ހިރިޔާ ސްކޫލް ކުދިން މަރުވި މައްސަލަ މަޖިލީހުގެ ކޮމިޓީން އަލުން ބަލަން ފަށައިފި
ތަޖުރިބާ ދަތުރެއްގައި ކ. ހުރަ އަށް ގޮސް މޫދަށް އެރި އުޅެނިކޮށް ހިރިޔާ ސްކޫލްގެ ހަތަރު ދަރިވަރަކާއި ޕްރިންސިޕަލް މަރުވި މައްސަލަ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީން އަލުން ބަލަން ފަށައިފި އެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު 9 ގައި ހިރިޔާގެ ހަތަރު ދަރިވަރަކާއި ޕްރިންސިޕަލް އަލީ ނާޒިމް މަރުވި މައްސަލަ، އެއް އަހަރު ފަހުން އަލުން ބެލުމަށްޓަކައި އެޑިއުކޭޝަން މިނިސްޓްރީ އާއި ހެލްތު މިނިސްޓްރީ އާއި ޔޫތު މިނިސްޓްރީ އާއި މޯލްޑިވްސް ޕޮލިސް ސާވިސް އަދި ހިއުމަން ރައިޓްސް ކޮމިޝަންގެ އިސް ބޭފުޅުން އަންނަ ހަފްތާގެ ބުދަ ދުވަހު ކޮމިޓީ އަށް ހާޒިރުކުރަން ވަނީ ނިންމައިފަ އެވެ. ކޮމެޓީގެ މުގައްރިރު ތޮއްޑޫ ދާއިރާގެ އަލީ ވަހީދު ވިދާޅުވީ އެ މައްސަލައިގައި ކޮމިޓީން ގޮތެއް ނިންމުމުގެ ކުރިން ކަންކަމުގެ މިހާރުގެ ހާލަތު އޮޅުންފިލުވުމަކީ ކޮމިޓީން ކުރަންޖެހޭނެ ކަމެއް ކަމަށެވެ. އަދި އެފަދަ ހާދިސާތަކުން ރައްކާތެރިވުމަށް މިހާތަނަށް އަޅާފައިވާ ފިޔަވަޅުތަކާއި ހުރާ ކޭމްޕް ސަރަހައްދުގެ ހާލަތު ވަޒަންކުރަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަލީ ވަހީދު މިއަދު ވިދާޅުވީ ހިރިޔާ ކުދިން މަރުވި މައްސަލައިގައި އެންމެ ފަހުން ކޮމިޓީގެ ބައްދަލުވުމެއް ބާއްވާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު 22 ގައި ކަމަށެވެ. އެ މައްސަލައިގައި މައުލޫމާތު ހޯދުމަށް އެޑިއުކޭޝަން މިނިސްޓްރީ އާއި ހިރިޔާ ސްކޫލްގެ އިސްވެރިންނާއި ހުރާ ކައުންސިލާއި ހުރާ ސިއްހީ މަރުކަޒުގެ ބޭފުޅުންނާ ކޮމިޓީން މިދިޔަ އަހަރު ބައްދަލުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ހިރިޔާ ސްކޫލްގެ ކުދިންނާއި ޕްރިންސިޕަލް މަރުވި މައްސަލަ ތަހްގީގުކުރުމަށް ފަހު ފާހަގަކުރެވިފައިވާ ކަންކަން ފުލުހުން ވަނީ ޕްރޮސިކިއުޓަ ޖެނެރަލަށް ފޮނުވައިފަ އެވެ. ހިރިޔާގެ 32 ދަރިވަރިވަރުންގެ ތަޖުރިބާ ހޯދުމުގެ ދަތުރުގައި މަރުވީ ޕްރިންސިޕަލް ނާޒިމްގެ އިތުރުން އެ ސްކޫލްގެ ގްރޭޑް 9-އެފްގެ ހަތަރު ދަރިވަރުން ކަމަށްވާ ނަޝްއަތު ސައީދު، ގއ. ދެއްވަދޫ މީނާޒް އާއި މަރިޔަމް ނާޒް، ހއ. ހޯރަފުށީ ސުވާސާގެ (ގ.އޮއިވާލި) އާއި އައިޝަތު ޝާނިހާ، ރ. ރަސްމާދޫ ހަނދުވަރީ ވިލާ (މ.ފެއަރީ ވިލާ) އަދި މަރިޔަމް ޝައިހާ، މ. މޮއިޝާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ