ބަޣާވާތް ރޭވީ މައުމޫން ކަމަށް ލެޓަމަން ޝޯގައި ނަޝީދު ވިދާޅުވެއްޖެ
އެ މަނިކުފާނުގެ ވެރިކަން ބަދަލުކުރި ބަޣާވާތް ރޭއްވެވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ކަމަށާއި މައުމޫން "އެނބުރި އަތުވެއްޖެ" ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު "ލޭޓް ޝޯ ވިތު ޑޭވިޑް ލެޓަމަން" ގައި މިއަދު ވިދާޅުވެއްޖެ އެވެ. އެ މަނިކުފާނުގެ ތިމާވެށީގެ މަސައްކަތްޕުޅުގެ މައްޗަށް އުފައްދާފައިވާ "ދި އައިލެންޑް ޕްރެޒިޑެންޓް" ގެ ޕްރިމިއާއަކަށް އެމެރިކާ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ނިއު ޔޯކްގައި ނަޝީދު ވަނީ ސީބީއެސްގެ މަޝްހޫރު ޝޯ އަށް އިންޓަވިއުއެއް ދެއްވައިފަ އެވެ. ލެޓަމަން ޝޯގައި ނަޝީދު މައިގަނޑުގޮތެއްގައި ވާހަކަފުޅު ދެއްކެވީ ކްލައިމެޓް ޗޭންޖާ މެދު މިހާރުން މިހާރަށް ފިޔަވަޅު އެޅުމަށާއި ރާއްޖޭގައި އަވަސް ރިޔާސީ އިންތިޚާބެއް ބޭއްވުމަށް ބާރުއަޅުއްވަ އެވެ. ނަޝީދު ވިދާޅުވީ އެ މަނިކުފާނު ފެބްރުއަރީ 7 ގައި އިސްތިއުފާދެއްވީ މައުމޫން ރޭއްވެވި ބަޣާވާތަކުން ކަމަށާއި 30 އަހަރުގެ ޑިކްޓޭޓަޝިޕަކަށް ފަހު މައުމޫން ވަނި އެނބުރި ވަޑައިގެންފައި ކަމަށެވެ. "އާދެ، ބަޣާވާތް ރާވައި އޭނާގެ އާއިލާ އާއި ބައިވެރިން އަނބުރާ ވެރިކަމަށް ގެނައި މީހަކީ އެއީ [މައުމޫން]،" ލެޓަމަންގެ ސުވާލެއްގެ ޖަވާބުގައި ނަޝީދު ވިދާޅުވި އެވެ. "އަޅުގަނޑު އިންތިޚާބުވީ 2008 ގައި އޭރު ޑިކްޓޭޓަރެއްގެ ގޮތުގައި ހުރި މައުމޫނަށް ފަހު. އޭނާ މިހާރު ވަނީ އަނެއްކާވެސް އެނބުރި އައިސްފައި. ކުރީގެ ޑިކްޓޭޓަޝިޕް ވަނީ އިއާދަވެފައި. އަޅުގަނޑުމެން ހަގީގަތުގައި ވެސް މި ބަލަނީ މި ގައުމު އަލުން ހަމަ މަގަށް އެޅުވޭނެ ގޮތެއް ހޯދޭތޯ." ކްލައިމެޓް ޗޭންޖް މައްސަލާގައި ނަޝީދު ދައްކަވާފައިވާ ވާހަކަފުޅުތަކަށް އެ މަނިކުފާނާ އިދިކޮޅު ސިޔާސީ ފަރާތްތަކުން ކިޔާފައިވާ ފާޑުކިޔުންތަކަށް އިޝާރާތްކޮށް ލެޓަމަން ސުވާލުކުރި އެވެ. އޭނާ ނަޝީދަށް ދެންނެވީ ކްލައިމެޓް ޗޭންޖްގެ ސަބަބުން ރާއްޖެ އަށް ކުރިމަތިވެފައިވާ ނުރައްކާތަކަށް ސަމާލުކަން ހޯދުމަކީ މާލީ ގޮތުން ރާއްޖެ އަށް ގެއްލުންތަކެއް ލިބޭނެ ކަމެއްގެ ގޮތުގައި ފާހަގަކުރުމަކީ ރަނގަޅު ވާހަކައެއްތޯ އެވެ. އޭގެ ޖަވާބުގައި ވެސް އެ މަނިކުފާނު ވިދާޅުވީ ބަޣާވާތަކީ މައުމޫންގެ ކަމެއް ކަމަށެވެ. "ފައިސާގެ މައްސަލަތަކާ ހެދި ބަޣާވާތަށް ވާގިވެރިވި ބަޔަކު ވެސް އެބައުޅޭ،" ނަޝީދު ވިދާޅުވި އެވެ. "އެކަމަކު މިއީ ހަމަ ގައްޔޫމް، ކުރީގެ ޑިކްޓޭޓަރު، އަނެއްކާވެސް އެނބުރި އައުން." މައުމޫން ސަރުކާރުގެ ދުވަސްވަރު ހިންގާފައިވާ އިންސާނިއްޔަތާ ޚިލާފް ކަންތައްތަކުގެ ހެކި ދައްކަވަމުން ނަޝީދު ލެޓަމަން އަށް ވިދާޅުވީ "ސީދާ އަޅުގަނޑަށް ދެ ފަހަރު މަތިން އަނިޔާކުރި، ސީދާ ގައްޔޫމް" ކަމަށެވެ. އެ މަނިކުފާނު ވިދާޅުވީ ރާއްޖެ އަށް އަލުން ޑިމޮކްރެސީ ގެންނަން ޖެހިފައިވާ ކަމަށެވެ. "އަޅުގަނޑުމެން ބޭނުންވަނީ މިނިވަން އަދި އިންސާފުވެރި އިންތިޚާބެއް. އަޅުގަނޑުމެން ބޭނުންވަނީ އެކަމަށް [އެމެރިކާ] ސަރުކާރުގެ ތާއީދު. އަޅުގަނޑުމެންނަށް ސިހުން ލިބުނު، އެމެރިކާ ސަރުކާރުން އެހާ އަވަހަށް ގަބޫލުކުރުމުން [އާ ސަރުކާރު]،" ނަޝީދު ވިދާޅުވި އެވެ. އާ ސަރުކާރު ބަލައިގަތުމަށް ފަހު އެމެރިކާ އިން އެކަން އަނބުރާ ގެންދިޔަ ކަހަލަ ގޮތަކަށް ފަހުން އަމަލުކުރިކަން ނަޝީދު ފާހަގަކުރެއްވި އެވެ. ނަމަވެސް އެ މަނިކުފާނު ވިދާޅުވީ "އިންތިޚާބެއް ބޭއްވުމަށް [އެމެރިކާ ސަރުކާރުން] މިހާރަށް ވުރެ ހަރުދަނާކޮށް އަޅުގަނޑުމެންނަށް އެހީތެރިވެދޭނެ ކަމަށް އުއްމީދުކުރަން" ކަމަށެވެ. ކްލައިމެޓް ޗޭންޖާ ބެހޭގޮތުން ނަޝީދު ވިދާޅުވީ "ކުރިއަށް އޮތް ހަތް އަހަރު ތެރޭ ކަމެއް ނުކުރެވިއްޖެ ނަމަ އަޅުގަނޑުމެންނަށް ސީރިއަސް މައްސަލަތަކެއް ކުރިމަތިވާނެ" ކަމަށެވެ. "މިއަދު ރާއްޖެ އަށް މި ދިމާވާ ކަންތައްތައް މާދަމާ އެހެން ހުރިހާ ތަނަކަށް ދިމާވާނެ. [ނިއު ޔޯކްގެ] މެންހެޓްން އަކީ ވެސް ރަށެއް. އެ ރަށް ވެސް އިސްތިސްތިނާވާނެ ކަމަކަށް އަޅުގަނޑު ނުދެކެން،" ނަޝީދު ވިދާޅުވި އެވެ. ނަޝީދު ލެޓަމަންއާ އެކު ނަޝީދުގެ މި ދަތުރުފުޅުގައި "ދި އައިލެންޑް ޕްރެޒިޑެންޓް" އުފެއްދި މީހުންނާ އެކު ޕްރޮމޯޝަނަލް ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަވަމުން ގެންދަވާ އިރު އިތުރު އިންޓަވިއުތައް ވެސް ދެއްވުމަށް ވަނީ ހަމަޖެހިފައި ކަމަށް އެ މަނިކުފާނުގެ ޕާޓީ އެމްޑީޕީގެ އޮފިޝަލުން ވިދާޅުވެ އެވެ. ލެޓަމަން ޝޯގެ އިތުރުން ނަޝީދު މިއަދު ވަނީ "ދަ ލެނަޑް ލޮޕޭޓް ޝޯ" ގައި ވެސް ފިލްމްގެ ޕްރޮޑިއުސަރު ޖޯން ޝެންކްއާ އެކު މެހްމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގެން ވާހަކަފުޅުދައްކަވާފަ އެވެ. އަދި އެ މަނިކުފާނު ވަނީ ޓެކްނޮލޮޖީ އާއި ސޯޝަލް މީޑިއާގެ ޚަބަރުތައް ފުޅާދާއިރާއެއްގައި ކަވަރުކުރާ ވެބްސައިޓް "މޭޝެބްލް" އަށް ވެސް އިންޓަވިއުއެއް ދެއްވާފަ އެވެ. ނަޝީދު މޭޝެބްލް އަށް ދެއްވި އިންޓަވިއު <br>
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ