މިޔަރަށް ޖެހެނު ލޯބިން މިލިއަނަރަކަށް, ދެން ނެޓްފްލިކްސްއަށް!
މާސްކާއި ފިންސު އަދި ސްކޫބާ ޓޭންކު ހެޔޮވަރުކޮށް އޭނާ ފުންމައިލީ ފެމުނު މިޔަރު ރަސްކަންކުރާ ފުވައްމުލަކުގެ މަޝްހޫރު "ޝާކް ޕޮއިންޓް"އަށެވެ. ބިރެއް، ޚިޔާލެއް ފިކުރެއް ނެތެވެ. އޭނާގެ ބަސް މިތާ ނުވިކުނަސް އަހްމަދު އިނާހަށް މިއީ ދުނިޔެމަތީ ސުވަރުގެ ފަދައެވެ. ފުވައްމުލަކަށް އުފަން އިނާހުގެ އެންމެ ދުރު ހަނދާނަކީ މުނިކާފަ މުހައްމަދު މަނިކުގެ އިނގިލި ކުރީގައި ހިފައިގެން އެ ރަށުގެ ތުނޑިމައްޗަށްދާ ދިއުމެވެ. ހަނދާން ހުންނަން ފެށީއްސުރެ އޭނާ ހުރިހާ ވަގުތެއް ހޭދަކުރަނީ މުނިކާފައާއެކު ފުވައްމުލަކު ތުނޑީގައެވެ. "ތުނޑިމަތިން ފެނޭ ފެމުނު މިޔަރު. ކާފައަކީ ވެސް ވަރަށް މޫދާ ދޯޅު މީހެއް. އަބަދު ވެސް މިޔަރުގެ ވާހަކަ ކިޔައިދޭނީ،" ބޮޑެވެގެން އައިއިރު ކާފަ ފަދައިން އެނާ ވެސް މޫދަށް ދޯޅުވެއްޖެއެވެ. "މުނިކާފަ ފަތަން ވެސް ދަސްކޮށްދިނީ، ދެން މަންމައާ ވަގަށް މޫދަށް ގޮސް މޫދަށް އެރި އޮންނަނީ،" https://www.sun.mv/208199 ބޮޑުވަމުން ދިޔަވަރަކަށް އެ ޝައުގުވެރިކަން ހިތުން ފިލާނެކަމަށް މުޅި އާއިލާއަށް ހީކުރެވުން ނަމަވެސް، ކަންވީ ދިމާ އިދިކޮޅަށެވެ. ސްކޫލު ނިންމިގޮތަށް ރިސޯޓަށް، ޑައިވިން ކޯސްހަދަން ޖެހީ ސަލާމް ސްކޫލު ނިންމައި އުމުރުން އެންމެ 16 އަހަރުގައި ރިސޯޓަކަށް ދިޔައީ އާމްދަނީ ހޯދާނެ މަގެއް ފަހިވޭތޯއެވެ. މިޔަރާއެކު ފީނުމަށް ޖެހުނު ލޯބި ހިތުގެ އެންމެ ފުނުގައި ފޮރުވައި އޭނާ ރިސޯޓު ބަދިގެއަށް ވަނީ ތަށި ދޮންނާށެވެ. "އެތަނުގެ ޑައިވިން ސެންޓަރުގައި އުޅޭނީ ހުސް ބޭރު މީހުން, އެމީހުން ވަރަށް މަޖާ. އެމީހުން ފުރަތަމަ ގެންދިޔައީ ޑައިވަކަށް. އެ ޑައިވަށް ދިޔަ ހިސާބުން މަގޭ ހިތުގައި އަޒުމް ކަނޑައެޅީ ޑައިވިން ކޯހެއް ހަދަން،" މި ކޯސްހަދަން ޝައުގުވެރިކަން ފާޅުކޮށް، ކޯސް ހަދައިދިނުމަށް އޭނާ އެމީހުން ކައިރީ އެދުނެވެ. އިނާހު: އޭނާގެ ޚިޔާލަށް އުފެއްދި "އޯލް ދަ ޝާކްސް" ވަނީ ނެޓްފްލިކްސްގައި ކާމިޔާބު ސީރީޒްއަކަށް ވެފައި ނަމަވެސް، އުމުރުން އެންމެ 16 އަހަރުގެ ޒުވާނަކު ޑައިވިންކޯސް ހަދަން އެދުމުން އެ މީހުންނަށް އެކަންވީ ޖޯކަކަށެވެ. އިނާހުގެ އާދޭހަށް ބީރު ކަންފަތެއްދީ އެ މީހުން ދެއްކީ ބަހަނާއެވެ. އޭނާއަށް ކޯސްހަދައިދޭ ވަރަށްވުރެ އެ މީހުން މާބިޒީއެވެ. މިކަމަށް އެދި ސަލާން ޖަހަނިކޮށް 2004ވަނަ އަހަރުގެ ސުނާމީގެ ހާދިސާގެ ސަބަބުން ވަޒީފާއިން ވަކިވެ އިނާހު ޖެހުނީ ރަށަށް ބަދަލުވާށެވެ. ދެން ގުޅުނީ ރަށުގެ ފަޔާ އެންޑް ރެސްކިއު ޚިދުމަތާއެވެ. "މަ އަނެއްކާ ވެސް އެތަނުން ކެނޑިގެން ދެން ދިޔައީ ރިސޯޓަކަށް ވެއިޓަރަކަށް. ގޮސް، އެތަނުގައި 2008ވަނަ އަހަރު އޯޕަން ވޯޓާ ހެދުނީ،" ދެގޮތެއްނުވެ ކުރި މަސައްކަތުން އެންމެ ފުރަތަމަ ފިޔަވަޅު އޭނާ ކާމިޔާބުކުރިއެވެ. ޑައިވް މާސްޓާ ކޯސް ފުރިހަމަކުރީ 2010ވަނަ އަހަރެވެ. "ދެން އެއް ރިސޯޓުން އަނެއް ރިސޯޓުން، އެއް ސެންޓަރުން އަނެއް ސެންޓަރުން ވޮލެންޓިއާ ކޮށްގެން ވަޒީފާ ހޯދަނީ،" ހިތުގައި އޮތް ލޯބީގެ ސަބަބުން ޑައިވް ސެންޓަރުތަކުގެ ފާހާނަ ވެސް އޭނާ ސާފުކޮށްދޭން ފެށީ ރަނގަޅު މުވައްޒަފަކަށް ވުމަށެވެ. ޑައިވިން އިންސްޓްރަކްޓާ ކޯސް ފުރިހަމަ ކުރުމަށްފަހު ފަހަރަކު ފިޔަވަޅެއް މައްޗަށް އަރަމުން ރިސޯޓުތަކުގެ ޑައިވް މެނޭޖަރުކަން ވެސް ކޮށްފިއެވެ. އިނާހު މިޔަރާއެކު: އޭނާގެ ޚިޔާލަށް އުފެއްދި "އޯލް ދަ ޝާކްސް" ވަނީ ނެޓްފްލިކްސްގައި ކާމިޔާބު ސީރީޒްއަކަށް ވެފައި އެންމެ ފަހުން 2020ވަނަ އަހަރުގެ ފެބްރުއަރީ މަހު ފުވައްމުލަކުގައި "ޕެލާޖިކް ޑައިވާސް"ގެ ނަމުގައި ޑައިވިން ސެންޓަރެއް ހުޅުވައި ރަށަށް ދިރިއުޅުން ބަދަލުކުރިއެވެ. މި ސެންޓަރުގެ މަސައްކަތް ރަނގަޅަށް ފަށައި ނުގަނެވިގެން އުޅެނިކޮށް ކޮވިޑުގެ ބިޔަ ރާޅުގެ ސަބަބުން އެ މަސައްކަތް މެދުކެނޑިއްޖެއެވެ. މިޔަރާއެކު އެތައް ވަގުތެއް، މިއީ އެހެން ދުނިޔެއެއް ކޮވިޑުގެ ލޮކްޑައުނާއެކު އިނާހު ވެސް ޖެހުނީ ގޭގައި ތަޅުލެވިގެން އޮންނާށެވެ. "އެކަމަކު މަށަކަށް ނުއެއް އޮވެވޭ އެހެންނެއް. މަ ފިލައިގެން ވެސް ދަނީ މޫދަށް،" އެވަރަކުން ނުފުދުނެވެ. ފޫހި ފިލުވަން އެހެން "ހޮބީ"އެއް ވެސް އޭނާ ބޭނުންވިއެވެ. "އޭރު ކަމެއް ނެތިފައި ހުންނާތީ ވަރަށް ވިސްނޭ ރަށް ޕްރޮމޯޓުކުރަން އަދި ޑައިވިން ސެންޓަރު ޕްރޮމޯޓްކުރަން ކުރެވޭނީ ކޮން ކަންތައްތަކެއްތޯ. އެހެން ވިސްނާފަ ސޯޝަލް މީޑިއާއަށް އެއްޗެހި ލާންފެށީ،" ހޮބީއެއް ގޮތުގައި އޭރު ފެށި މި މަސައްކަތުން ގާތްގަނޑަކަށް ލައްކައެއްހައި ފޮލޯވަރުން އޭނާގެ އިންސްޓްގްރާމުގައި މިހާރު އެބަތިއްބެވެ. ފެމުނު މިޔަރުތަކާއެކު ޑައިވްކުރަން ފަށައި އެެއިން ކޮންމެ ޑައިވެއްގެ ވީޑިއޯތައް އޭނާ ސޯޝަލް މީޑިއާގައި ހިއްސާކުރަން ފެށުމުން ވީޑިއޯތައް "ބަޑިޖަހައިފައި" ވައިރަލްވާން ފެށިއެވެ. ޑައިވިން ސެންޓަރު ވެސް އިސާހިތަކު ޕްރޮމޯޓްވެއްޖެއެވެ. އިނާހު: އޭނާގެ ޚިޔާލަށް އުފެއްދި "އޯލް ދަ ޝާކްސް" ވަނީ ނެޓްފްލިކްސްގައި ކާމިޔާބު ސީރީޒްއަކަށް ވެފައި "ދެން އޯޝަން ރަމްސޭމެންނަށް (މިޔަރު ކޮންޒަވޭޝަންގެ މަސައްކަތްކުރާ މީހެއް) މަގޭ ވީޑިއޯތައް ފެނިގެން މަ އެ މީހުންނަށް ރީޗްއައުޓް ކުރީ. ސޯޝަލް މީޑިއާގައި ވާހަކަދައްކައިގެން 2021ގައި އެމީހުން އަހަރެމެން ރަށަށް ގެނެސްގެން ވީޑިއޯކޮޅެއް ހެދީމައި އެ ހިސާބުން މިޔަރު ކޮމިއުނިޓީއަށް އަހަރެން އެނގުނީ،" ހިތުލޯބިން އުފަންކުރި ޚިޔާލު ނެޓްފްލިކްސްއަށް ސޯޝަލް މީޑިއާގައި އެ އުފެދުނު "ހައިޕްގަނޑު"ގެ ތެރެއިން އޭނާއަށް މި ދާއިރާގައި އުޅޭ ގިނަ ރަހުމަތްތެރިންތަކެއް ލިބުނެވެ. އެގޮތަށް އުފެދުނު ރަހުމަތްތެރިންތަކަކާއެކު މީގެ ހަތަރު އަހަރު ކުރިން ފުވައްމުލަކުގައި ފެމުނު މިޔަރާ ބެހޭ ޑޮކިއުމަންޓްރީއެއް ތައްޔާރުކުރިއެވެ. އެއީ ޑިޒްނީ ޕްލަސްގައި ދައްކާ ޝާކް ކުއީންއެވެ. މިއީ ސައިންޓިސްޓުންތަކެއް މިޔަރާމެދު އުފެދިފައިވާ ސުވާލަކަށް ޖަވާބު ހޯދަން ކުރާ މަސައްކަތުގެ މައްޗަށް ތައްޔާރުކޮށްފައިވާ ޑޮކިއުމަންޓްރީއެކެވެ. "އެވެސް އަހަރެމެން ރަށުގައި ނަގާފައިން ޑޮކިއުމަންޓްރީއެއް. އެޔަށް އެއްވެސް މީޑިއާ ކަވަރޭޖެއް ނުލިބޭ،" އޭނާ ބުންޏެވެ. "އޯލް ދަ ޝާކްސް"ގެ ޝޫޓިންގެ ތެރެއިން މި މަސައްކަތުގެ ތެރެއިން އިނާހާ ދިމާވަނީ ޑެވޮން މަސީން އަދި މައިކް ކްލާކްސަންއާއެވެ. އެ މީހުންނާ އުފެދުނު ގާތް ގުޅުމުގެ ތެރެއިން ދަތުރުތަކެއް ވެސް ކުރެވުނެވެ. ނެޓްފްލިކްސްގައި މިހާރު ހިޓަކަށްވެފައިވާ "އޯލް ދަ ޝާކްސް"ގެ ޚިޔާލު އައީ އެ މީހުންނާއެކު ދެކެވުނު ވާހަކަތަކެއްގެ ތެރެއިން 2021ވަނަ އަހަރެވެ. މިޔަރަކީ ނުރައްކާތެރި އެއްޗެއްކަމަށް ގިނަ ބަޔަކަށް ސިފަވެފައި ވާއިރު، މި ޝޯގެ މައުގަނޑު މަގުސަދަކީ މިއީ ހަގީގަތެއް ނޫންކަން ބުނެދިނުމެވެ. "އަހަރެމެން ހަމަ ޕްރޫވްކުރަން ބޭނުންވީ މިޔަރަކީ އެގްރެސިވް އެއްޗެއް ނޫންކަން. ދެން ހުރިހާ ބާވަރެއްގެ މިޔަރަކަށް އަމާޒުކޮށްގެން ރިއަލިޓީ ޝޯއެއްގެ ގޮތުގައި މީތި ގެންދަން ބޭނުންވީ،" އިނާހުގެ ޚިޔާލަށް މި ސީރީޒްގެ ކޮންސެޕްޓް ތައްޔާރުކުރީ އެ މީހުންނެވެ. ވަރަށް ގިނަ މަޝްވަރާތަކަށް ފަހު މި ޚިޔާލު ނެޓްފްލިކްސްއަށް މައިކް ހުށަހެޅިއެވެ. "ނެޓްފްލިކްސްއިން ނިންމީ މި ސީރީޒަށް ފަންޑު ކުރަން. މަގޭ އެންމެ ބޮޑު ޝަރުތަކަށްވީ ރާއްޖޭގައި އަހަރުމެން ރަށުގައި މީގެ ޕްރިމިއާ އެޕިސޯޑު ނަގަން. އެއީތާ އެންމެ ފުރަތަމަ އެޕިސޯޑަކީ، އެންމެން ވެސް ބަލާނީ އެ އެޕިސޯޑުތާ އެންމެ ފުރަތަމަ،" "އޯލް ދަ ޝާކްސް"ގެ ބައިވެރިން: އިނާހުގެ ޚިޔާލަށް އުފެއްދި މި ސީރީޒް ވަރަށް ކާމިޔާބު މިދިޔަ އަހަރު ފުވައްމުލަކުގައި ނެގި މި އެޕިސޯޑު ޝޫޓުކުރީ އިނާހުގެ ބޮޑު ދައުރެއް އޮވެގެންނެވެ. މިއަހަރު ނެތްފްލިކްސްއަށް މި ސީރީޒް ދޫކޮށްލުމާއެކު ވަގުތުން ވައިގައި ހިފައިފިއެވެ. "ވަރަށް ސަކްސެސްފުލް. މިއަދު ނެޓްފްލިކްސް ގްލޯބަލްގައި މި ސީރީޒް އިނީ 6.8ގައި. އަހަރެމެން ވެސް އަސްލު ހިޔެއް ނުކުރަން މިއަށް މިހާބޮޑު ސަޕޯޓެއް ލިބޭނެކަމަކަށް،" އޭނާގެ ޚިޔާލަކުން އުފަންކުރި މި ސީރީޒަށް ލިބުނު ކާމިޔާބީ އަދިވެސް ގަބޫލުކުރަން ދަތިވެ ހުރެ އިނާހު ކިޔަދިނެވެ. ވަރަ ފަޅައި އުދުހެން ފަށައިފި، ދެން އިނާހު ނުހުއްޓުވޭނެ މިޔަރާއެކު އެތައް ވަގުތެއް ހޭދަކޮށް ކަނޑު އަޑީގައި ފީނި ނަމަވެސް، މި މިޔަރުތަކުގެ ސަބަބުން އޭނާގެ ވަރަ ފަޅައި، އެ އުދުހެނީ އުޑުގައެވެ. ބައިނަލްއަގްވާމީ މިޔަރު ކޮމިއުނިޓީގައި އޭނާ "ސެލެބްރިޓީ"އަކަށް ވެއްޖެއެވެ. ގައުމުތަކުން ޑައިވަރުންނާ ގުޅުން ބަދަހިވެ، އޮސްޓްރޭލިއާ، މެކްސިކޯ، ބަހާމާސް ފަދަ އެތައް ގައުމެއްގައި އޭނާ ފީނައިފިއެވެ. މިއީ ރާއްޖެއިން ނުފެންނަ މަންޒަރުތައް ފެނުމުގެ އިތުރުން އެތައް ތަޖުރިބާއެކެވެ. އިނާހު ކިލަ ވޭލްއާއެކު ފީނަނީ "ރާއްޖޭގައި އެންމެ ފުރަތަމަ ގްރޭޓް ވައިޓް ޝާކަކާ އެކީ ފީނި މީހަކީ ވެސް އަހަރެން، އެއީ 2021ގައި. އޭގެ ފަހުން ކޮންމެ އަހަރަކު ފީނަން" ފޮނިކަނޑަނީހެން ހީވިއަސް އިނާހު ކަނޑަނީ ފޮންޏެއް ނޫނެވެ. މިދިޔަ އަހަރު އަޒަރުބައިޖާނުގައި ބޭއްވި ކޮޕް 29ގައި ދުނިޔޭގެ ލީޑަރުން ކުރިމަތީ ޕެނަލް ޑިސްކަޝަންއެއްގައި ވެސް މިޔަރާ ގުޅޭގޮތުން އޭނާ ވާހަކަ ދެއްކިއެވެ. އެއީ ފިންސް އިނީޝިއޭޓިވްގެ ނަމުގައި ކުރިއަށް ގެންދިޔަ ޕެނަލް ޑިސްކަޝަންއެވެ. އިނާހު ކޮޕް29 ސަމިޓުގައި ބޭރު ގައުމުތަކުގެ މި ދާއިރާއާ ގުޅޭ ވިޔަފާރިތަކުގައި ވެސް އޭނާގެ ހިއްސާ އެބައޮތެވެ. "ޕެލާޖިކް ޑައިވާސް"އިން ވެސް ކުރަނީ ރާއްޖޭގެ އެހެން ޑައިވް ސެންޓަރަކުން ނުކުރާފަދަ މަސައްކަތެކެވެ. މެރިން ބަޔޮލޮޖިސްޓަކާއެކު އެމީހުން މިޔަރުގެ ރިސާޗުތައް ހަދައި ކޮންމެ އަހަރަކު ބޮޑު ޚަރަދެއް މިފަދަ ކަންކަންމަށް ކުރެއެވެ. މި މަސައްކަތްތައް ބައިނަލްއަގްވާމީ ނޫސްތަކަށް ވެސް މީގެކުރިން ފާހަގަވެފައި ވެއެވެ. މީގެ އިތުރުން، އެހެން ޑައިވް ސެންޓަރަކާ ގުޅިގެން ކޮށްފައިވާ މަސައްކަތުން މިހާތަނަށް އެމީހުންނަށް ވަނީ ފުވައްމުލަކުން ވަކިވަކި 293 ފެމުނު މިޔަރު ދެނެގަނެވިފައެވެ. މިޔަރާއެކު ފީނުމާއި ގެންގުޅެންޖެހޭ ރައްކާތެރިކަމުގެ ކަންކަން އިނާހު ދަސްކުރީ އަމިއްލައަށް ތަންތަނުން ބަލައިގެންނެވެ. ރައްކާތެރިކަމުގެ ގޮތުން ވެސް މި ޑައިވިން ސެންޓަރު މަޝްހޫރުވެފައި ވާއިރު، "ޕެލާޖިކް ޑައިވާސް"އަށް ލިބޭ ކާމިޔާބީގެ ފަހަތުގައިވާ ޓީމުގެ ބުރަ މަސައްކަތް އޭނާ ފާހަގަކުރެއެވެ. ކުރެވެނީ އަގުވަޒަން ނުކުރެވޭކަމުގެ އިހުސާސް "ފުވައްމުލައް އެކަންޏެއް ނޫން. އޯލް ދަ ޝާކްސް ފެށޭއިރު އެ އަރަނީ ބޮޑުކޮށް މޯލްޑިވްސް. ރާއްޖޭގެ ނަން. ރާއްޖެއަށް ލިބޭ ވަރަށް ބޮޑު ޕްރޮމޯޝަނެއް މީ،" ނެޓްފްލިކްސްއަކީ ސްޓްރީމިން އެޕެއް ކަމުން އަބަދު މީހުންނަށް މި ސީރީޒް ބެލޭނެކަން ފާހަގަކޮށް މި މައުލޫއަށް އިނާހުގެ ވާހަކަ އަނބުރައިލިއެވެ. މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީން) ފަދަ އެއްވެސް ކުންފުންޏަކުން މި މަސައްކަތުގެ އަގު ވަޒަން ނުކުރާކަމަށް އޭނާ ބުންނެވެ. "ފުވައްމުލަކު މޭޔަރުއިން ޕޯސްޓެއްގައި ޝުކުރު އަދާކޮށްފައި. އެކަމަކު ސަރުކާރުގެ އެއްވެސް އިދާރާއަކުން އެއްވެސް އެއްޗެއް ނުބުނޭ،" އޭނާ ގަބޫލުކުރާގޮތުގައި ޕްރައިވެޓް ސެކްޓާތަކުން ކުރާ މިފަދަ މަސައްކަތްތަކަށް ސަރުކާރުގެ އެއްބާރުލުން ވަރަށް މުހިންމެވެ. "ފުވައްމުލަކަކީ ވަރަށް ރަނގަޅު މިސާލެއް. ޕްރައިވެޓް ސެކްޓާގައި އުޅޭ މީހުން ރަށް ކުރިއަރުވަނީ،" އެމީހުން ކުރާ ބުރަ މަސައްކަތުގެ އަގު ވަޒަންކުރާކަމުގެ އިހުސާސް ނުކުރެވުނަސް ކާމިޔާބީގެ އުފާވެރި އިހުސާސް އޭނާއަށް ކުރެވެއެވެ. އަމިއްލަ ރަށަށާއި ގައުމަށް ޚިދުމަތެއް ކުރެވޭކަމުގެ އަހުސާސް ކުރެވެއެވެ. އެތައް މުއްސަނދިންނެއް މިއަދު ފުވައްމުލަކަށް ދަނީ ހަމައެކަނި އެ މިޔަރުތަކައެކު ފީނާލުމަށެވެ. އުމުރުން 40 އަހަރު ނުވަނީސް އިނާހު މިލިއަނަރަކަށް ހެދީ މިޔަރަށް ޖެހުނު ލޯތްބެވެ. އަމިއްލަ ޑައިވް ސެންޓަރާއި އެކިއެކި ބޭރުގެ ފަރާތްތަކާ ގުޅިގެން ކުރާ މަސައްކަތުން އޭނާއަށް މިލިއަނުން އާމްދަނީ ލިބެއެވެ. ކާމިޔާބު ނެޓްފްލިކްސް ސީރީޒެއްގެ ސިއްރަކީ ވެސް އެ ލޯތްބެވެ. މި ހުރިހާ ކާމިޔާބީއެއް ގޮސް ހުއްޓެނީ މުނިކާފަގެ އަތުގައި ހިފައިގެން ފުވައްމުލަކު ތުނޑިއަށް ކުރި ދަތުރަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ