ޔާމީންގެ ސުވާލެއް: ރައްޔިތުން ގަރުދިޔައަށް ތިރިވެލަން ޖެހޭ ފަދަ ހާލަތެއް އަނެއްކާ އައީތަ؟

ގައުމުގެ އިގްތިސާދީ ހާލަތު ގޯސްވެ ދިވެހި ރައްޔިތުން އަނެއްކާ ވެސް ގަރުދިޔައާ ބަތާ ކައިގެން އުޅެން ޖެހޭ ފަދަ ހާލަތެއް އައީތޯ ކުރީގެ ރައީސް އަބްދުﷲ ޔާމީން ސުވާލު ކުރައްވައިފި އެވެ.
އެމަނިކުފާނު މި ސުވާލު ކުރެއްވީ އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގަ އެވެ. އެންމެ މަދުން މަދުން އެކްސްގައި ޕޯސްޓް ކުރައްވާ ދިވެހި ލީޑަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ރައީސް ޔާމީން ވަނީ މި ޕޯސްޓްގައި އިގްތިސާދީ ހާލަތާ މެދު ކަންބޮޑުވުން ފާޅު ކުރައްވާފަ އެވެ.
ވިދާޅުވީ ބޭރުގެ ދަރަންޏަށް މި އަހަރު އެކަނިވެސް 500 މިލިއަން ޑޮލަރު ދައްކަން ޖެހޭ ކަމަށެވެ. އަދި އަންނަ އަހަރު 1.2 ބިލިއަން ޑޮލަރު ދައްކަން ޖެހޭ ކަމަށެވެ.
އެމަނިކުފާނު ވަނީ ޑޮލަރުގެ ހަމަ އަގު ގެއްލި ކަޅުބާޒާރުގައި މިއަދު ޑޮލަރެއްގެ އަގު 20 ރުފިޔާއަށް އަރާފައިވާ ކަން ފާހަގަ ކުރައްވާފަ އެވެ. ޔާމީން ވަނީ އެއީ ގަވަރުނަރު އަހްމަދު މުނައްވަރުގެ ނާގާބިލް ކަމުން ކަމަށް ވިދާޅުވެފަ އެވެ. ގަވަރުނަރަށް ވަރަށް ބޮޑަަށް ފާޑުވިދާޅުވި އެވެ.
ވިދާޅުވީ އިގްތިސާދު ނާޒުކުވެ އާންމުންގެ ދިރިއުޅުމަށް އަސަރުކޮށް ވިޔަފާރިތަކަށް ގެއްލުން ކުރިމަތިވެފައިވާ ކަމަށެވެ.
އަދި ބޭރު ފައިސާގެ ސިޔާސަތެއް ގެނައި ނަމަވެސް އެކަމުގެ ހެޔޮ އަސަރުތަކެއް ރައްޔިތުންނަށް ނުފެންނަ ކަމަށެވެ. އެއީ ވެސް ގަވަރުނަރުގެ ދޯހަޅިކަމުގެ ކަމުން ސަަބަބުން ކަމަށް ޔާމީން ވިދާޅުވި އެވެ.
އޭގެ ފަހުން ރައީސް އޮފީހުގެ މިނިސްޓަރު އަލީ އާރިފަށް އިޝާރާތް ކުރައްވާ ވިދާޅުވީ އަނެއްކާވެސް ގަރުދިޔައާ ބަތް ކާލައިގެން އުޅެން ޖެހޭ ހިސާބަށް ތިރިވެލަން ޖެހޭ ހާލަތެއް އައީތޯ އެވެ. 
ޔާމީން އެހެން ވިދާޅުވީ މީގެ ކުރީން މިފަދަ ހާލަތެއްގައި ކޮންގްރެސް ޕާޓީގެ ޖަލްސާއެއްގައި ގަރުދިޔައާއި ބަތާ ކައްކައިގެން ތަންކޮޅެއް އާދައިގެ ދިރިއުޅުމަކަށް ރައްޔިތުން ތިރިވެލަން ޖެހޭ ކަަމަށް އަލީ އާރިފް ވިދާޅުވެފައި ވާތީ އެކަމަށް އިޝާރާތް ކުރައްވަ އެވެ.
ޑޮލަރު ލިބުން ދަތިވެ ކަޅު ބާޒާރުގައި މިއަދު ޑޮލަރެއްގެ އަގު ވަނީ 20 ރުފިޔާއަށް އުފުލިފަ އެވެ. ޑޮލަރުގެ މައްސަލަ ހައްލު ކުރުމަށް ސަރުކާރުން ވަނީ ހަރުދަނާ ސިޔާސަތެއް ގެނެސް ތަންފީޒު ކުރަން ފަށާފަ އެވެ.
ނަމަވެސް އޭގެ ހެޔޮ އަސަރެއް އަދި ނުފެނެ އެވެ. ބެލެވޭ ގޮތުން އެ އަސަރު ފެންނާނީ މި އަހަރާ އަންނަ އަހަރު ދައްކަން އޮތް ބޮޑު ދަރަނި އަދާކޮށް ނިމުމުންނެވެ.
ސަރުކާރުން ކުރީން ވެސް ބުނަމުން އައީ ބޭރު ފައިސާގެ ސިޔާސަތަށް ގެނައި ބަދަލުގެ ހެޔޮ އަސަރު ދެ އަހަރެއްގެ ތެރޭ ފެންނާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ