ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވެ ކަނޑުތައް ގަދަވެފައި ވާ އިރު، ކަނޑުމަތީގެ ތަފާތު ހަތް ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ކޯސްޓްގާޑަށް ރިޕޯޓްކޮށްފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.
މިއަދަކީ މުޅި ރާއްޖެއަށް ވަރަށް މޫސުން ގޯސް ދުވަހެކެވެ. ވެރިރަށް މާލެއަށް ވެސް މޫސުން ވަރަށް ގޯހެވެ. ދޭތެރެ ދޭތެރެއިން ވަރަށް ބޯކޮށް ދަނީ ވާރޭވެހުމުންނެވެ.
އެމްއެންޑީއެފުން ބުނީ މިއަދު މެންދުރު 12:00އިން ފެށިގެން މިރޭ 10:30އާ ހަމައަށް ކަނޑުމަތީގެ ހަތް ހާދިސާއެއް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
މިއަދު ރިޕޯޓް ކުރި ހާދިސާތަކުގެ ތެރޭގައި ޑިންގީއެއްގައި ގދ.ގައްދޫން ފުރައިގެން އެ އަތޮޅު ގަމަށް ދަތުރުކުރި މީހަކު ގެއްލުމުގެ ހާދިސާ ހިމެނެ އެވެ.
ގެއްލުނު މީހާ އަދި ފެނިފައިނުވާ އިރު، އެ މީހާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ފޯތު ސްކޮޑްރަންއިން ދަނީ ކުރަމުންނެވެ.
ގެއްލިފައިވަނީ އުމުރުން 75 އަހަރުގެ، ޒަކަރިއްޔާ މުހައްމަދެވެ. ގދ. ގައްދޫ، ކޯޑީރައުންޑް ޒަކަރިއްޔާ ގައްދޫން ފުރީ ހެނދުނު 9:30 ހާއިރު އެވެ. ފުލުހުން ބުނީ މިހާތަނަށް ބެލިބެލުމުން ހެނދުނު 11:15 ހާއިރު އެ މީހާ ގަމުން ފުރާފައިވާ ކަމަށް މައުލޫމާތު ލިބޭ ކަމަށެވެ.
އޭނާ އެންމެ ފަހުން ލައިގެން ހުރީ ނޫކުލައިގެ އަތްކުރު ގަމީހަކާއި ކަޅުކުލައިގެ ސޯޓެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.
މީގެ އިތުރުން މ.އަތޮޅުން ހަތް މީހުންނާ އެކު މަހަށް ފުރި ދޯންޏެއް ގެއްލުމުގެ ހާދިސާ އެއްވެސް ހިނގާފައިވެ އެވެ. އެ ދޯނީގެ ހަބަރެއް ވެސް އަދި ނުވެ އެވެ.
8 ދިވެހީންނާއި 4 ބިދޭސީންނާ އެކު މާލެއިން ލ.ހިތަދޫއަށް ދަތުރުކުރަމުންދިޔަ މުދާ އުފުލާ ބޯޓެއް އަޑިއަށްދިޔަ ހާދިސާ އެއްވެސް ވަނީ ހިނގާފަ އެވެ.
މާލެއިން ލ. ހިތަދޫއަށް ދަތުރުކުރަމުންދިޔަ "އޯޝަން އެކްސްޕްރެސް" ނަމަކަށްކިޔާ މުދާ އުފުލާ ބޯޓު، ރިހިވެލި މޯލްޑިވްސް ރިސޯޓު ކައިރިން ދިޔަވެ ވަނީ އަޑިއަށްގޮސްފައެވެ. އެ ބޯޓުގައި ތިބި އެންމެން ވަނީ ސަލާމަތްތެރިކަމާ އެކު މިރޭ 10:52 ހާއިރު މާލެ ގެނެސްފައެވެ. މި މީހުން މާލެ ގެނެސްފައި ވަނީ އޮޅުވެލި ބީޗް ރިޒޯޓްގެ ލޯންޗަކާއި، ކޯސްޓްގާޑުގެ ހާބަރކްރާފްޓް 113ގައެވެ.
މީގެ އިތުރުން ރ.އަތޮޅު އުތުރުމާފުށި ރިސޯޓުން ކެނޯއެއްގައި ދަތުރުކުރަމުންދިޔަ މީހަކު ގެއްލުނު ހާދިސާ އަކާއި އަރިއަތޮޅު ކައިރިން ހަތަރު މީހުންނާ އެކު ދަތުރުކުރަމުންދިޔަ އުޅަނދެއްގެ އިންޖީނު ހުއްޓުމުގެ ހާދިސާއަކާއި 22 ގެސްޓުންނާއި 15 ފަޅުވެރިންނާ އެކު ބ.އަތޮޅު ދަރަވަންދޫ ކައިރިން ދަތުރުކުރަމުންދިޔަ ސަފާރީ އުޅަނދެއް ދިޔަވުމުގެ ހާދިސާއެއްގެ އިތުރުން 4 މީހުންނާ އެކު މާލެ އަތޮޅު ގިރިފިނޮޅު ކައިރިން ލޯންޗެއް ފަރަށް އެރި ހާދިސާއެއް ވެސް ހިނގާފައިވެ އެވެ.
ރ.އަތޮޅު އުތުރުމާފުށި ރިސޯޓުން ކެނޯއެއްގައި ދަތުރުކުރަމުންދަނިކޮށް ގެއްލުނު މީހާ ވަނީ ފަތާފައި ރ.ދުވާފަރަށް އަރާފައެވެ.
އަރިއަތޮޅު ކައިރިން ހަތަރު މީހުންނާ އެކު ދަތުރުކުރަމުން ދަނިކޮށް އިންޖީނު ހުއްޓުނު އުޅަނދު މިހާރު ދަނީ، އެހެން އުޅަނދެއްގައި ކަފު ޖަހައިގެން މާލެ އައުމަށް ދަަތުރުކުރަމުންނެވެ.
22 ގެސްޓުންނާއި 15 ފަޅުވެރިންނާ އެކު ބ.ދަރަވަންދޫ ކައިރިން ދަތުރުކުރަމުން ދަނިކޮށް ދިޔަވާން ފެށި ސަފާރީ ވަނީ ސަލާމަތްތެރިކަމާ އެކު ބ.ދަރަވަންދޫއަށް މިރޭ 10:23 ހާއިރު ވަދެފައެވެ. މި ސަފާރީއަށް އެހީތެރިކަން ފޯރުކޮށްދީފައި ވަނީ މޯލްޑިވްސް ޕޮލިސް ސާވިސްއިންނެވެ.
ކ.ގިރިފިނޮޅު ކައިރިން ދަތުރުކުރަމުންދަނިކޮށް ފަރަށް އެރި ލޯންޗުގައި ތިބި ހަތަރު މީހުން ވަނީ ޖުލައި މިރޭ 00:05ގައި ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ 110 ނަންބަރު ލޯންޗުގައި ކ.ހިންމަފުއްޓަށް ގެންގޮސްފައެވެ.
10 ގަޑިއިރުތެރޭ ކަނޑުމަތީގެ ހަތް ހާދިސާ، 8 މީހަކު ގެއްލި މުދާ އުފުލާ ބޯޓެއް އަޑިއަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ