ހިއްސާގެ މޫސުން

ލިޔުނީ: އެމް.އޭ.ޑީ-އޭ މިހާރު މިއޮތީ އައިޕީއޯ (އިނީޝަލް ޕަބްލިކް އޮފާ) ގެ މޫސުން އައިސްފަ އެވެ. ހުޅުވާލެވިފައިވާ އަމާނާ ތަކާފުލްގެ އައިޕީއޯގެ އިތުރުން ވެސް ތަފާތު އައިޕީއޯތައް ހުށައަޅާނެ ކަމަށް އުންމީދު ކުރެވެއެވެ. މައުލޫމާތު ލިބޭ ގޮތުގައި ދިރާގުން ވެސް ދަނީ މި މޫސުމަށް ފަރިވަމުންނެވެ. މިކަހަލަ ދަޑިވަޅެއްގައި އައިޕީއޯ އަކަށް ދާ ސަބަބާއި އެކަމުން އާންމުންނަށް ލިބޭނެ ފައިދާ އާއި ގެއްލުމާ މެދު ވިސްނާލުމަކީ ބުއްދިވެރި ކަމަކަށް ވާނެ އެވެ. ވިޔަފާރި ފުޅާކުރުމަށް ބޭނުންވާ ފައިސާ އާއްމު ގޮތެއްގައި ހޯދަނީ، އަމިއްލަ ޖީބުން، މަދު ބައިވެރިންތަކަކާ ގުޅިގެން، ވިޔަފާރިކޮށްގެން ލިބޭ ފައިދާ އަލުން ވިޔަފާރި އަށް ލައިގެން، ބޭންކް ލޯނު މެދުވެރިކޮށްގެން ނުވަތަ އާންމުންނަށް ހިއްސާ ވިއްކައިގެންނެވެ. މި ފަރާތްތަކުގެ ތެރެއިން ހިއްސާ ގަންނަ އާންމު ފަރުދުން ފިޔަވައި، އެހެން ހުރިހާ ފަރާތްތަކަކީ އިންވެސްޓަރުންނަށް ދޫކޮށްލާ ފައިސާ އަށް ވާނުވާ ގޮތް ބެލުމަށާއި ކަމަކީ ފައިދާ ކުރަނިވި އިންވެސްޓްމަންޓެއްކަން ދެނެގަތުމުގެ ގާބިލްކަން އޮންނާނެ ފަރާތްތަކެކެވެ. އެއާ ޚިލާފަށް އާންމުންގެ ތެރެއިން ގިނަ ބަޔަކީ އެހެން ފަންނުތަކުގައި އުޅޭ މީހުންނެވެ. ވުމާ އެކު، ވިޔަފާރީގެ ސްޓްރެޓެޖިކް ތަޖުރިބާތަކެއް ނެތިވެސް ހިއްސާ ގަންނަން ޝައުގުވެރިވާ މީހުން މަދެއް ނުވާނެ އެވެ. ފަހަށް ރައްކާ ކުރުމުގެ ގޮތުންނާއި ކޮންމެވެސް ކަށަވަރުކަމެއްގެ މަތީގައި ބިނާވެފައި އޮންނަ އާމްދަނީއެއް ލިބިލިބި އޮތުމަށްޓަކައި، ހިއްސާ ގަތުމަކީ ދިވެހިންގެ ވަރަށް އާއްމު ކަމެކެވެ. އަދި ތަފާތު ގޮންޖެހުންތަކުގެ ތެރޭގައި ހަލަބޮލިވެގެންދާއިރު ވެސް (މިސާލަކަށް އެމްޓީޑީސީ) ހިއްސާގެ މައްޗަށް އާއްމުން ބާއްވާ ޔަގީން ކަމަކަށް މާބޮޑު ބަދަލެއް އައިހެނެއް ހިއެއް ނުވެއެވެ. ކަމާބެހޭ ސަރުކާރުގެ ޕޮލިސީ އަށް ބަލާއިރު، ސަރުކާރުންކުރާ ވިޔަފާރީގެ ބައެއް، އާއްމުންނަށް ދޫކޮށްލާނެ ކަމަށް ބެލެވެ އެވެ. މިކަން ކުރެވޭނީ މިހާރު ހިނގަމުންދާ ސަރުކާރުގެ ކުންފުނިތަކުގެ ހިއްސާ އާއްމުންނަށް ދޫކޮށްލައިގެންނެވެ. ހަމައެއާ އެކު، ބޭންކުތަކުން އެކިއެކި ވިޔަފާރީގެ މަޝްރޫއުތަކުން އިންވެސްޓްކުރާލެއް މަދުވާ ނަމަ (މިދިޔަ ދުވަސްތަކުގައި ދުނިޔޭގައި އަދި ރާއްޖޭގެ އިގުތިސޯދުގައި ހުރި ގޮންޖެހުންތަކަށް ނިސްބަތްކޮށް) ވިޔަފާރި އަށް ބޭނުންވާ ރައުސުލްމާލު ހޯދަން އޮތް އެންމެ ރަނގަޅު މަގަކީ އައިޕީއޯ އިޝޫކޮށްގެން ފައިސާ ހޯދުމެވެ. އަދި މިގޮތަށް މިކަންކަން ބައްޓަން ވެގެންދާނެ ކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ. ހަމަމިއާއެކު، އާންމުންގެ ހިތުގައި ހިއްސާދާރުވުމަށް ޝައުގުވެރިކަން އުފައްދާ ގައުމުގެ އިގުތިސޯދުން ލިބޭނެ ނަފާގައި އާންމު ރައްޔިތުން ބައިވެރި ކުރުމަށްޓަކައި ދައުލަތުގެ ތަފާތު މުއައްސަސާތަކުން މަސައްކަތްތަކެއް ކުރަން ޖެހޭނެ އެވެ. އަދި ރައްޔިތުންގެ ހައްގުތައް ރައްކާތެރިކޮށްދިނުމުގައި ހަމައެކަނި ގަވާއިދަށް ބަރޯސާވެ ތިބުމަކީ އެންމެ ބުއްދިވެރިގޮތެއް ނޫނެވެ. އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސް އާއި ކަމުގެ އެތިކަލް އަދި މޯރަލް އިޝޫޒްތަކަށް ރިއާޔަތް ކުރަން ޖެހެއެވެ. އާންމުންނަށް ހިއްސާ ވިއްކާއިރު އެ އާންމުން މެނޭޖްމަންޓްގައި ބައިވެރި ކުރެވޭނެ ނިޒާމެއް އޮންނަން ޖެހޭނެ އެވެ. ނޫނީ އެމީހުންގެ ނަމުގައި ވަކާލާތު ކުރާނެ ފަރާތެއް ނުހުންނާނެ އެވެ. އަދި އާންމުން ގަންނަ ހިއްސާއިން ލިބޭ އާމްދަނީ ބޭނުން ކުރަނީ ކުންފުނީގެ ކުރިއެރުމަށްތޯ ނުވަތަ މިހާރު ވެސް ތިބި ހިއްސާދާރުންގެ ފައިދާ އަށްތޯ ވެސް ބަލަން ޖެހެއެވެ. އައިޕީއޯ އަކަށް ކުރިމަތިލާއިރު އެ ވިޔަފާރިއަކީ އެކަށީގެންވާ މުއްދަތަކަށް ހިނގާ، ފައިދާތަކެއް ނުވަތަ ވިޔަފާރީގެ ކުރިމަގު ހޯދާފައިވާ ފަރާތްތަކަށް ވުން އެއީ މުހިއްމު ކަމެކެވެ. ފޮރިން އިންވެސްޓްމަންޓެއް ދަށުން އުފެދޭ ވިޔަފާރިއެއް ނަމަ، ގަވާއިދު ލާޒިމްކުރާ ލޯކަލް ރެޒިޑެންޓް ޑައިރެކްޓަރުގެ ފުރިހަމަ ވަނަވަރާއި ކުށުގެ ރެކޯޑާއި މިހާތަނަށް ކުރިމަގު ހޯދާފައިވާ ކަންކަމުގެ ތަފްސީލް އެނގެން ޖެހެއެވެ. އަދި ފޮރިން އިންވެސްޓްމަންޓެއްގެ ސަބަބުން ގެނައި ފައިސާގެ އަދަދާއި، ބޯނަސް ހިއްސާގެ ސަބަބުން އޭރުއްސުރެ ތިބި ހިއްސާދާރުންނަށް ލިބޭނެ ފައިދާ ދެނެގަންނަން ޖެހެއެވެ. އެތިކަލް މިންގަނޑުތަކަށް ބަލާއިރު ކުރީގެ ހިއްސާދާރުން އަމިއްލަ ފައިސާ ބޭނުންކޮށްގެން (ކުންފުންޏަށް ލިބޭ އާމްދަނީ ބޭނުން ކުރުމާ ހިލާފަށް) އިތުރު ހިއްސާ ނުގަންނަ ނަމަ، ނިސްބަތުން އެ މީހެއްގެ ޝެއާ ހޯލްޑިން އާއި ނުފޫޒު ކުޑަވަމުން ދާން ޖެހޭނެ އެވެ. ހިއްސާ ގަންނަމީހުން އަތުން ލިބޭ ފައިސާ އިން ސްޓޭޓަސް ކްއޯ ހިފެހެއްޓުމަކީ އާ ހިއްސާދާރުންގެ ހައްގުތައް އުނިވާނެ ކަމެކެވެ. ހަމަ މިއާ އެކު، ފޮރިން އިންވެސްޓްމަންޓެއްގެ ގޮތުގައި މަދު ފައިސާކޮޅެއް ގެނެސް މާ ބޮޑު ވިޔަފާރިއެއް ވެސް ނުކޮށް، ނިސްބަތުން މަދު އަދަދެއްގެ ހިއްސާ ބޮޑު ޕްރީމިއަމްއަކާ އެކު ވިއްކާ ލިބޭ ފައިސާ އިން ބޯނަސް ހިއްސާ އިޝޫކޮށް، ފޮރިން އިންވެސްޓްމަންޓްގެ ނަމުގައި ގެނައި ފައިސާ އަށްވުރެ ބޮޑު ނަފާ ހޯދައި އެނަފާ ބިދޭސީ ބަޔަކަށް ލިބޭނަމަ، އެއީ ގައުމަށް ވަރަށް ގެއްލުންވާނެ ކަމެކެވެ. ފޮރިން އިންވެސްޓްމަންޓްގެ މަގުސަދު ވެސް ގެއްލިގެން ދިޔައީ އެވެ. ވުމާއިއެކު އައިޕީއޯގެ މޫސުމް އައިސްގެން އުޅޭއިރު ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން މިކަމަށް ފާރަވެރިވުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ