ދިވެހި ޕްރިމިއާ ލީގު ކޮލިފިކޭޝަނުގައި ޓީސީ ސްޕޯޓްސް ކްލަބުން ކުޅުނު ފަހު މެޗުގައި މިއަދު ހަވީރު 7-2 އިން ސެންޓްރަލް ލީގުގެ ޗެމްޕިއަން، ކ. ހުރާ އަތުން މޮޅުވެއްޖެ އެވެ.
ހަ ޓީމު ވާދަކުރާ ދިވެހި ޕްރިމިއާ ލީގު ކޮލިފިކޭޝަނުގެ ފަހު މެޗުތައް މިއަދު ފެށިއިރު، މި ކޮލިފިކޭޝަނުން އަންނަ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާނެ ހަތަރު ޓީމެއް ވަނީ ކަނޑައެޅިފަ އެެވެ. އެ ގޮތުން، އެއް ވަަނަައިގައި އޮތް މާލެ ރީޖަން ލީގުގެ ޗެމްޕިއަން، ބިސް ބުރަށް ހަތަރު މެޗުން 10 ޕޮއިންޓް ލިބުުނުއިރު، ޓީސީން ފަސް މެޗު ހަމަކުރިއިރު، ލިބުނީ 10 ޕޮއިންޓެވެ. ބިސް ބުރާއި ޓީސީގެ އިތުރުން އަންނަ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުގައި ދެން ވާދަކުރާނީ، ނޯތު ރީޖަން ލީގުގެ ޗެމްޕިއަން، ހއ. ދިއްދޫ އާއި ސައުތު ރީޖަން ލީގުގެ ޗެމްޕިއަން، ގދ. ގައްދޫ އެވެ. ދިއްދޫ އަށް ހަތަރު މެޗުން ހަތް ޕޮއިންޓް އަދި ގައްދޫ އަށް ވަނީ ހަތަރު މެޗުން ހަ ޕޮއިންޓް ލިބިފަ އެވެ.
ކޮލިފިކޭޝަނުން ކެޓީ، ހުރާގެ އިތުރުން،2017 އިން ފެށިގެން ދިވެހި ޕްރިމިއާ ލީގުގައި ކުޅެމުން އަންނަ ކްލަބް ގްރީން ސްޓްރީޓްސް އެވެ. ގްރީން ސްޓްރީޓްސް އިން މި ފަހަރުގެ ދިވެހި ޕްރިމިއާ ލީގުގެ އަށް ވަނައިގައި ނިންމައި، ކޮލިފިކޭޝަނުގައި ކުޅެން ޖެހި ރީޖަނަލް ލީގަށް މި ވަނީ ރެލިގޭޓްވެފަ އެވެ.
ގަލޮޅު ދަނޑުގައި މިއަދު ކުޅުނު މެޗުގެ އަށް ވަނަ މިނިޓްގައި ޕެނަލްޓީ އަކުން އަހުމަދު ރިލްވާން (ބެން) ވަނީ ޓީސީ އަށް ލީޑުނަަގައިދީފަ އެވެ. އޭގެ އަށް މިނިޓް ފަހުން ޕްރިންސް ބޯޑު ވަނީ ޓީސީގެ ލީޑުފުޅާކޮށްދީފަ އެވެ.
މެޗުގެ 19 ވަނަ މިނިޓްގައި ހުރާގެ މުހައްމަދު އާކިން ބިން ޝަހީން އަތުން ބައިކޮޅަށް ލަނޑެއް ވަދެ، ޓީސީން ތިން ވަނަ ލަނޑު ޖެހިއިރު، ފުރަތަމަ ހާފު ނިމުމުގެ ކުރިން އިތުރު ހަތަރު ލަނޑު ޖަހައި، ޓީސީން ހަތް ގޯލުގެ ލީޑެއް ނެގި އެވެ. މި ލަނޑުތައް ޖެހީ އައިހަމް ހަމްދޫން (އައިހަމްސްކީ)، ހުސެއިން އަހުސާމް މޫސާ، ޕްރިންސް އަދި މުހައްމަދު ޔޫހާން ފާއިޒް އެވެ.
ހުރާ އިން މެޗުގައި ކާމިޔާބުކުރި ދެ ލަނޑު ވެސް ޖެހީ މެޗުގެ ފަހުކޮޅުގަ އެވެ. އެ ގޮތުން، ޕެނަލްޓީ އަކުން މެޗުގެ 78 ވަނަ މިނިޓްގައި، އަގްބެޓީ އޮލުމިޑޭ ފާންސިސް ފުރަތަމަ ލަނޑު ހުރާ އަށް ޖަހައިދިންއިރު، އޭގެ 10 މިނިޓް ފަހުން، މެޗުގެ 88 ވަނަ މިނިޓްގައި، މުހައްމަދު ފަވާޒް ވަނީ ހުރާގެ ދެ ވަނަ ލަނޑު ޖަހައިފަ އެވެ.
ކޮލިފައިންގައި މިރޭ އޮތީ ގައްދޫ އާއި ގްރީން ސްޓްރީޓްސް އިން ބައްދަލުކުރާ މެޗެެވެ.
ޓީސީން ކޮލިފައިން ނިންމާލީ ހުރާ އަތުން ބޮޑު މޮޅެއް ހޯދައިގެން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ