ވަށަފަރު ސްކޫލްގެ އާ ކުލާސްރޫމެއްގެ ސީލިން ވެއްޓި، ދެ އަންހެން ކުދިންނަށް އަނިޔާވެއްޖެ
ކްލާސްރޫމެއްގެ ސީލިންގުން ބައެއް ވެއްޓި، ހއ. ވަށަފަރު ސްކޫލުގެ ގްރޭޑް ނުވައެއްގައި ތައުލީމު ހާސިލުކުރަމުންދާ ދެ އަންހެން ކުދިންނަށް އަނިޔާވެއްޖެއެވެ. އެ ރަށުން 'ސަން' އާ ވާހަކަދެއްކި މީހަކު ކިޔައިދިން ގޮތުގައި އެ ހާދިސާ ހިނގީ މިއަދުގެ ހެނދުނެވެ. މަދު ކުދިންތަކެއް ތައުލީމު ހާސިލުކުރަމުންދާ ވަށަފަރު ސްކޫލުގެ ގްރޭޑް ނުވައެއްގެ ދަރިވަރުން ތިބި ކްލާސްރޫމްގެ ސީލިންގެ 90 އިންސައްތަ ވެއްޓުނު ކަމަށް އޭނާ ބުންޏެވެ. އަނިޔާވި ދެ އަންހެން ކުދިންގެ ތެރެއިން އެއް ކުއްޖަކު ވަނީ އިތުރު ފަރުވާއަށް ހއ. އަތޮޅު ހޮސްޕިޓަލަށް އެކްސް-ރޭއެއް ނަގަން ގެންގޮސްފައެވެ. އޭނާ ބުނި ގޮތުގައި މާ ދެކުދިންނަށް ވެސް މާ ސީރިއަސް އަނިޔާއެއް ނުލިބެއެވެ. އޭނާ ބުނި ގޮތުގައި ސީލިން ވެއްޓުނު ކްލާސްރޫމް ހުރި އިމާރާތަކީ ވަރަށް ފަހުން ބޭނުންކުރަން ފެށި އައު އިމާރާތެކެވެ. އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އަޅަން ފަށައި މިދިޔަ ސަރުކާރުގައި 2022 ވަނަ އަހަރު އެއްކޮށް ނިންމައި، ބޭނުންކުރަންފެށި އިމާރާތެއް ކަމަށް އޭނާ ކިޔައިދިނެވެ. ސީލިން ވެއްޓުނީ އެ ކްލާސްރޫމްގެ މަރާމާތަށް ބައެއް ތަކެތި ވެސް ގެނައި ފަހުން ކަމަށް އޭނާ ބުންޏެވެ. އެގޮތުން އެޑިއުކޭޝަން މިނިސްޓްރީން ދެ ފިޔަވައްސަކަށް ބަހާލައިގެން އެ އިމާރާތް މަރާމާތުކުރަން ނިންމާފައިވާކަމަށް ބުންޏެވެ. އަދި ވަރަށް އަވަހަށް އެ މަރާމާތުގެ މަސައްކަތް ނިންމުމަށް އެޑިއުކޭޝަން މިނިސްޓްރީއާ ގުޅިގެން މަސައްކަތްކުރާ ކަމަށް ވެސް އޭނާ ބުންޏެވެ. ވަށަފަރު ސްކޫލަކީ ގްރޭޑް 10ކާ ހަމައަށް ކިޔަވައިދޭ ސްކޫލެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ