ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަހުމަދު އަދީބު އަބްދުލްގަފޫރު، މަގާމުން ދުރުކުރުމަކީ އެންމެ ރަނގަޅު ކަމެއްކަމުގައި ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.
އިންޑިއާގެ ބެންގަލޫރަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ފުރާވަޑައިގަތުމުގެ ކުރިން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް މައުމޫން ވިދާޅުވީ އެމަނިކުފާނުގެ ނަޒަރުގައި ނައިބް ރައީސް އަހުމަދު އަދީބް މަގާމުން ދުރުކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށާއި، ޕާޓީގެ ޕާލިމެންޓްރީ ގްރޫޕުން އިން މިހާރު ވަނީ އެމައްސަލަ މަޖިލީހަށް ވައްދާފައިވާ ކަމަށެވެ.
އަދި މިއީ ކުރަންޖެހޭ ކަމެއް ކަމަށް ގަބޫލުފުޅު ކުރައްވާކަމަށް މައުމޫން ވިދާޅުވިއެވެ.
ސަރުކާރުގެ މިވީ ދެއަހަރު ދުވަހުގެ ތެރޭގައި ގިނަ ވަޒީރުންތަކެއް ސަރުކާރާއި ވަކިވެވަޑައިގެންފައިވާ ކަމަށާއި، މިވަގުތަކީ ސަރުކާރަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ވަގުތެއްގެ ގޮތުގައި ގިނަ ބަޔަކު ގަބޫލުކުރާ ވަގުތަކަށް ވާއިރު، ސަރުކާރު ބަލިކަށިވެފައިވޭތޯ ގަބޫލުފުޅު ކުރައްވަންތޯ ނޫސްވެރިއަކު ސުވާލުކުރުމުން މައުމޫން ވިދާޅުވީ ސަރުކާރު ބަލިކަށި ވެފައިވާކަމަށް ގަބޫލުފުޅު ނުކުރައްވާކަމަށެވެ.
"ނޫން، ނުކުރަން، ވަޒީރުން ވަކިކުރުމާއި އައްޔަން ކުރުމަކީ ގާނޫނު އަސާސީއިން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދީފައިވާ އިޚްތިޔާރީ ބާރެއް. ވަޒީރުންނަށް ރުހުން ހޯދުމަށް މަޖިލީހަށް ފޮނުވަންޖެހޭ. އެގޮތުގެ މަތިން ކުރައްވާ ކަމެއް އެއީ. ދިމާވާ ގޮތަކުން އެބޭފުޅުން މިނިސްޓަރު ކަމުން ވަކިކުރަން ޖެހިވަޑައިގެންފާނެ. އެއީ ކޮންމެ ގައުމެއްގައިވެސް ހިނގާ ކަމެއް. އާދަޔާ ހިލާފު ކަމެއް ނޫން. އެކަހަލަ ކަމެއް ދިމާވެއްޖެނަމަ މިނިސްޓަރު ކަމުން ވަކިކުރައްވާފަ، އެމައްސަލަ ވެސް ރައްޔިތުންގެ މަޖިލީހަށް ދާނެ. އަދި އެހެން ވަޒީރަކު އައްޔަން ކުރަން ޖެހިވަޑައިގެންފި ނަމަ އައްޔަން ކުރެއްވުމަށްފަހު ރުހުން ހޯދުމަށް މަޖިލީހަށް ފޮނުއްވާނެ. ގާނޫނާއި ގަވާއިދާ އެއްގޮަތަށް ހިނގަމުންދާ ކަންތައްތަކެއްގެ ސަބަބުން ޕީޕީއެމް ބަލިކަށްޓެއް ނުވާނެ." ރައީސް މައުމޫން ވިދާޅުވިއެވެ.
ނައިބް ރައީސްގެ މަގާމަށް އަދީބު އައްޔަން ކުރެއްވުމުގެ ކުރިންވެސް އެމަނިކުފާނަށް ކޮރަޕްޝަންގެ ތުހުމަތުތައް ކުރެވެމުން ދިޔަ ކަމަށާއި މި ހުރިހާކަމެއް ހިނގިއިރު، އަދީބު ނައިބް ރައީސްކަމަށް އައްޔަން ކުރުމަށް ރައީސް ޔާމީނަށް މައުމޫން އިރުޝާދު ދެއްވިންތޯ ކުރެވުނު ސުވާލުގެ ޖަވާބުގައި މައުމޫން ވިދާޅުވީ އެމަނިކުފާނާއި ރައީސް ޔާމީން އާއި ދެމެދު އޮންނަނީ ޕީޕީއެމްގެ ރައީސް އާއި މުސްތަޝާރާއި ދެމެދުގައި އޮންނަ ގުޅުން ކަމަށެވެ. މި ގުޅުމުގައި އެދެބޭފުޅުން ދައްކަވާ ވާހަކަތަކުގެ ސިއްރު ހިފަހައްޓަން ޖެހޭނެ ކަމަށް ގަބޫލު ކުރައްވާކަމަށާއި، އެހެންކަމުން އެސުވާލަށް ސީދާ ޖަވާބެއް އެރުވެން ނެތްކަމަށް މައުމޫން ވިދާޅުވިއެވެ.
މީގެ އިތުރުން ހޯމް މިނިސްޓަރު އުމަރު ނަސީރް އިންކުއަރީ ކޮމިޝަނުގެ ކޯޗެއަރ އަކަށް ލެއްވީ މައުމޫންގެ ރިކޮމެންޑޭޝަންއަކަށް ކަމަށް ދެކެވޭ ވާހަކަ މައުމޫން ވަނީ ދޮގުކުރައްވައިފައެވެ.
ނައިބް ރައީސް އަދީބު ޕީޕީއެމް އިން ވަކި ކުރިއިރު، ޖަވަބުދާރީ ވުމުގެ ފުރުސަތު އެމަނިކުފާނަށް ނުދެއްވީ ކީއްވެގެންތޯ ސުވާލު ކުރެވުމުން މައުމޫން ވިދާޅުވީ ޕާޓީގެ ސުލޫކީ ކޮމެޓީއިން ނިންމާ ނިންމުމަކީ ވަގުތުން ވަގުތަށް ނިންމާ، އަމަލު ކުރަން ޖެހޭ ނިންމުންތަކެއް ކަމަށެވެ.
މައުމޫންގެ ވިދާޅުވީ ރައީސް ޔާމިން ގައުމާ މުހާތަބް ކުރައްވާ ވާހަކަފުޅު ދައްކަވަމުން، ރައީސް ޔާމިންގެ އިތުބާރު ނެތް ކަމުގެ ވޯޓް ނެގުމަށް މަޖިލީސް މެންބަރުންނާއި ގުޅިގެން ނައިބް ރައީސް މަސައްކަތްކުރެއްވި ކަމަށާއި، އެއީ ޕީޕީއެމްގެ ގަވާއިދާ ހިލާފު ކަމެއް ކަމަށެވެ.
"ޕީޕީއެމް މެންބަރެއްގެ ގޮތުގައި ހުރެ، ޕީޕީއެމް ސަރުކާރުގެ ރައީސްގެ އިތުބާތު ނެތްކަމުގެ ވޯޓް ނަގަން މަސައްކަތް ކުރުމަކީ ޕާޓީގެ އުސޫލު ތަކާއި ގަވާއިދާއި ހިލާފު ކަމެއް. އެގޮތުގެ މަތިން އަދީބް މަގާމުން ވަކިކުރީ." ރައީސް މައުމޫން ވިދާޅުވިއެވެ.
ނައިބު ރައީސް ކަމުން އަދީބު ދުރުކުރުމަކީ އެންމެ ރަނގަޅު ގޮތް - ރައީސް މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ