އަޅުގަނޑަށް މުހިންމީ ސީމެގެއް ނޫން، ރައްޔިތުން: ރައީސް
ކޮމަންވެލްތު މިނިސްޓީރިއަލް އެކްޝަން ގުރޫޕް (ސީމެގް) އަށް ވުރެ އެ މަނިކުފާނަށް މުހިންމީ ދިވެހި ގައުމާއި ރައްޔިތުން ކަމަށް ރައީސް މުހަންމަދު ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ. "ހަވީރަ"ށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ރައީސް ވަހީދު ވިދާޅުވީ ދިވެހި ރައްޔިތުން ހިތްހަމަޖެހިގެން އިންތިޚާބަކާ ދިމާލަށް ދާ ނަމަ މަގުސަދު ހާސިލްވީ ކަމަށެވެ. "ސީމެގުން ނިންމާ އެއްޗެއް ނިންމަފާނެ ނޫންތޯ،" ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު ހިލާލީގޭގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަހީދު ވިދާޅުވި އެވެ. ރައީސް ވަހީދު ވިދާޅުވީ ރިޔާސީ ދައުރު ހަމަވިއިރު ވެސް ރައީސަކު އިންތިޚާބު ކުރެވިފައި ނުވާތީ ސީމެގްގެ އެޖެންޑާގައި ރާއްޖެ ހިމެނުމަކީ ކުރަންޖެހޭ ކަމެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ. އަދި އިންތިޚާބުގެ ދެ ވަނަ ބުރު އަންނަ ހޮނިހިރު ދުވަހު ބޭއްވުމާ ގުޅޭ ކަންކަން ކުރިއަށް ދަނީ ވަރަށް އޮމާންކަމާ އެކު ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. "ސީމެގްގައި ހިމެނުމުގެ ބޭނުމަކަށް އެވަނީ އަދިވެސް [އިންތިޚާބު ބޭއްވުމަށް[ ޕްރެޝަރު ކުރުން. ރާއްޖެ އިން އިންތިޚާބުގެ ކަންކަން އަވަހަށް ނިންމައި، އިންތިޚާބުވެފައިވާ ރައީސަކު މަގާމާ ހަވާލުވުމަށް ޕްރެޝަރުކުރުމުގެ ގޮތުން އެކަންކުރަމުން އެ ގެންދަނީ،" ރައީސް ވަހީދު ވިދާޅުވި އެވެ. އެ މަނިކުފާނު ވިދާޅުވި ގޮތުގައި ސީމެގްގެ އެޖެންޑާގައި ރާއްޖެ ހިމެނުމަކީ ފިޔަވަޅެއް އެޅުމެއް ނޫނެވެ. "އަޅުގަނޑަށް ހީވަނީ ސީމެގުން ބުނާތީކީ، ކޮމަންވެލްތުން ބުނާތީކީ، ނުވަތަ އެހެން ސަރުކާރަކުން ބުނާތީކީ ނޫންހެން އަޅުގަނޑުމެން ކަންކަން ކުރަންވާނީކީ. އަޅުގަނޑުމެން ކުރަންވީ އަޅުގަނޑުމެންނަށް ފެންނަ އެންމެ ރަނގަޅު ގޮތަކަށް، އެންމެ މަސްލަހަތު ހުރި ގޮތަކަށް، އެންމެ ރަނގަޅު ނަތީޖާ ނެރެވޭ ގޮތަކަށް. ރައްޔިތުންނަށް އެންމެ ރަނގަޅު ގޮތަކަށް،" ރައީސް ވިދާޅުވި އެވެ. އެ މަނިކުފާނު ވިދާޅުވީ ގައުމަށް އެންމެ ރަނގަޅު ގޮތަކީ އިންތިޚާބުގެ ދެވަނަ ބުރު ހޮނިހިރު ދުވަހު ބާއްވައި އިންތިޚާބުވާ ރައީސަކާ ވެރިކަން ހަވާލުކުރުން ކަމަށެވެ. އަދި ކިތަންމެ ކުޑަ ތަފާތަކުން މޮޅުވާ ބޭފުޅަކާ ވެސް ވެރިކަން ހަވާލުކުރަންޖެހޭ ކަމަށް ރައީސް ވަހީދު ވިދާޅުވި އެވެ. "ގައުމު މިއޮތީ ދެބައިވެފައި. އެއްވެސް ބަޔަކަށް އަނެއް ބަޔަކާ ނުލައި މި ގައުމުގައި ވެރިކަމެއް ނުކުރެވޭނެ. މޮޅުވާ ބަޔަކު ޖެހޭނެ އަނެއް ބަޔަކާ ވެސް ވާހަކަ ދައްކައިގެން އެ މީހުން ވެސް ބައިވެރިކޮށްގެން ކަންކަން ކުރަން. ގައުމު ދެބައިކޮށް އެއް ބަޔަކު ވެރިކަން ކޮށް، އަނެއް ބަޔަކު ބޭކާރުކޮށްގެން އެހެން ކަންތައް ކުރާކަށް ނުވާނެ. އެހެންވެއްޖިއްޔާ ގައުމަށް ހަމަޖެހުމެއް ނާންނާނެ،" އެ މަނިކުފާނު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ