ޝެއިޚް ފަރީދުގެ މައްސަލަ އަނބުރާ ގެންދިއުމަށް ޕީޖީއިން ނިންމުމުން، މައްސަލަ ނުބަލަން ކޯޓުން ނިންމައިފި

ސަރުކާރުގެ ހުއްދަ ނެތި ދީނީ ނަސޭހަތް ދިން ކަމަށް ބުނެ ޝައިޚް އިބްރާހިމް ފަރީދުގެ މައްޗަށް ދަޢުލަތުން ކުރި ދަޢުވާ އަނބުރާ ގެންދިއުމަށް މަސައްކަތް ކުރުމުން، ޕީޖީއަކު އައްޔަން ކުރެވެންދެން އެ މައްސަލަ ނުބަލައި ފަސް ކުރުމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމައިފި އެވެ.
2007 ވަނަ އަހަރު ދީނީ ފަތުވާ ދިނުމުގެ ހުއްދަ ނެތި, ހދ އަތޮޅުގެ ބައެއް ރަށްރަށުގައި ދީނީ ފަތުވާ ދިން ކަމަށް ބުނެ ސަރުކާރުން ޝައިޚް ފަރީދުގެ މައްޗަށް ކުރާ ދަޢުވާގައި މިއަދު ބޭއްވި އަޑުއެހުމުގައި، ދަޢުލަތުގެ ވަކީލު ވިދާޅުވެފައި ވަނީ، އެ މައްސަލަ އަށް މާ ގިނަދުވަސް ވެފައި ވާތީ، އެ މައްސަލަ އަނބުރާ ގެންދިއުމަށް ޕީޖީ އޮފީހުން ނިންމާފައި ވާ ކަމަށެވެ.
މިއަށް ރައްދު ދެއްވަމުން، މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ، ގިނަ ދުވަސްވެގެން މައްސަލަ އަނބުރާ ގެންދާ ނަމަ، އެގޮތަށް ގެންދަން ޖެހޭ ބައިވަރު މައްސަލަތައް ހުންނާނެ ކަމަށެވެ. އަދި އެހެން ކަމަށް ވުމުން، ކޯޓުން މައްސަލަ އަނބުރާ ފޮނުވާލުމާ މެދު ގޮތެއް ނިންމާނީ ޕީޖީއަކު އައްޔަން ކުރެވުމުން، އެބޭފުޅެއްގެ ވިސްނެވުން ހުރި ގޮތަކަށް ބެލުމަށްފަހުގައި ކަމަށް ގާޒީ ވިދާޅުވި އެވެ.
އަދި މި މައްސަލަ އިތުރަށް ކުރިޔަށް ގެންދާނީ ވެސް ޕީޖީއަކު އައްޔަން ކުރެވުމަށްފަހު ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.
2007 ވަނަ އަހަރު ހިނގި ކަމަކަށް ދަޢުލަތުން ކޮށްފައިވާ މި ދަޢުވާގެ އަޑުއެހުމެއް އެންމެ ފަހުން ބާއްވާފައި ވަނީ، މީގެ 3 އަހަރު ކުރިން 2011 ވަނަ އަހަރުގެ ތެރޭގަ އެވެ.
މި އަހަރުގެ ތެރޭގައި ވެސް މި މައްސަލައިގެ އަޑުއެހުމެއް ތާވަލު ކުރެވުނެވެ. ނަމަވެސް އެ އަޑުއެހުމުގެ ޗިޓު ޝެއިޚް ފަރީދާ ހަވާލު ނުކުރެވުމުގެ ސަބަބުން އަޑުއެހުން ވެސް ވަނީ ކެންސަލް ކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ