ފޭކު ސަނަދު ގެންގުޅުން ޖިނައީ ބޮޑު ކުށަކަށް ހަދަން ގޮވާލައި މަޖިލީހަށް ހުށަހެޅުންތަކެއް

ފޭކު ސަނަދާއި ސަނަދު ފޯޖު ކުރުން ޖިނާއީ ބޮޑު ކުށަކަށް ހަދަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް މިއަދު ހުށަހަޅައިފި އެވެ. 
ވީ ކިހިނެއް؟ - މި މައްސަލަ ހުށަހެޅުއްވީ، މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު އިބްރާހިމް އެވެ. 
މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއަށް، އެޑްރެސްކޮށް މަޖިލީހަށް ފޮނުއްވި ސިޓީގައި އެދިފައިވަނީ، މަތީ ތައުލީމާއި ތަމްރީނު ދިނުމުގެ ހިދުމަތުގެ ފެންވަރު ވަޒަންކުރުމުގައި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ)ގެ ދައުރު އާއި އެކަމުގައި ދިމާވާ ގޮންޖެހުންތައް އޮޅުންފިލުވުމަށް، އެ އޮތޯރިޓީގެ އިސް ވެރިން މަޖިލީހުގެ ކަމާ ބެހޭ ކޮމިޓީއަށް ހާޒިރުކޮށްދިނުމަށެވެ. 
ތަފްސީލް - މި ހުށަހެޅުމުގައި މުހައްމަދު އިބްރާހިމް ވަނީ ރާއްޖޭގައި އެކްރެޑިޓްނުކުރާ ނުވަތަ ފެންވަރު ކަށަވަރުނުކުރެވޭ ސަނަދުތައް ދޫކުރުމާއި، ފޯޖު ސަނަދުތައް ގެންގުޅުން އާންމުވަމުން ދާތީ މުޖުތަމައުއަށް އޭގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތައް ހިއްސާކޮށްފަ އެވެ.
އޭނާ ވިދާޅުވީ ލިބެން ޖެހޭ ތައުލީމާއި ހުނަރު ނުލިބި ހަމައެކަނި ރަމްޒީ ސަނަދެއް ލިބުމުން އޭގެ އަސަރު ވަރަށް ފުޅާކޮށް ތައުލީމީ ދާއިރާއަށާއި މުޅި މުޖުތަމައުއަށް ވެސް ކުރާނެ ކަމަށެވެ.
އެގޮތުން ކުރިމަތިވާ މައިގަނޑު ކަންބޮޑުވުންތަކެއްގެ ގޮތުގައި ފާހަގަކުރެއްވީ އިލްމީ އަދި ހުނަރުގެ ފެންވަރު ދަށްވުމާއި މުގައްރަރުތަކުގެ ފެންވަރު ދަށްވުމެވެ. ވަޒީފާގެ ބާޒާރުގައި އުޅޭ މުވައްޒަފުންގެ މެދުގައި އަމަލީ ގާބިލުކަން ކުޑަވުމާއި ދަރިވަރުންގެ ފެންވަރާ މެދު ވަޒީފާ ދޭ ފަރާތްތަކުގެ އިތުބާރު ކުޑަވުމުގެ އިތުރުން، ބައިނަލްއަގުވާމީ  ފެންވަރުގައި ރާއްޖޭގެ ތައުލީމީ ނިޒާމުގެ އަގު ވެއްޓި، ރާއްޖޭގެ ސަނަދުތައް ބޭރު ގައުމުތަކުން ބަލައިނުގަތުމުގެ މައްސަލަތައް ވެސް ކުރިމަތިވާ ކަމަށް ފާހަގަކުރެއްވި އެވެ.
އެކަން ހައްލުކުރަން މަޖިލީހަށް ކުރެވިދާނެ ކަންކަން ވެސްް މި ސިޓީގައި ހިއްސާކޮށްފައިވެ އެވެ. އެގޮތުން ފާހަގަކޮށްފައިވަނީ:
ރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނަށް އިސްލާހު ގެނެސް، ގާނޫނީ އަދި ރެގިއުލޭޓަރީ އޮނިގަނޑު ހަރުދަނާކުރުން
އެއީ ޖިނާއީ ބޮޑު ކުށަކަށް ހަދައި ބޮޑު ޖޫރިމަނާއެއް ކަނޑައެޅުން؛ މިފަދަ ކުށް ކުރާ ފަރާތްތަކަށް މިހާރު ކަނޑައެޅިފައި އޮންނަ އަދަބަކީ 1 އަހަރާއި ދެ އަހަރު ދުވަހުގެ ޖަލު ހުކުމެއް، ޖޫރިމަނާއަކީ 10،000ރ. ބޮޑު ނޫން އަދަދެއް
އެފަދަ ސަނަދު ދޫކުރާ ފަރާތާއި ސަނަދު ލިބިގަނެ އުސޫލާ ހިލާފުވާ މީހުންގެ ނަން ހާމަކުރުން
ގާނޫނު އިސްލާހުކޮށް، އެފަދަ ކަންކަމަށް ފިޔަވަޅު އެޅުމުގެ ބާރާއި ހައިސިއްޔަތު ކޮލިފިކޭޝަން އޮތޯރިޓީއަށް ދިނުން
ކޮލިފިކޭޝަން އޮތޯރިޓީން ގަބޫލުކުރާ ހުރިހާ ސަނަދެއް ފެންނާނެ ގައުމީ ރަޖިސްޓްރީއެއް އުފެއްދުން
ބްލޮކް ޗެއިން ޓެކްނޮލަޖީގެ އެހީގައި، ސަަނަދުތައް ބަދަލުނުކުރެވޭނެކަން ކަށަވަރުކުރުން އަދި ކޮންމެ ސަނަދެއްގައި ވަގުތުން ވެރިފައިކުރެވޭނެ ކިއުއާރް ކޯޑެއް ހިމެނުން
ސަނަދުގެ ސަައްހަކަން ބަލަހައްޓަން، ސަނަދުތައް ފަސޭހައިން ޗެކުކުރެވޭނެ އޮންލައިން ނިޒާމެއް ގާއިމުކުރުން
އެކްރެޑިޓްކޮށްފައިވާ މުއައްސަސާތަކާއި ކޯސްތަކުގެ ލިސްޓު އަބަދުވެސް އަދާހަމަކޮށް ފެންނަން ބެހެއްޓުން
ފާހަގަކޮށްލެވޭ ކަމެއް - ފުލުހުން މީގެ ކުރިން އާންމުކޮށްފައިވާ ގޮތުގައި، ވަޒީފާ އާއި މަތީ ތައުލީމު ހޯދުމަށް ސައްހަ ނޫން ތައުލީމީ ސެޓްފިކެޓް ހުށަހެޅުމުގެ ގިނަ މައްސަލަތަކެއް އެ އިދާރާއިން ދަނީ ތަހުގީގުކުރަމުންނެވެ. 
ސައްހަ ނޫން ތައުލީމީ ސަނަދުތައް ބޭނުންކޮށްގެން، މުހިއްމު ދާއިރާތަކުން ވަޒީފާ ހޯދައިގެން މީހުން އުޅޭ ކަމަށް ކޮލިފިކޭޝަން އޮތޯރިޓީގެ ސީއީއޯ މަރިޔަމް ފިޒާނާ ރަޝީދު ވެސް މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ