސް ގައުމީ ބަޠަލުންނާއި އެކު ތިބިކަން ގާސިމް ވަނީ ހާމަކުރައްވާފައެވެ.
ބޮޑު އަމާޒަކާއެކު ފުރަތަމަ ފަހަރަށް ރާއްޖެއިން އެކަނި ސާފް ޗެމްޕިއަންޝިޕް ހޯސްޓު ކުރުމަށް ތައްޔާރުވަމުން އަންނައިރު މުބާރާތް ތާވަލު ކޮށްފައިވަނީ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން 16 ވަނަ ދުވަހުގެ ނިޔަލަށެވެ. މުބާރާތް ކުރިއަށް ދާނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ދެކޮޅަށް ކުޅެ، އެންމެ ގިނަ ޕޮއިންޓު ހޯދާ ދެޓީމެއް ފައިނަލުގައި ކުޅޭ ގޮތަށެވެ.
މުބާރާތުގައި ރާއްޖެ އެންމެ ފުރަތަމަ ކުޅޭނީ ނޭޕާލް އާއި ދެކޮޅަށެވެ. އެއީ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހުގެރެއެވެ. މެޗް-ޑޭ 1 ގެ މެޗުތަކަށް ޓިކެޓް ވިއްކުން ބުދަ ދުވަހު (ސެޕްޓެމްބަރު 29) ގައި ފަށާއިރު އެދުވަހު ރާއްޖެ އާއި ނޭޕާލް ކުޅޭ މެޗުގެ ޓިކެޓުވެސް ވިއްކާނެއެވެ.
މިފަހަރުގެ މުބާރާތުގެ މެޗުތަކަށް ޓިކެޓު ވިއްކާނީވެސް އަދި ދަނޑަށް ވަދެވޭނީވެސް ކޮވިޑް-19 އިން ރައްކާތެރިވުމަށް ޖަހާ ވެކްސިންގެ ދެޑޯޒް ފުރިހަމަކޮށްފައިވާކަން ހާމަކޮށްދޭ ކާޑު ގެނައުމުންކަމަށް އެފްއޭއެމް އިން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ