ދުނިޔޭގެ ގަދަ 100 ގެ ތެރެއިން ވިލާ ކޮލެޖަށް ތާރީހީ ޖާގައެއް!

ބައިނަލްއަގުވާމީގޮތުން އެންމެ މަގުބޫލު އެއް މިންގަނޑު ކަމަށްވާ "ޓައިމްސް ހަޔާ އެޑިއުކޭޝަން ސަސްޓެއިނަބިލިޓީ އިމްޕެކްޓް ރޭޓިންގްސް 2026" ގައި ބައިވެރިވެ، ވިލާ ކޮލެޖުން ރާއްޖޭގެ  ތާރީހުގައި ފާހަގަކޮށްލެވޭ ފަދަ ބޮޑު ކާމިޔާބީއެއް ހާސިލުކޮށްފި އެވެ.
އދ. ގެ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ދުނިޔޭގެ މަތީ ތައުލީމުދޭ މުއައްސަސާތަކުން ކުރާ މަސައްކަތްތަކަށް ބަލައި ހޮވާ މި ރޭންކިންގައި، ފެންވަރު ރަނގަޅު ތައުލީމު ފޯރުކޮށްދިނުމުގެ ދާއިރާއިން (އެސް.ޑީ.ޖީ 4) ވިލާ ކޮލެޖުން ވަނީ މުޅި ދުނިޔެއިން 82 ވަނަ މަގާމު ހާސިލުކޮށް، ދުނިޔޭގެ ގަދަ 100 ގެ ތެރެއިން ޖާގަ ހޯދާފަ އެވެ.
މިއީ މިދިޔަ އަހަރު މި ކެޓެގަރީން އެ ކޮލެޖު ހިމެނުނު 101-200 ބޭންޑުން ކުރިއަށްޖެހި، ފުރަތަމަ ފަހަރަށް ރާއްޖޭގެ މުއައްސަސާއަކުން ބައިނަލްއަގުވާމީ މައިދާނުގައި ހޯދި މިފަދަ ޝަރަފުވެރި ކާމިޔާބީއެކެވެ.
މިއަހަރުގެ ރޭންކިންގްސްގައި މުޅި ދުނިޔެއިން ބައިވެރިވި 1,603 މުއައްސަސާގެ ތެރެއިން ވިލާ ކޮލެޖު ވަނީ އޯވަރޯލް ރޭންކިން ގެ 301 އާއި 400 އާ ދެމެދުގެ ބޭންޑުގައި ހިމެނިފަ އެވެ. މިއީ މިދިޔަ އަހަރު އެ ކޮލެޖު އޮތް 401-600 ބޭންޑާ އަޅާބަލާއިރު އެންމެ އަހަރެއްގެ ތެރޭގައި ލިބުނު ބޮޑު ކުރިއެރުމެކެވެ. މިއާއެކު، ވިލާ ކޮލެޖަކީ މި ރޭޓިންގައި ދިވެހިރާއްޖެއިން އެންމެ މަތިން ރޭޓްކުރެވުނު މުއައްސަސާއަށް ވަނީ ވެފައެވެ.
މި ކާމިޔާބީއާ ގުޅިގެން ވިލާ ކޮލެޖުގެ ވައިސް ރެކްޓަ ޑރ. އަލީ ނަޖީބު ވިދާޅުވީ، މިއީ ކޮލެޖުގެ ދަރިވަރުންނާއި މުވައްޒަފުން ކުރި ބުރަ މަސައްކަތުގެ ނަތީޖާ ކަމަށެވެ. އަދި ދުނިޔޭގެ ފެންވަރުގެ ކޮލިޓީ އިންޑެކްސްއެއްގައި 82 ވަނައިގައި ވިލާ ކޮލެޖު އޮތުމަކީ، އެ ކޮލެޖުން ތަޢުލީމު ހާސިލުކުރާ ދަރިވަރުންގެ ސަނަދުތަކުގެ ބަރުދަން ބައިނަލްއަޤްވާމީ ވަޒީފާގެ ބާޒާރުގައި އުފުލި، ފަހި ފުރުޞަތުތައް ހުޅުވިގެންދާނެ ކަމެއް ކަމަށްވެސް އޭނާ ފާހަގަކުރެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ