ކާވާ ޗެމްޕިއަންސް ލީގުގެ މީޑިއާ ޕާާޓްނަރަކަށް އެސްއެސް މީޑިއާ
ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަންސް (ކާވާ) އިން އަންނަ ހަފުތާގައި ފެށުމަށް ތައްޔާރުވާ ކާވާ ޗެމްޕިއަންސް ލީގުގެ މީޑިއާ ޕާޓްނަރަކަށް އެސްއެސް މީޑިއާ ހަމަޖައްސާ، އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މިއީ މެދުތެރޭ އޭޝިއާގެ ފިރިހެން ވޮލީ ކުލަބުތަކުގެ ޗެމްޕިއަނުންގެ މެދުގައި ކުޅެމުން އަންނަ އެންމެ ބޮޑު އެއް މުބާރާތެވެ. މުބާރާތުގެ މީޑިއާ ޕާޓްނަޝިޕް އެއްބަސްވުމުގައި ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ގެ ފަރާތުން ސޮއިކުރެއްވީ އެ އެސޯސިއޭޝަނުގެ ރައީސް މުޙައްމަދު ލަތީފެވެ. އެސްއެސް މީޑިއާގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެގެޓިވް އޮފިސަރު (ސީއީއޯ) މުޙައްމަދު އާސިފް (މޮންދު)އެވެ. ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަންސް (ކާވާ) އިން އަންނަ ހަފުތާގައި ފެށުމަށް ތައްޔާރުވާ ކާވާ ޗެމްޕިއަންސް ލީގުގެ މީޑިއާ ޕާޓްނަރަކަށް އެސްއެސް މީޑިއާ ހަމަޖެއްސުން -- ސަން ފޮޓޯ/ މާނިއު މުޙައްމަދު މި އެއްބަސްވުމާއެކު މި މަހުގެ 17 އިން ފެށިގެން 23ގެ ނިޔަލަށް މާލޭގެ ސޯޝަލް ސެންޓަރުގެ އެތެރޭ ހޯލުގައި ކުރިއަށްގެންދަން ތައްޔާރުވާ މި މުބާރާތުގެ ހުރިހާ މެޗެއް އެސްއެސްޓީވީން ވަގުތުން ފެނިގެންދާނެ އެވެ. އަދި ސަން މީޑިއާގެ އެކި ވަސީލަތްތައް މެދުވެރިކޮށް މުބާރާތުގެ ޕްރޮމޯޝަނަލް އެކި ކަންކަން ކުރިއަށްގެންދާނެ އެވެ. މުބާރާތުގައި ރާއްޖެ ތަމްސީލުކުރާ ދެ ކުލަބަކީ އެންމެފަހުން ނިމުނު ވީއޭއެމް ކަޕުގެ ފައިނަލުގައި ކުޅުނު ދިވެހި ސިފައިންގެ ކުލަބު (ޑީއެސްސީ) އާއި ކުލަބު އެޗްޑީސީއެވެ. ދެން މި މުބާރާތުގައި ވާދަކުރާނީ ކަޒަކިސްތާނާއި ކިރްގިސްތާނުގެ އިތުރުން ނޭޕާލާއި ސްރީ ލަންކާގެ ޗެމްޕިއަނުންނެވެ. ޖުމްލަ 18 މެޗު ކުޅުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ކޮންމެ ދުވަހަކު ވެސް ތިން މެޗު ކުޅުމަށް ވަނީ ތާވަލުކޮށްފައެވެ. އެއީ މެންދުރުފަހު 13:30، 16:30 އަދި 20:45 އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ