ސައޫދީގައި ތައުލީމީ ހުރިހާ މަރުހަލާއަކަށް އޭއައި މުގައްރަރެއް ތައާރަފްކުރަނީ

ސައުދީ އަރަބިއްޔާއިން އަންނަ 2025-2026 ވަނަ ދިރާސީ އަހަރުން ފެށިގެން އެ ގައުމުގެ ސަރުކާރުގެ ތައުލީމީ ނިޒާމުގެ ހުރިހާ މަރުހަލާއެއްގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި)ގެ ގައުމީ މުގައްރަރެއް ކިޔަވައިދޭން ފެށުމަށް ނިންމައިފިއެވެ. މިކަން އިއުލާންކޮށްފައިވަނީ އެ ގައުމުގެ ނެޝަނަލް ކަރިކިއުލަމް ސެންޓަރުންނެވެ. މިއީ ސައޫދީގެ މިނިސްޓްރީ އޮފް އެޑިއުކޭޝަންއާއި، މިނިސްޓްރީ އޮފް ކޮމިއުނިކޭޝަންސް އެންޑް އިންފޮމޭޝަން ޓެކްނޮލޮޖީ، އަދި ސައުދީ ޑޭޓާ އެންޑް އާޓިފިޝަލް އިންޓެލިޖެންސް އޮތޯރިޓީ (އެސްޑީއޭއައިއޭ) ގުޅިގެން ހިންގާ މަޝްރޫއެކެވެ. މި އިސްނެގުމަކީ، ސައުދީ އަރަބިއްޔާގެ "ވިޝަން 2030" ގެ ދަށުން ހިންގާ "ހިއުމަން ކެޕެބިލިޓީ ޑިވެލޮޕްމަންޓް ޕްރޮގްރާމް" އާ އެއްގޮތްވާ ގޮތުގެ މަތިން ކުރިއަށްގެންދާ ކަމެކެވެ. މީގެ މައިގަނޑު މަގުސަދަކީ، ގައުމީ އަގުތައް ހަރުދަނާކުރުމާއެކު، އޭއައިގެ ދާއިރާއިން ދުނިޔޭގެ ފެންވަރުގައި ވާދަކުރުމުގެ ގާބިލުކަން އިތުރުކޮށް، މި ދާއިރާގައި އެ ގައުމުން އިސް ދައުރެއް އަދާކުރުމެވެ. މި އާ މުގައްރަރު ފަރުމާކޮށްފައިވަނީ ދަރިވަރުންނަށް ވަރަށް ކުރީކޮޅުން ފެށިގެން އޭއައިގެ ޚާއްސަ ހުނަރުތައް ދަސްކޮށްދީ، ޑިޖިޓަލް ޒަމާނާ ކުރިމަތިލުމަށް އެ ކުދިން ތައްޔާރުކުރުމަށެވެ. އަދި ޕްރައިމަރީ ސްކޫލުން ފެށިގެން ޔުނިވާސިޓީއާއި، ވޮކޭޝަނަލް ޓްރެއިނިންގެ ތެރެއިން އީޖާދީ ހައްލުތައް ހޯދުމުގައި ބައިވެރިވުމަށް ދަރިވަރުންނަށް ބާރުއެޅުމަކީ ވެސް މީގެ މަގުސަދެކެވެ. މި މުގައްރަރުގައި ދަރިވަރުންގެ އުމުރާ ގުޅޭގޮތަށް ފަރުމާކޮށްފައިވާ އޭއައި މޮޑިއުލްތައް ހިމެނޭނެއެވެ. އަދި ކިޔަވައިދިނުން ކުރިއަށްގެންދާނީ އިންޓަރެކްޓިވް އަދި އަމަލީ ގޮތްތަކެއް ބޭނުންކޮށްގެންނެވެ. މީގެ އިތުރުން، ތައުލީމުގެ އެކި މަރުހަލާތަކުގައި ދަސްކުރާ އެއްޗެހި ގުޅިލާމެހިފައިވާ ގޮތަށް ކުރިއަށްދާނެކަން ކަށަވަރުކޮށް، ދަރިވަރުންގެ ފެންވަރު ބަލާ ގައުމީ ނިޒާމުގެ ތެރެއަށް އޭއައި އިން ދަސްވާނެ ކަންކަން ހިމެނުމަށް ވެސް ވަނީ ހަމަޖެހިފައެވެ. މި އިއުލާނުގެ ކުރިން، ސާނަވީ ތައުލީމުގެ ތިންވަނަ އަހަރުގެ "ޖެނެރަލް ޓްރެކް"ގެ ދަރިވަރުންނަށް އަމާޒުކޮށްގެން "އިންޓްރޮޑަކްޝަން ޓު އާޓިފިޝަލް އިންޓެލިޖެންސް" ގެ ނަމުގައި ޕައިލެޓް ކޯހެއް ވަނީ ފަށާފައެވެ. އެސްޑީއޭއައިއޭ އިން، ނެޝަނަލް ކަރިކިއުލަމް ސެންޓަރާއި މިނިސްޓްރީ އޮފް އެޑިއުކޭޝަނާ ގުޅިގެން ތަރައްގީކުރި މި ކޯސް އިފްތިތާހުކޮށްފައިވަނީ އޭޕްރީލް 2025 ގައި ބޭއްވި "ހިއުމަން ކެޕެބިލިޓީ އިނީޝިއޭޓިވް" ކޮންފަރެންސްގައެވެ. އޮފިޝަލުން ވިދާޅުވި ގޮތުގައި މިއީ ގައުމީ ތައުލީމީ ނިޒާމުގެ ތެރެއަށް އޭއައިގެ ކޮންސެޕްޓްތައް ހިމަނައި، އެޑްވާންސްޑް ޓެކްނޮލޮޖީގެ ދާއިރާތަކުގައި އިސްނަގަން ތައްޔާރަށް ތިބި ޑިޖިޓަލް ޒަމާނަށް އަހުލުވެރި ޖީލެއް ބިނާކުރުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ