ސިނގިރޭޓު އަގުހެޔޮކުރާ ބިލު މަޖިލީހަށް ބަލައިގަނެ ކޮމިޓީއަށް

ސިނގިރޭޓު މިހާރު ވިއްކާ އަގަށްވުރެ 50 ޕަސެންޓު އަގުހެޔޮވާނެ ގޮތަށް އިމްޕޯޓް އެކްސްޕޯޓް ގާނޫނު އިސްލާހު ކުރަން ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހަށް ބަލައިގަނެއްޖެ އެވެ.
ސަރުކާރުން އިމްޕޯޓް އެކްސްޕޯޓް ގާނޫނު އިސްލާހުކުރަން ހުށަހެޅީ ސިނގިރޭޓުން ޑިއުޓީ 50 ޕަސެންޓުން 30 ޕަސެންޓަށް ކުޑަ ކުރުމާއެކު ސިނގިރޭޓުން ނަގާ ސްޕެސިފިކް ޑިއުޓީ އަށް ފުރިޔާއިން ހަތަރު ރުފިޔާއަށް ކުޑަ ކުޑަ ކުރުމަށެވެ.
ސިނގިރޭޓުން ނަގާ ސްޕެސިފިކް ޑިއުޓީ އިން އެ ހެޔޮވަނީ 50 ޕަސެންޓެވެ. އަދި ދެން ނަގާ ޑިއުޓީ އިން އެ ހެޔޮވަނީ 40 ޕަސެންޓެވެ. އެހެންކަމުން މުޅި ޖުމްލަ ސިނގިރޭޓުން ނަގަމުން އައި ޑިއުޓީ ގާތްގަނޑަކަށް ދެބައިކުޅައެއްބައި ކުޑަވާނެ އެވެ.
 އެބިލު މަޖިލީހަށް ބަލައިގަތީ ވޯޓުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ. އެ ބިލު ދިރާސާ ކުރާނީ މުޅި މަޖިލީހުގެ ކޮމިޓީންނެވެ.
އެ ބިލު ފާސްވާ ތާރީހުން ފެށިގެން 30 ދުވަހުގެ ތެރޭގައި، އިސްލާހާ އެއްގޮތަށް ގަވާއިދުތައް އިސްލާހު ކުރަން ޖެހެ އެވެ. އެހެންކަމުން ބިލު ފާސްވާތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ސިނގިރޭޓު އަގު ހެޔޮވާނެ ކަމަށް ބެލެވެ އެވެ. 
އޭގެ އިތުރުން ހީޓަޑް ޓޮބޭކޯ ޕްރޮޑަކްޓްސްތަކުން ނަގާ ޑިއުޓީ ވެސް ކުޑަ ކުރަން ސަރުކާރުން ވަނީ ހުށަހަޅައިފަ އެވެ. އެފަދަ ބާވަތްތަކުގެ ހެޔޮ ކުރަނީ ސިނގިރޭޓާ އެއްވަރަކަށެވެ. މިހާރު ވެސް ހީޓަޑް ޓޮބޭކޯ ޕްރޮޑަކްޓުތަކުން ޑިއުޓީ ނަގަނީ ސިނގިރޭޓާ އެއްވަރަކަށެވެ. 
ދުންފަތުން ނަގާ ޑިއުޓީ ކުޑަ ކުރުމުގެ ވާހަކަ ސަރުކާރުން ހާމަކުރީ ޖޫން 6، ގައި ބޭއްވި ބައި-އިލެކްޝަންއާ ދިމާކޮށެވެ. އެ ވާހަކަ އިއުލާނު ކުރެއްވީ ހޯމް މިނިސްޓަރު އަލީ އިހުސާން އެވެ. އެކަމަކު ސަރުކާރުން ބުނަނީ ދުންފަތުގެ އަގު ހެޔޮ ކުރަނީ ޑަބްލިއުއެޗްއޯއިން ލަފައެއް ލިބިގެން ކަމަށެވެ. 
ސިނގިރޭޓުން ނަގާ ޑިއުޓީ ކުޑަކޮށް އަގުހެޔޮކުރަން ސަރުކާރުން ހުށަހެޅީ، ކުރިން އަގުބޮޑުކޮށްގެން ކަޅު ބާޒާރެއް އުފައްދައި ވައްކަން ކުރުމަށް ފުރުސަތު ހޯދުމަށްފަހު ކަމަށް އެމްޑީޕީގެ މެންބަރުން ތުހުމަތުކުރައްވައިފިއެވެ. އިދިކޮޅު މެންބަރުން ވިދާޅުވީ ދިރާސާކުރުމެއް ނެތި ކުއްލިއަކަށް ގެންނަ މިފަދަ ބަދަލުތަކުގެ ސަބަބުން ދައުލަތުގެ އާމްދަނީއަށް ބޮޑެތި ގެއްލުންވަމުންދާ ކަމަށެވެ.
ސަރުކާރުން ސިނގިރޭޓުގެ ޓެކްސް ބޮޑު ކުރުމުން ވަގު ދުންފަތުގެ ބޮޑު ކަޅު ބާޒާރެއް އުފެދި، ފޭކު ސިނގިރޭޓު މުޅި ރާއްޖެއަށް އާންމުވި އެވެ. ކުރިން ސިނގިރޭޓު ވިއްކި އަގަށް ވުރެ މާ އަގުހެޔޮކޮށް ފޭކު ސިނގިރޭޓު މިހާރު ވެސް ލިބެ އެވެ. 
އެ ބިލުގެ ބަހުސް މިއަދުގެ ޖަލްސާގައި ކުރިއަށްދޔައިރު އެމްޑީޕީއަށް ނިސްބަތްވާ މެންބަރުން ވަނީ ސިނގިރޭޓުގެ އަގުބޮޑުކުރީ ދިރާސާ ކުރުމެއް ނެތި ސަރުކާރުން ވައްކަން ކުރުމަށް މަގުފަހިކުރުމަށް ކަމަށް ތުހުމަތުކޮށްފަ އެވެ. އެއީ ދުންފަތުގެ ކަޅު ބާޒާރެއް އުފެއްދުމަށް ސަރުކާރު އަޑީގައި އޮވެ ގެނައި ބަދަލެއް ކަމަށް ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ (ގަޕޯ) ވިދާޅުވި އެވެ.
"އަގުބޮޑުކޮށްފައި ވައްކަމުގެ މާކެޓެއް އުފެއްދީ. 40 ފޫޓުުގެ 50 ކޮންޓެއިނަރު ވަގަށް އެތެރެވެއްޖެ މި ގައުމަށް. އެއީ ސިނގިރޭޓު އަގުބޮޑުކުރުމުގެ ބޭނުމަކީ. ކަސްޓަމްސްގެ އާމްދަނީން ދެ ބިލިއަން ރުފިޔާ، މި ސަރުކާރު ބައިވެރިވެގެން ވައްކަން ކޮށްފި،" ގަޕޯ ވިދާޅުވި އެވެ. 
ސިނގިރޭޓުގެ އަގުބޮޑުކުރުމަށް ސަރުކާރުން މަސައްކަތް ކުރިއިރުވެސް އެއީ ރައްޔިތުންނަށް އޭގެ ސަބަބުން ގެއްލުން ލިބޭނެކަން މަޖިލީހުގައި ބަހުސްގައި ފާހަގަކޮށްފައިވާނެ ކަމަށް އެމްޑީޕީގެ މެންބަރުން ވިދާޅުވި އެވެ. މިފަދަ ނިންމުންތައް ބަދަލުކުރަން ޖެހިފައިވަނީ މަޖިލީހުގެ މެންބަރުން ޒިންމާ އަދާނުކުރައްވާތީ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް ވިދާޅުވި އެވެ.
"ހަމަ އެއް ދުވަހެއްގެ މެންދުރު ނިންމެވީ މިއަދު ދުންފަތުގެ އަގުބޮޑުކޮށްލަންވީއޭ. ސިއްހަތަށް އަންނަ މިފަދަ ބޮޑު އިންގިލާބެއް، ގައުމަކަށް ގެންނަ އިންގިލާބެއް، އެންމެ ރެޔެއްގެ ކާ މޭޒު ދޮށުގައި ހިނގާ ބަހުސެއްގެ ތެރެއިން [ގޮތް] ނިންމީމާ، ސިޔާސަތު އެކުލަވާލަންވީމައި ވާގޮތް މިއޮތީ ފެންނަން،" މީކާއިލް ވިދާޅުވި އެވެ.
އެހެންނަމަވެސް، ސަރުކާރަށް ތާއީދުކުރައްވާ މެންބަރުން ވަނީ އެ ވާހަކަތަކަށް ރައްދުދެއްވައި ސިނގިރޭޓު އަގުބޮޑުކުރަން ނިންމި ނިންމުން ދިފާއު ކުރައްވައި ވާހަކަދައްކަވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ