ސަރުކާރުގެ ވައުދުތަކާއި އަމަލީ ސިފަތަކާ ދިމާ ނުވޭ، އެއްވެސް ކަމެއްގައި ލިބުނު ކާމިޔާބީއެއް ނެތް: ޑރ. ޑީޑީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންނަށް ވެވަޑައިގަންނަވާ ވައުދުފުޅުތަކާއި، ސަރުކާރުގެ އަމަލީ ސިޔާސަތުތަކާ ދިމާނުވާކަމަށް އެމްޑީޕީގެ ކުރީގެ ރައީސް ޑރ. އިބްރާހިމް ދީދީ (ޑރ. ޑީޑީ) ވިދާޅުވެއްޖެއެވެ.
ސަންގުޓީވީގެ ”ޚަބަރަށްފަހު“ ޕްރޮގްރާމްގައި ބައިވެރިވެވަޑައިގެން ޑީޑީ ވަނީ ސަރުކާރަށް ވަރަށް ބޮޑެތި ފާޑުކިއުންތައް އަމާޒު ކުރައްވާފަ އެވެ. އަދި މަސްވެރިންނަށް ވެފައިވާ ވައުދުތައް ނުފުއްދޭކަމަށް ޑރ. ޑީޑީ ވިދާޅުވި އެވެ.
މަސްވެރިކަމުގެ ދާއިރާގައި ހުރި ކަންބޮޑުވުންތަކާ ގުޅޭގޮތުން ޑރ. ޑީޑީ ވިދާޅުވީ، މަސްވެރިން ބާނާ މަހަށް 20 ރުފިޔާގެ ރޭޓުން ފައިސާ ދޭނެކަމަށް ބުނެ ވެފައިވާ ވައުދަކީ މިއަދު މަސްވެރިންނަށް އެއްވެސް ޔަގީންކަމެއް އޮތްކަމެއް ނޫން ކަމަށެވެ. އަދި ރައީސް މުއިއްޒުގެ ސަރުކާރުން ކަންކަން ކުރަމުންދާ ގޮތުން، މަސްވެރިންގެ އުންމީދުތައް ގެއްލެމުންދާކަން އޭނާ ވިދާޅުވި އެވެ.
ޑރ. ޑީޑީ ވިދާޅުވީ، ސިޔާސީ ވެރިން ރައްޔިތުންނަށް ވައުދުވާން ވާނީ ދުނިޔެއަށް އަތުވެދާނެ ބަދަލުތަކާއި، ހަނގުރާމަތަކާއި، އިގްތިސާދީ ލޮޅުންތަކަށް ރިއާޔަތްކޮށް އެކަންކަން މިނެކިރުމަށްފަހު ކަމަށެވެ. އަދި އެފަދަ ކަންކަމަށް ރިއާޔަތްނުކޮށް ވައުދުވެ، ފަހުން ބަހަނާ ދެއްކުމަކީ ގަބޫލުކުރެވޭނެކަމެއް ނޫންކަމަށް ދީދީ ވިދާޅުވިއެވެ.
ޑރ. ޑީޑީ ވިދާޅުވި ގޮތުގައި މަސްވެރިކަން ކުރިއެރުވުމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ގިނަ މަސައްކަތްތައް ކުރެވުނު ކަމަށެވެ. އެގޮތުން ކޮވިޑް-19 ފަދަ ދުނިޔެއަށް ދިމާވި އެންމެ ދަތި އުނދަގޫ ހާލަތުގައި ވެސް، މަސްވެރިން ބޭނި މަހަށް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ފައިސާ ފޯރުކޮށްދެމުން ދިޔަކަމަށް ޑރ. ޑީޑީ ވިދާޅުވި އެވެ. ނަމަވެސް މިހާރު މަސްވެރިންނަށް ދިމާވާ މައްސލަަތައް ހައްލު ނުވެ ދިގުލައިގެންދާ ސަބަބު ސަރުކާރަށް ބުނެނުދެވޭކަމަށް ޑރ. ޑީޑީ ވިދާޅުވިއެވެ.
ޑރ. ޑީޑީ ވިދާޅުވީ ރާއްޖޭގެ 98 އިންސައްތައަކީ ކަނޑުގެ ސަރަހައްދުކަމަށްވާއިރު، ގުދުރަތީ ގޮތުން ލިބިފައިވާ މި ވަސީލަތުގެ ބޭނުން އޭގެ ފުރިހަމަ ގޮތުގައި އަދިވެސް ހިފެމުން ނުދާ ކަމަށެވެ.
ރައީސް މުއިއްޒު އަޅުގަނޑު ކުރިންވެސް ދެންނެވިހެން ހަމަ ވިދާޅުވާ އެއްޗަކާއި މީގެ ހަގީގަތަކާއި ދިމާނުވާކަން ފާހަގަކުރެވޭ. މިސާލަކަށް ރާއްޖޭން ބޭރަށް ފުރާ މީހުންނަށް ދޭ 500 ޑޮލަރު 1000 ޑޮލަރަށް ބަދަލުކުރާނެކަމަށް ހަމަ ހަރުއަޑުން ޕަބްލިކް އިވެންޓްތަކުގައި ވިދާޅުވި. އެކަމަކު މިއަދު ފެންނަނީ ހަނގުރާމައާއި އީރާނުގެ މަސްލަހަތާ ގުޅުވައިގެން އެކަން ނުވާނެ ބަހަނާތައް ދައްކާ ތަން
ސިޔާސަތުތަކަށް އައި ބައެއް ބަދަލުތަކަށް ފާޑުކިއުން އަމާޒު ކުރައްވައި ޑރ. ޑީޑީ ވިދާޅުވީ ފިޝަރީޒް މިނިސްޓްރީގެ ނަމަށް، މެރިން ރިސޯސް އިތުރު ކުރުމުން ލިބޭނެ މަންފާއެއް ނެތްކަމަށެވެ. އަދި ހަގީގީ ބަދަލަކީ މި ސިނާއަތުން ލިބެންވާ ފައިދާ ހޯދުމަށް ކުރަންޖެހޭ ބިޔަ އިންވެސްޓްމަންޓްތައް ކުރުންކަން ޑރ. ޑީޑީ ފާހަގަކުރެއްވި އެވެ. ޑރ. ޑީޑީ ވިދާޅުވި ގޮތުގައި ދުނިޔޭގެ އެހެން ގައުމުތަކުގައި މަސް ދިރުވާ އާލާކުރުމުގެ ބޮޑެތި މަޝްރޫއުތައް ހިންގާއިރު، ރާއްޖޭގައި މިހާތަނަށް އެފަދަ އެއްވެސް ކަމެއް ކުރެވިފައެއް ނެތެވެ.
މީގެއިތުރުން ޑރ. ޑީޑީ ވިދާޅުވީ، ރާއްޖޭގެ އިގްތިސާދީ ސިޔާސަތު ކަނޑައަޅާ ފަރާތްތަކުން ހަމައެކަނި ފަތުރުވެރިކަމަށް ބަރޯސާވެގެން ތިބުމުގެ ބަދަލުގައި، މަސްވެރިކަމުގެ ސިނާއަތް ޒަމާނީކޮށް، އޭގެއިން ލިބޭ އާމްދަނީ އިތުރުކުރުމަށް ސީރިއަސް ސިފައެއްގައި މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށެވެ. އަދި ރައްޔިތުންނަށް ދަޅަދެއްކުމުގެ ބަދަލުގައި، ހަގީގީ މަންފާ ލިބޭނެ މަގުތައް ފަހިކޮށްދޭން ޖެހޭކަމަށް ވެސް ވިދާޅުވިއެވެ.
ޑރ. ޑީޑީ ވިދާޅުވީ، ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބޮޑުވެފައިވާއިރު، މަސް ދިރުވާ އާލާކުރުމުގެ މަޝްރޫއުތައް ފުޅާދާއިރާއެއްގައި ކުރިއަށް ނުދިއުމަކީ އިގްތިސޯދީ ގޮތުން ލިބޭ ބޮޑު ގެއްލުމެއް ކަމަށެވެ. ހާއްސަކޮށް، މަސްވެރިން އެން ހޯދުމަށްޓަކައި އެތައް ކަނޑެއް ހުރަސްކޮށް، ދިގު ރާސްތާއަކަށް ދަތުރުކުރަން ޖެހުމުން ތެލަށް ކުރާ ހޭދަ ބޮޑުވެ، މަސްވެރިކަމުގެ ނަފާ ކުޑަވާކަން ފާހަގަކުރެއްވިއެވެ.
ޑރ. ޑީޑީ ވިދާޅުވީ، މަސްވެރިން ކުރާ ބުރަ މަސައްކަތާ އަޅާބަލާއިރު ސަބްސިޑީ ދިނުމަކީ މުހިންމު ކަމެއް ނަމަވެސް، ދާއިރާ ކުރިއަރާނީ ހަމައެކަނި ސަބްސިޑީއަށް ބަރޯސާވުން ހުއްޓާލައި، އިންވެސްޓްމަންޓްތައް ފުޅާކޮށްގެން ކަމަށެވެ. އެގޮތުން މަސްވެރިން ބާނާ މަހަށް ލިބޭ އަގު ބޮޑުކުރުމަކީ ޒުވާނުން މި ދާއިރާއަށް ޝައުގުވެރިކުރުވުމަށް ކުރެވިދާނެ ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވިއެވެ.
ދުނިޔޭގެ އެހެން ގައުމުތަކުގައި ކަޅުބިލަމަސް ފަދަ ބާވަތްތައް ދިރުވާ އާލާކުރާ ފަދައިން، ރާއްޖޭގައިވެސް އެފަދަ ޒަމާނީ ނިޒާމުތައް ގާއިމްކޮށް، މަސްވެރިކަމަކީ ދެމެހެއްޓެނިވި އަދި ފައިދާހުރި ދާއިރާއަކަށް ހެދުމަށް ޑރ. ޑީޑީ ވަނީ ގޮވާލާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ