ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވަން ކުޑަ ދުވަސްކޮޅަކަށް ވެފައިވާއިރު އެތަނަށް ތައުރީފް ނުކުރާ މީހަކު ނެތެވެ. އެތަނުގެ ފޮޓޯތައް ވައިރަލްވެ، ބޭރުގެ ބައެއް ޓޫރިސްޓުންގެ ލޮލުގައި އަޅައިގަނެ، ރާއްޖެ އައުމަށް ކެތްމަދުވެފައިވާ ކަމަށް އަންނަނީ ބުނަމުންނެވެ.
މި ރީތި ޓާމިނަލާއެކު އުފެދުނު އެއް ބަހުސަކީ އެތަނުގެ އަސްލު ކްރެޑިޓްދީ، ޝުކުރު އަދާކުރަންވީ ކާކަށްތޯ އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ފެއްޓި، އަދި ޖެހިގެން އައި ރައީސް، އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ގިނަ މަސައްކަތްތަކެއް ކޮށް، ރައީސް ޑރ. މުހައްމަދު މުއިއްޒު ސަރުކާރުގައި ނިންމުމުން، ކްރެޑިޓް ދޭންވީ ކޮން ރައީސަކަށްތޯ އެވެ.
މިކަން ފަސޭހަކޮށްދެއްވީ، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.
"ރާއްޖެ އާއި ދިވެހި ރައްޔިތުންގެ މުސްތަގްބަލަށްޓަކައި އެއާޕޯޓް ހަދަން ފަންޑު ކުރި ސައުދީ އަރަބިއްޔާ އާއި އިސްލާމީ ގައުމުތަކަށް ޝުކުރު ހައްގު،" މިއަދު ހެނދުނު ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި މިނިސްޓަރު ލިޔުއްވި އެވެ.
ޝަހީމް ވިދާޅުވި ގޮތުގައި:
ރާއްޖޭގައި އެއާޕޯޓެއް އެޅީއްސުރެއް، މިއަދާ ހަމައަށް އެތަން ތަރައްގީ ކުރުމަށް ފަންޑުކޮށްފައިވަނީ އިސްލާމީ، އަރަބި ގައުމުތަކުން
ހާއްސަކޮށް، ސައުދީ ފަންޑުން ބޮޑު ހަރަދެއް ކުރި ކަމަށް ވިދާާޅުވި
މިއީ ތާރީހަށްޓަކައި ލިޔުން ހައްގު ވާހަކަތަކެއް ކަމަށް އޭނާ ވިދާޅުވި
ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ އަގުބޮޑު މަޝްރޫއަށް، ގާތްގަނޑަކަށް 430 މިލިއަން ޑޮލަރު، (6.6 ބިލިއަން ރުފިޔާ) ހަރަދުވި ކަމަށް ވަނީ އަންދާޒާ ކުރެވިފަ އެވެ. މުޅި މަޝްރޫއަށް ހަރަދުވީ ކިހާ އަދަދެއް ކަމެއް މުޅިން ކަށަވަރެއް ނޫނެވެ.
ޝަހީމް ވިދާޅުވީ، ފުރަތަމަ ބަޖެޓް ކުރިވަރުން ނުވެގެން، އިތުރަށް ވެސް 1 ބިލިއަން ރުފިޔާ އެ ގައުމުތަކުން ހަމަޖައްސައިދިން ކަމަށެވެ.
އެއާޕޯޓުގެ އާ ޓާމިނަލގެް އަމަލީ މަސައްކަތް ހަވާލު ކުރީ ސައުދީގެ ބިން ލާދިން ގުރޫޕާ އެެވެ. ޝަހީމް ވިދާޅުވި ގޮތުގައި އެއީ މައްކާގެ ހަރަމްފުޅު ވެސް ބިނާކުރި ގުރޫޕު ކަމަށެވެ.
ސައުދީ ބިންލާދިން ގުރޫޕުން ސަބް ކޮންޓްރެކްޓް އުސޫލުން، ޓާމިނަލް މަސައްކަތް ހަވާލުކޮށްފައި ވަނީ ސިނަމާލެ ބްރިޖް ހެދި ޗައިނާ ކޮމިޔުނިކޭޝަން ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީސީސީސީ)ގެ ސަބްސިޑަރީ އެއް ކަމަށްވާ، ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީ (ސީއެޗްއީސީ)އާ އެވެ.
ޝަހީމްގެ ޕޯސްޓަށް ކޮމެންޓް ކުރި ބައެއް މީހުން ވެސް، ވަނީ އެތަނުގެ ކްރެޑިޓް ދޭންވީ ފަރާތްތަކުގެ ނަންތައް ލިޔެފަ އެވެ. އެކަމަކު ޝަހީމްގެ ވާހަކަތަކުން ދޭހަވި ގޮތުގައި އެންމެ ބޮޑު ޝުކުރެއް އަދާކުރަންވީ، އެކަމަށް މަގުފަހިކޮށް ފައިސާ ހަމަޖައްސައިދިން އިސްލާމީ ގައުމުތަކަށެވެ.
އާ ޓާމިނަލްގެ ކްރިޑިޓް އިސްލާމިކް މިނިސްޓަރު ދެއްވީ ސައުދީ އާއި އިސްލާމީ ގައުމުތަކަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ