އެހެން ގައުމުތަކާ އޮންނަ ގުޅުމަށް އަސަރު ކުރާ ހަބަރުތައް، "ގައުމަށް ޓަކައި" ނުލިޔަން ހަލީލު ގޮވާލައިފި އެހެން ގައުމުތަކާ އޮންނަ ގުޅުމަށް އަސަރު ކުރާ ހަބަރުތައް، "ގައުމަށް ޓަކައި" ނުލިޔަން ހަލީލު ގޮވާލައިފި

ބައެއް މީޑިއާތަކުން ގެނެސްދޭ ހަބަރުތަކުގެ ސަބަބުން އެކުވެރި ގައުމުތަކާ އެކީ އޮންނަ ގުޅުމަށް އޭގެ އަސަރުކޮށް، ބުރޫއަރާ ކަަމަށާއި މިހެން ކުރާ ކަންކަމަކީ އަމިއްލަ އަތުން ގައުމަށް ދެވޭ ހަމަލާއެއް ކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުالله ހަލީލު އިއްޔެ ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ މީޑިއާ، ޕީއެސްއެމްއިން މިނިވަން ދުވަހާ ގުޅިގެން ތައްޔާރުކުރި "މިނިވަން ދިވެހިރާއްޖެ" ޑޮކިއުމެންޓަރީ އިފްތިތާހުކުރަން ބޭއްވި ޖަލްސާގައި ހަލީލު މި ވާހަކަތައް ދެއްކެވީ، ހާރިޖީ ގުޅުންތަކަށް އަސަރު ކުރާ ވަރުގެ ހަބަރެއް ވެއްޖިއްޔާ، "ގައުމަށް ޓަކައި" އެ ހަބަރު ނުލިޔަން އިލްތިމާސްކުރައްވަމުންނެވެ.
"ހާއްސަކޮށް އެ ކަމަކީ އަޅުގަނޑުމެންގެ ސިޔާދަތީ ކަންތައްތަކަށް ނުފޫޒު ނުވަތަ ސިޔާދަތީ ކަންތައްތަކަަށް ބުރޫއަރާ ޒާތުގެ ކަހަލަ ވާހަކައެއް ވެއްޖެއްޔާ، އެ ވާހަކައެއް ޖެހޭނެ ގައުމަށް ޓަކައި އަޅުގަނޑުމެންގެ އަމިއްލަ ނަފުސަށް ޓަކައި ބާއްވާލަން ޖެހޭނެ،" އޭނާ ވިދާޅުވި އެވެ.
ހަލީލު ވިދާޅުވީ މީޑިއާތަކުން ލިޔެފައިވާ ހަބަރުތަކުގެ ސަބަބުން ކޮންމެހެން ވެސް ގުޅުން ބާއްވަން ޖެހޭ ގައުމުތަކާ އޮންނަ ގުޅުމަށް ބުރޫއަރާފައިވާ ކަމަށެވެ. ނަމަވެސް އޭނާ ދެއްކެވި ވާހަކައިގައި އޭގެ މިސާލެއް ނޫނީ އެ އިޝާރާތްކުރެއްވީ ސީދާ ކޮން ކަމަކަށް ކަމެއް ވިދާޅެއް ނުވެ އެވެ.
"އެ ވާހަކަތައް ގެންނަ ނަމަ އަޅުގަނޑުމެންނަށް މި ކުރެވޭ ކަމަކީ އަޅުގަނޑުމެންގެ އަތުން، އަޅުގަނޑުމެންގެ ގައުމަށް ހަމަލާ ދެވެނީ،" ހަލީލު ވިދާޅުވި އެވެ.
ހާރީޖީ ވަޒީރަަކަށް ހުންނަވައިގެން ހަލީލު މިހެން ވިދާޅުވިއިރު، މީޑިއާ ބޭނުންކޮށްގެން ހާރިޖީ ގުޅުންތަކަށް އެންމެ ބޮޑު ގެއްލުމެއް ދިން ކަމަށް ތުހުމަތުކުރެވެނީ އަދުގެ ސަރުކާރަށެވެ. މި ތުހުމަތު އަމާޒުކުރާ މައިގަނޑު ސަބަބަކީ އިދިކޮޅުގައި ތިބެގެން ޕީއެންސީ އާއި މިހާރު އުވާލާފައިވާ ޕީޕީއެމްއިން ހިންގި "އިންޑިއާ އައުޓް" ހަރަކާތެވެ.
"އިންޑިއާ އައުޓް" ހަރަކާތަކީ، ނުރައްކާތެރި އެގްރީމަންޓުތަކެއްގެ ދަށުން ހަތިޔާރު އެޅި އިންޑިއާ ސިފައިން ރާއްޖޭގައި ތިބި ކަމަށް ބުނެ ފެށި ހަރަކާތެކެވެ. އެކަމަކު މި ހަރަކާތް ފަހުން ބަދަލުވެގެން ދިޔައީ އިންޑިއާއާ ދެކޮޅު ހަރަކާތަކަށެވެ. މިކަން ކުރަން މައިގަނޑު ގޮތެއްގައި ބޭނުންކުރީ މީޑިއާތަކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ