އިސްމާއީލް ރަޝީދު
ރައްޔިތުންގެ މަޖިލީހަށް ރިޔާސީ ބަޔާން ހުށަހެޅުމަކީ މީގެ ކުރިން ވަރަށް ޝަރަފުވެރިކަމާއެކު ކުރަމުން ދިޔަ ކަމެއް ނަމަވެސް މި އަހަރަށް މަޖިލިސް ހުޅުވާ ރިޔާސީ ބަޔާން އިއްވުން ވެގެންދިޔައީ ރާއްޖޭގެ ތާރީހުގައި ދުވަހަކު ވެސް ފެނިފައިނުވާ ފަދަ މަންޒަރުތަކާއެކުގަ އެވެ.
ފެބްރުއަރީ މަހުގެ ހަތް ވަނަ ދުވަހު ހިނގި ހާދިސާއަށް ފަހު ރައީސް މުހައްމަދު ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވުމާގުޅިގެން ގައުމު ހަލަބޮލިވެގެންދިޔަ، ދިއުމަށް ވަނީ އެއްވެސް ފިނިކަމެއް ނުލިބި އެވެ. ސިޔާސި ހަލަބޮލިކަމަށް ފިނިކަމެއް ނުލިބި، މާޗް މަހުގެ އެއް ވަނަ ދުވަހު މަޖިލިސް ހުޅުވުމުގެ ޖަލްސާ ބޭއްވުމަށް މަސައްކަތް ކުރި އެވެ. އެ ދުވަހުގެ ޖަލްސާ ނުބޭއްވުނީ ރައްޔިތުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީގެ މަޖިލިސް މެމްބަރުން އިހުތިޖާޖު ކުރުމުންނެ އެވެ.
އެމްޑީޕީ މެމްބަރުން ވިދާޅުވަމުން ގެންދަވަނީ ރައީސް ނަޝީދުގެ ވެރިކަން ބަދަލުކޮށްފައިވަނީ ބަޣާވާތަކުން ކަމަށާއި އެހެންކަމުން ގައުމުގައި ހުންނެވި ރައީސް އަކީ ބާޣީއެއް ކަމަށެވެ. ބާޣީ ވެރިއަކަށް ރިޔާސީ ބަޔާން އިއްވުމުގެ ފުރުސަތު ނުދެވޭނެކަމަށް އެމްޑީޕީ މެމްބަރުން ވިދާޅުވަމުންގެންދެވުމުގެ ނަތީޖާއަކަށްވެގެންދިޔައީ 10 ގަޑި ފަހުން ޖަލްސާ ނުފަށާ ޖަލްސާ ނުބޭއްވޭނެކަން އިއުލާނުކުރުމެ އެވެ.
އެ ދުވަހު މަޖިލިސް ތެރެއަށް މަޖިލީހުގެ ރައީސް ވަދެވަޑައިގެންނެވުމުގެ ފުރުސަތު ނުދެއްވުމުގެ އިތުރުން އެމްޑީޕީ މެމްބަރުންވަނީ މަޖިލިސް ތެރޭގައި ވަރަށް ބޮޑަށް އިހުތިޖާޖުކޮށްފަ އެވެ. ރައީސް ވަހީދު އިށިއިނދެވަޑައިގެންނެވުމަށް ހާއްސަކޮށްފައިވާ ގޮނޑިކޮޅު ނެގުމާއި އިދާރީ މޭޒު ހިސޯރުކޮށްގެން ތިބުން ފަދަ ކަންތައްތައް ވަނީ ހިނގާފަ އެވެ.
މާޗް އެއް ވަނަ ދުވަހު މަޖިލީހުގެ ތެރެއަށް ވަނީ ގިނަ އަދަދެއްގެ ސިފައިން ވައްދާފަ އެވެ. އަދި އެ މީހުން މެދުވެރިކޮށް ދެތިން މެމްބަރުންވަނީ ބޭރަށް ނެރުއްވާފަ އެވެ. ނަމަވެސް ފަހުން އެ މެމްބަރުން ވަނީ މަޖިލިސްގެ ޗެމްބަރަށް ވަދެވަޑައިގެންފަ އެވެ.
ދިހަ ގަޑިއިރު ފަހުން މަޖިލީހުގެ ޖަލްސާ ކުރިއަށް ނުގެންދެވޭނެކަން އިއުލާނު ކުރުމާއެކު، ސަރުކާރަށް ތާއިދުކުރާ މަޖިލީހުގެ ބައެއް މެމްބަރުންވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބުދުﷲ ޝާހިދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވާފަ އެވެ. އަދި ޝާހިދު ޑީލެއް ހެއްދެވިކަމަށް ވެސް ޑރ. ވަހީދުގެ ވެރިކަމަށް ތާއިދު ކުރައްވާ މަޖިލީހުގެ ބައެއް މެމްބަރުން ވިދާޅުވި އެވެ.
ރިޔާސީ ބަޔާން އިއްވުމުގެ ފުރުސަތު ނުލިބިދިއުމާގުޅިގެން، ހުރިހާ ހަމަލައެއް އަމާޒުވެގެންދިޔައީ މަޖިލީހުގެ ރައީސް އަބުދުﷲ ޝާހިދަށެވެ. ނަމަވެސް މިއަދު ކަންތައްވެގެންދިޔައީ މުޅިން ތަފާތުކޮށްނެ އެވެ. އެމްޑީޕީ މެމްބަރުން ހުރަސްއަޅުއްވަމުންގެންދަވަނިކޮށް، މަޖިލީހުގެ ރައީސް ވަނީ ރައީސް ވަހީދަށް ރިޔާސީ ބަޔާން ހުށަހެޅުމުގެ ފުރުސަތު ދެއްވާފަ އެވެ.
ރިޔާސީ ބަޔާން އިއްވުމުގެ ފުރުސަތު ރައީސް ވަހީދަށް ލިބިވަޑައިގެންނެވުމާއެކު ޝާހިދަށް ފާޑު ވިދާޅުވެ ޑީލް ހެއްދެވިކަމަށް ވާހަކަ ދެއްކެވި މެމްބަރުންގެ ފަރާތުން މާ ބޮޑު ޝަކުވާއެއްނުފެނެ އެވެ. ނަމަވެސް އެމްޑީޕީ މެމްބަރުންގެ ޝަކުވާތައް ވަނީ ޝާހިދަށް އަމާޒުވެފަ އެވެ.
ޝާހިދަކީ މިހާރުގެ ސަރުކާރު ގެނައުމަށް މަސައްކަތް ކުރެއްވި ބޭފުޅެއްކަމަށާއި އެހެން ނޫން ނަމަ އިސްތިއުފާ ދެއްވުމަށް ރައީސް ނަޝީދު ފޮނުއްވި ސިޓީގެ ސައްހަކަ ބައްލަވާނެކަމަށާއި އަދި ސިޓީ ގެންދިޔައީ ކޮން ބޭފުޅެއްތޯ ސާފު ކުރަންވާނެކަމަށް އެމްޑީޕީ މެމްބަރުން ވިދާޅުވި އެވެ. އޭގެ ބަދަލުގައި ޝާހިދު ވެސް އަވަސްވެވަޑައިގެންނެވީ ޑރ. ވަހީދު ލައްވާ ހުވާކުރެއްވުމަށް ކަމަށް އެމްޑީޕީ މެމްބަރުން ވިދާޅުވި އެވެ.
ޝާހިދާ ދިމާލަށް ދެ ފަރާތުގެ ފާޑު ކިޔުން އަމާޒުވަމުންދިޔަ ނަމަވެސް ރިޔާސީ ބަޔާން އިއްވުމުގެ މައްސަލައަށް މިއަދު ވަނީ ވަނީ ނިމުން އައިސްފަ އެވެ. މީގެ ކުރިންރިޔާސީ ބަޔާން ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ވެރިންނަށް ރަތްދޫލައިން މަރުހަބާ ކިޔަ އެވެ. ރައީސް ވަހީދު ފުރަތަމަ ވަޑައިގެންނެވި ދުވަހު ވެސް މަރުހަބާ ކިޔާފައިވަނީ ރަތްދޫލައިންނެ އެވެ. ނަމަވެސް މިއަދު ވަހީދުވަޑައިގެންނެވި އިރު އެ ފަދަ މަރުހަބާއެއް ކިޔާފައެއްނުވެ އެވެ. އެހެންވެންދިޔައީ ހާލަތު ބަދަލުވެފައި އޮތުމުން ކަމަށް ވެދާނެ އެވެ.
ރައީސް ނަޝީދުގެ ވެރިކަމުގެ ތިންއަހަރު ރިޔާސީ ބަޔާން ހުށަހަޅުއްވާފައިވަނީ ވެސް ކުރީގެ ރައީސް މައުމޫނު އަބުދުލް ގައްޔޫމުގެ 30 އަހަރުގެ ވެރިކަމުގައި ވެސް ރިޔާސީ ބަޔާން ހުށަހެޅުއްވި އުސޫލުން ގަދަރުވެރިކަމާއެކުގަ އެވެ. މައުމޫނުގެ ވެރިކަމުގައި އެންމެ ނާޒުކު ދުވަސްވަރުވެސް ރިޔާސީ ބަޔާން އިއްވުމަށް ވަޑައިގެން ބަޔާން ހުށަހަޅުއްވަނީ ގަދަރުވެރިކަމާއެކުގަ އެވެ. މައުމޫނުގެ ވެރިކަމުގައި މިހާރެކޭ އެއް ފަދައިން ސިޔާސީ މަސްރަހު ގޯސްވެފައިވެ އެވެ. އެފަދަ ދަނޑިވަޅުތަކުގައި ވެސް މައުމޫނު ވަނީ ރިޔާސީ ބަޔާން އިއްވާފަ އެވެ. ނަމަވެސް އޭރު އެކަންތައްތައް ކޮށްފައިވަނީ ޑިމޮކްރަސީގެ އުސޫލުން މަޝްވަރާކޮށް ހައްލު ހޯދައިގެންނެ އެވެ.
މިއަދުގެ ރިޔާސީ ބަޔާނު ހުށަހަޅުއްވާފައިވަނީ ސިފައިން މަޖިލިސް ޗެމްބަރަށް ވައްދައިގެން މެމްބަރުން ނެރެ އެތައް ހަމަނުޖެހުމެއް ހިނގާދިއުމަށް ފަހުގަ އެވެ. ރައްޔިތުންގެ މަޖިލީހަށް ރިޔާސީ ބަޔާން އިއްވި ދެ ޖަލްސާއެއްގައި ނޫނީ އެއްވެސް ޖަލްސާއެއްގައި މިހާތަނަށް މަޖިލީހުގެ ޗެމްބަރަށް ސިފައިން ވަދެފައިނުވެ އެވެ.
އެންމެ ފަހުން މިއަދު ރިޔާސީ ބަޔާން އިއްވެވި އިރު ރައީސް ވަހީދު ވަށައިގެން ސިފައިން ތިބިތަން ވަނީ ފެނިފަ އެވެ. ބަޔާން ހުށަހަޅުއްވަން ފެއްޓެވުމަށް ފަހު ތިން ފަހަރެއްގެ މަތިން ބަޔާން ހުށަހެޅުއްވުން މެދުކަނޑާލެއްވި އެވެ. ބަޔާން ހުށަހެޅުއްވުން މެދުކަނޑާލާފައިވަނީ މަޖިލީހުގެ ގަވާއިދާ ހިލާފަށް ޗެމްބަރުގައި އުޅުއްވި މެމްބަރުން ނެރުމަށްޓަކަ އެވެ. މެމްބަރުން ނެރުމަށް ފަހު، ބަޔާން ހުށަހަޅުއްވަމުން ދިޔަ އެވެ. މާ ގިނަ އިރުތަކެއް ނުވެ ރައީސް ވަހީދުގެ ފުރަތަމަ ރިޔާސީ ބަޔާން ނިއްމަވާލެއްވި އެވެ. އެބަޔާން ނިންވަވާލެއްވި އިރު ވަހީދުގެ ބަޔާން ހުށަހެޅުއްވުމުގެ ޖަލްސާ ވަނީ ތާރީހުގެ ތެރެއަށް ވަދެ، އެންމެ ނިކަމެތިގޮތެއްގައި ބަޔާން ހުށަހަޅުއްވަން ޖެހިވަޑައިގެންނެވި ޖަލްސާއަށެވެ.
ޑރ. ވަހީދުގެ ރިޔާސީ ބަޔާން ހުށަހެޅުއްވުން- ތާރީހީ ކަންތައްތަކެއް ފެނިގެންދިޔަ ޖަލްސާއެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ