އެކަނި ނިކުމެއްޖެނަމަ ފުރަތަމަބުރުން ޕީޕީއެމް ތިން ވަނައަށް ސޮއްސާލާނެ: އުމަރު ނަސީރު

އަންނަ ރިޔާސީ އިންތިހާބުގައި ކޯލިޝަނަކާއި ނުލާ ޕީޕީއެމް އެކަނި ނުކުމެއްޖެނަމަ ފުތަރަމަ ބުރުގައިވެސް ދެ ވަނައަށް ދިއުމުގެ ފުރުސަތުވެސް ޕީޕީއެމްއަށް ގެއްލޭނެކަމަށާއި ޕީޕީއެމް އެބުރުން ތިން ވަނައަށް ސޮއްސާލާނެކަމަށް ޕީޕީއެމްގެ ކުރީގެ މެމްބަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ދިޓީވީގައި ރޭ ވާހަކަ ދައްކަވަމުން އުމަރު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެއް ކެނޑިޑޭޓަކު ނެރެވޭތޯ ކުރަމުން ގެންދާ މަސައްކަތް ކާމިޔާބުވާނެކަމުގެ އުއްމީދު އެބައޮތްކަމުގައެވެ. އަދި މިހާރު ޕީޕީއެމްއިން ކޯލިޝަނުގައި ބައިވެރިވެއްޖެނަމަ ސަރުކާރުން ރަނަގަޅު ބާރުތަކެއް ޕީޕީއެމްއަށް ލިބިގެން ދާނެކަމަށްވެސް އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ ބޮޑު ކޯލިޝަނުގައި ޕީޕީއެމް ބައިވެރި ނުވެއްޖެނަމަ އެއްބުރުން އިންތިހާބު ކާމިޔާބުކުރުމަށް އުނދަގޫވާނެކަމަށާއި ނަމަވެސް ޕީޕީއެމް އެކޯލިޝަނަށް އަތުވެއްޖެނަމަ އެއްބުރުން އިންތިހާބު ކާމިޔާބު ކުރެވިދާނެކަމުގައެވެ.
ރޭ އުމަރު ވިދާޅުވީ ބޮދު ކޯލިޝނަކަށް ކުރަމުންދާ މަސައްކަތް ކާމިޔާބު ވާނެކަމަށް އުއްމީދު ކުރައްވާކަމަށާއި ނަމަވެސް ފުރަތަމަ ބުރުގައި ކޯލިޝަނަކަށް އެއްބަސް ނުވެވިއްޖެނަމަ ފުރަތަމަ ބުރުގައި އެއްވެސް ކެނޑިޑެޓަކަށް ތާއީދު ނުކުރައްބާނެކަމުގައެވެ.
އުމަރު ވިދާޅުވީ އެމްޑީޕީއަށް ވެރިކަން ލިބިއްޖެނަމަ ދެން މިޤައުމު ސަލާމަތް ނުކުރެވޭނެކަމަށާއި ޤައުމު ސަލާމަތްކުރަން އަންނާނެ ބަޔަކުވެސް ނުތިބޭނެކަމުގައެވެ. އަދި އެމްޑީޕީ ބަލިކުރުމަށް ކުރަންޖެހުނު ކޮންމެކަމެއްވެސް ކުރާނެކަމަށް އުމަރު ވިދާޅުވިއެވެ.
އުމަރު ރޭ ވަނީ ސަރުކާރުގެ ވެރިންނަށްވެސް ފާޑު ވިދާޅުވެފައެވެ. އުމަރު ވިދާޅުވީ ބައެއް ބޭފުޅުންނަކީ މޮޅު ބަސް ވިދާޅުވުމަށްފަހު މަތީމަޤާމަށް ވަޑައިގެންނެވުމަށްފަހު ގޮނޑި ހޫނުކުރައްވަން ތިއްބަވާ ބޭފުޅުންކަމުގައެވެ.
އަދި ރައީސް ނަޝީދަށް ހުކުމެއް ނުކުރެވި މިނިވަންކަމާއިއެކު އުޅުއްވުމާއި ފެބްރުއަރީ 8 ވަނަ ދުވަހުގެ ހާދިސާއާއި ގުޅިގެން ހުކުމެއް ކުރެވިފައި ނެތުމުން ދޭހަކޮށްދެނީ މިސަރުކާރުގެ ލީޑަރޝިޕް ފެއިލްވެފައި ވުންކަމަށްވެސް އުމަރު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ