ހުރްމުޒްގައި ތާށިވެފައިވާ އުޅަނދުތައް ނެރުމުގެ މަސައްކަތް ފަށައިފި

ހުރްމުޒް ކަނޑުއޮޅީގައި ތާށިވެފައި ހުރި އުޅަނދުފަހަރާއި ފަޅުވެރިން، އެ ކަނޑުއޮޅި ހުރަސްކޮށް ނުކުމެވޭނެ ޕްލޭނެއް އެކުލަވައިލުމުގެ މަސައްކަތް ކުރަމުންދާކަމަށް އދގެ ކަމާގުޅޭ އިދާރާއިން ބުނެފިއެވެ.
އެމެރިކާ އާއި ޔަހޫދީން ގުޅިގެން އީރާނާ ދެކޮޅަށް މިދިޔަ ފެބްރުއަރީ 28ގައި ފެށި ހަނގުރާމައިގެ ރައްދުގައި އީރާނުން ވަނީ ކަނޑުމަގުން މުދާ އުފުލުމުގެ މައި މަގެއް ކަމަށްވާ ހުރްމުޒް ކަނޑޮއޮޅި ބަންދުކޮށްފައެވެ. އެކަމާ ގުޅިގެން ހުރްމުޒް ހުރަސްނުކުރެވި، ތާށިވެފައިވާ އުޅަނދުފަހަރުގައި ތިބި ފަޅުވެރިންގެ ޢަދަދު 11،000އަށް އަރާކަމަށް އދއިން ބުނެފައިވެއެވެ.
އދގެ ކަނޑުދަތުރުފަތުރާބެހޭ އިދާރާ، އައިއެމްއޯގެ ތަރުޖަމާނަކު ވިދާޅުވީ، ހުރްމުޒް ހުރަސްކޮށް ދަތުރުކުރުމަށްޓަކައި، އެ ކަނޑުއޮޅީގައި ތާށިވެފައިވާ އުޅަނދުފަހަރާ ގުޅައިގެން މަސައްކަތް ފަށާފައިވާ ކަމަށެވެ.
އީރާނާއި އެމެރިކާއާ ދެމެދު ހަނގުރާމަ ހުއްޓައިލުމުގެ އެއްބަސްވުމަކަށް ޢަމަލުކުރަން ފެށުމާ ގުޅިގެން، އީރާނުން ވަނީ ހުރްމުޒް އަލުން ހުޅުވާލައިފައެވެ.
އައިއެމްއޯއިން ބުނީ، ތާށިވެފައިވާ އުޅަނދުފަހަރަށް ރައްކާތެރިކަމާއެކު ހުރްމުޒް ހުރަސްކުރެވޭނެކަމުގެ ޔަޤީންކަން ލިބިފައިވާ ކަމަށެވެ.
ތާށިވެފައިވާ އުޅަނދުފަހަރު ނެރުމުގެ މަސައްކަތުގައި އޮމާނާއި އީރާނު އަދި ސަރަޙައްދުގެ އެހެން ޤައުމުތަކުގެ އެއްބާރުލުމާއި އެހީތެރިކަން ލިބެމުންދާކަން އެ އިދާރާއިން ފާހަގަކުރިއެވެ.
ހުރްމުޒްގައި ތާށިވެފައިވާ އުޅަނދުފަހަރު ނެރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ފިޔަވަހިތަކަކަށް ބަހާލައިގެންނެވެ.
އެއީ ހުރިހާ އުޅަނދެއް އެއް ފަހަރާ ދަތުރުކުރުމަކީ ރައްކާތެރިކަމަކަށް ނުވާތީކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ