ޔޫއޭއީ އިންޑިއާއިން ސުޕަސޮނިކް މިސައިލާއި ދިފާއީ ނިޒާމުތައް ގަންނަނީ
ނިއުދިއްލީ (24 ޖޫން 2026): ރަޝިއާގެ އެހީއާއެކު އިންޑިއާގައި އުފައްދާ އަޑަށްވުރެ ބާރަށް ދަތުރުކުރާ 'ބްރަހްމޮސް' މަރުކާގެ ކުރޫޒް މިސައިލާއި އިންޑިއާގައި އުފައްދާ 'އާކާޝްތީރު' މަރުކާގެ ވައިގެ ދިފާއީ ނިޒާމު ގަންނަން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) މަސައްކަތް ކުރަމުންދާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ. ރިޕޯޓްތައް ބުނާ ގޮތުން މި ދެ ބާވަތުގެ ހަތިޔާރު ގަތުމަށްޓަކައި އިންޑާއާއި ޔޫއޭއީ ގެ މަސްއޫލުވެރިން މިހާރު ވަނީ މަޝްވަރާތައް ފަށައިފައެވެ. ނަމަވެސް މިކަމާ ބެހޭ ގޮތުން މި ދެ ގައުމުން ރަސްމީ ސިފައެއްގައި އަދި އެއްޗެއް ބުނެފައެއް ނުވެއެވެ. 'ބްރާމޮސް' މަރުކާގެ ކުރޫޒް މިސައިލަކީ ގާތްގަނޑަކަށް 300 ކިލޯމީޓަރުގެ ރާސްތާގެ މިސައިލެކެވެ. މިއީ ރަޝިއާގެ ފަންނީ އެހީއާއެކު އިންޑިއާ އުފައްދާ މިސައިލެއް ކަމުން މި މިސައިލް ވިއްކޭނީ ރަޝިއާގެ ހުއްދަ ވެސް ލިބިގެންނެވެ. ރަޝިޔާއާއި ޔޫއޭއީއާ ދެމެދު ގާތް ގުޅުންތަކެއް އޮތުމުން މިކަމަށް ރަޝިއާ ދެކޮޅު ނުހަދާނެ ކަމަށް ވަނީ ބެލެވިފައެވެ. މީގެ އިތުރުން ޔޫއޭއީ ވަނީ ދެކުނު ކޮރެޔާއިން ވެސް 35 ބިލިޔަން ޑޮލަރުގެ ހަތިޔާރު ގަތުމަށް ނިންމާފައެވެ. ރިޕޯޓްތައް ބުނާ ގޮތުން މިކަމާ ބެހޭ އިބްތިދާއީ އެއްބަސްވުމުގައި އެ ދެ ގައުމު މިހާރު ވަނީ ސޮއި ވެސް ކޮށްފައެވެ. ޔޫއޭއީ ދެކުނު ކޮރެއާއިން ގަންނަ ހަތިޔާރުތަކުގެ ތެރޭގައި ރާޑަރު، ޓޭންކް އަދި އާމެޑް ވެހިކަލާއި އެނޫން ވެސް ގިނަ ބާވަތްތަކުގެ ހަތިޔާރު ހިމެނޭ ކަމަށް ވެއެވެ. މިއީ ޔޫއޭއީގެ ސިފައިންގެ އަސްކަރީ ގާބިލްކަން އިތުރު ކުރުމަށް އެގައުމު އަލަށް ފަށާ ޕްރޮގްރާމެއްގެ ދަށުން ހޯދާ ހަތިޔާރު ކަމަށާއި މި ޑީލްތަކުގެ ތެރޭގައި މި ހަތިޔާރުތައް ބޭނުންކުރުމުގެ ތަމްރީނު ޔޫއޭއީގެ ސިފައިންނަށް ދިނުން ވެސް ހިމެނޭކަމަށް ވެއެވެ. އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރި ހަނގުރާމާގައި ޔޫއޭއީގައިވާ އެމެރިކާގެ ބޭސްތައް ބޭނުންކުރި ކަމަށް ބުނެ އީރާން ވަނީ ޔޫއޭއީގައިވާ އެމެރިކާގެ އަސްކަރީ މަރުކަޒުތަކާއި އަސްކަރީ ބޭސްތައް ހިމެނޭ ގޮތަށް ޔޫއޭއީގެ އެކި އަމާޒުތަކަށް އެތަށް ހާސް ހަމަލާއެއް ދީފައެވެ. އީރާނުން އިސްރާއީލަށް ދިން ހަމަލާތަކަށް ވުރެ ވެސް އީރާނުން ޔޫއޭއީ އަށް ދިން ހަމަލާތައް ގިނަ ކަމަށް ރިޕޯޓްތައް ބުނެއެވެ. އީރާނުގެ ހަމަލާތަކާ ގުޅިގެން ޔޫއޭއީން ސީދާ ގޮތެއްގައި އީރާނަށް ހަމަލާ ތަކެއް ދިންކަމަށް ވެސް ބައެއްް ރިޕޯޓްތައް ބުނެއެވެ. މި ރިޕޯޓްތަކާ ގުޅިގެން ޔޫއޭއީން އެއްޗެއް ބުނެފައެއް ނުވެއެވެ. އިންޑިއާގެ ނޫސްތަކުގައިވާ ބައެއް ތަހުލީލުތައް ބުނާގޮތުން ޔޫއޭއީ އަށް އިންޑިއާގެ ހަތިޔާރު ވިއްކުމުގެ ޑީލް އަކީ ޕާކިސްތާނުން އެތަށް ބިލިޔަން ޑޮލަރެއްގެ ހަތިޔާރު ގަތުމަށް ސައޫދީ އަރަބިއާ އިން ދާދިފަހުން ނިންމި ނިންމުމަށް ރައްދު ދިނުމުގެ ގޮތުން ޔޫއޭއީ އާއެކު އިންޑިއާ ހަދާ ޑީލް އެކެވެ. ޔޫއޭއީ އާއި ޕާކިސްތާނުގެ ގުޅުންތަކަށް ދާދިފަހުން ވަނީ ކޮންމެވެސް ވަރެއްގެ ލޮޅުންތަކެއް އަރާފައެވެ. ޚަބަރުތައް ބުނާގޮތުން މި ލޮޅުންތަކާއެކު ޔޫއޭއީ ވަނީ ޕާކިސްތާން އެ ގައުމުން ނަގާފައިވާ ލޯނެއް ކުއްލި ގޮތަަކަށް އަނބުރައި ދެއްކުމަށް ޕާކިސްތާނަށް މަޖުބޫރު ކޮށްފައެވެ. ޕާކިސްތާން ވަނީ އެގައުމަށް ކުރިމަތިވެފައިވާ މާލީ ދަތިތަކާއެކު ވެސް މި ލޯނު ދައްކާފައެވެ. ލޯނު ދައްކާފައިވަނީ ސައޫދީގެ މާލީ އެހީގައި ކަމަށް ވެސް ޚަބަރުތައް ބުނެއެވެ. ސަރަހައްދީ ބާރުވެރިކަން ހޯދުމުގައި ސައޫދީ އާއި ޔޫއޭއީގެ ވާދަވެރިކަމެއް ތަންކޮޅެއް ކުރިން ވެސް ވަނީ އުފެދިފައެވެ. މި ވާދަވެރިކަން ދުނިޔޭގެ މަސްރަހަށް ފާޅުވާފަދަ ގޮތަކަށް ދެގައުމުގެ މުއާމަލާތްތަކާއި ސިޔާސަތު ތަކުންވަނީ މިފަހަކަށް އައިސް ފެންނަން ފަށާފައެވެ. މިކަން ފެންނަން ފަށާފައި ވަނީ ޔަމަނާއި ސޫދާން ފަދަ ގައުމުތަކުގައި ހިނގާ ދާޚިލީ ހަނގުރާމަތަކުންނެވެ. ޔޫއޭއީ އާއި އީރާނުގެ ގުޅުންތައް އިތުރަށް ގޯސްވެފައިވާއިރު ސައޫދީއާއި އީރާނުގެ ގުޅުންތައް ވަނީ ކުރިޔަށް ވުރެ ބޮޑަށް ރަނގަނޅުވާން ފަށާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ