ހަމަލާދިން ބޯޓުގެ ފަޅުވެރިން ހޯދަނިކޮށް، އިސްރާއީލު އެއާޕޯޓަށް ހަމަލާދީފި

މި ހަފުތާ ތެރޭ ރަތް ކަނޑުގައި ދަތުރުކުރަމުންދިޔަ، ދެ ބޯޓަކަށް ޔަމަނުގެ ހޫޘީން ހަމަލާ ދިނުމުން އަޑިއަށް ދިއުމުގެ ސަބަބުން ގެއްލުނު މީހުން ހޯދަމުން ދަނިކޮށް އިސްރާއީލުގެ ބެން ގްރިއަން އެއާޕޯޓަށް ވައިގެ ހަމަލާއެއް ދީފައިވާނެ ކަމަށް ހޫޘީން ބުނެފިއެވެ. ނަމަވެސް، އިސްރާއީލުގެ އަސްކަރިއްޔާއިން ވަނީ އެ ހަމަލާ ނާކާމިޔާބުކޮށްލާފައިވާ ކަމަށް ބުނެފައެވެ. ހޫޘީ އަސްކަރިއްޔާގެ ތަރުޖަމާނު ޔަހްޔާ ސާރީ ބުރާސްފަތި ދުވަހު ވިދާޅުވީ، އެ ޖަމާއަތުން ވާނީ ބެލިސްޓިކް މިސައިލަކުން އަސްކަރީ އޮޕަރޭޝަނެއް ހިންގާފައެވެ. މީގެ އިތުރުން، ކަނޑުގެ ސަލާމަތީ މަސްދަރުތަކާ ހަވާލާދީ ރޮއިޓާސް ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި ހޫޘީން ވަނީ ގްރީސްއިން ހިންގާ ލައިބީރިއާގެ ދިދަ ޖަހާފައިވާ އެޓާނިޓީ ސީ ބޯޓުގެ ހަ ފަޅުވެރިން ހިފަހައްޓާފައެވެ. އެ ބޯޓަށް ހޫޘީން ހަމަލާދިނީ ހޯމަ ދުވަހެވެ. ބޯޓުގެ ހަތަރު ފަޅުވެރިން ވަނީ މަރާލާފައެވެ. ރަތް ކަނޑުގައި ޕެޓްރޯލް ކުރާ ޔޫރަޕިއަން ޔޫނިއަންގެ ނޭވަލް ޓާސްކް ފޯސް އެސްޕިޑެސްއިން ބުނާ ގޮތުގައި އެޓަނިޓީ ސީ ބޯޓުގައި ޖުމުލަ 25 މީހުން ތިއްބެވެ. ރިޕޯޓްތައް ބުނާ ގޮތުގައި އަންގާރަ ދުވަހު އުޅަނދު އަޑިއަށް ދިޔަ ފަހުން 10 ފަޅުވެރިން ދިރިތިއްބާ ކަނޑުން ނެގިއެވެ. ނަމަވެސް، 11 ފަޅުވެރިން އަދިވެސް ނުފެނެއެވެ. އެ މީހުން ތިބީ ހޫޘީންގެ ބެލުމު ދަށުގައި ކަމަށް ބެލެވޭ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ. ސާރީ ވިދާޅުވި ގޮތުގައި ހޫޘީން ވަނީ ބޯޓުގެ ގިނަ އަދަދެއްގެ ފަޅުވެރިން ސަލާމަތްކޮށް، ބޭސްފަރުވާ ފޯރުކޮށްދީ، ރައްކާތެރި ތަނަކަށް ގެންދިއުމަށް އެހީތެރިވެދީފައެވެ. ނަމަވެސް، ޔަމަނުގައި ހުންނަ އެމެރިކާގެ އެމްބަސީން ވަނީ އެކަން ދޮގުކޮށްފައެވެ. އަދި، ހޫޘީން ވަނީ ބޯޓުގެ ތިބި މީހުން މަރާލައި، ބައެއް މީހުން ރަހީނުކޮށް ބޯޓު އަޑިއަށް ފައްތާލައި، މީހުން ސަލާމަތް ކުރުމުގެ މަސައްކަތްތަކަށް ހުރަސް އަޅާފައި ކަމަށް އެމްބަސީން ތުހުމަތުކުރެއެވެ. އެޓަނިޓީ ސީއަށް ހަމަލާދިންއިރު، އޭގެ އެއް ދުވަސް ކުރިން ވަނީ މެޖިކް ސީސް ކިޔާ ބޯޓަކަށް ވެސް ހަމަލާ ދީފައެވެ. އެ ބޯޓުގައި ތިބި އެންމެން މިހާރު ވަނީ ސަލާމަތްކޮށްފައެވެ. ހޫޘީން ވަނީ އިސްރާއީލާ ގުޅުން ހުރި ކުންފުނިތަކުގެ ބޯޓުތަކަކީ "ޝަރުއީ އަމާޒެއް" ކަމަށް އިއުލާންކޮށް، ޣައްޒާއަށް ދެމުންގެންދާ ހަމަލާތައް ހުއްޓަންދެން ރަތް އަދި އަރަބި ކަނޑުގައި އިސްރާއީލުން ދަތުރުކުރުން ހުއްޓުވާނެ ކަމަށް ބުނެފައެވެ. ރަތް ކަނޑުގެ ބޯޓުތަކަށް ދިން ހަމަލާއާ ގުޅިގެން އިސްރާއީލުގެ އަސްކަރިއްޔާއިން ވަނީ ޔަމަނަށް ހަމަލާދީ ހުދައިދާ، ރަސް އީސާ އަދި އަސް ސަލިފްގެ ބަނދަރުތަކުގެ އިތުރުން އައްސޭރީގައި އޮންނަ ރަސް ގަންތިބް އިންޖީނުގެއަށް ބޮން އަޅާފައެވެ. ބަދަލު ހިފުމުގެ ގޮތުން ހޫޘީން ވަނީ އިސްރާއީލުގެ ސަރަހައްދާއި ދިމާލަށް މިސައިލް ހަމަލާތައް ފޮނުވާފައެވެ. އިސްރާއީލުން ދިން ހަމަލާތައް 2023 ވަނަ އަހަރުގެ ފަހުކޮޅު ހޫޘީން އަތުލައިގަނެ، ރަސް އީސާ ބަނދަރުގައި ބާއްވާފައި އޮތް ގެލެކްސީ ލީޑަރު ބޯޓަށް ވެސް އަމާޒުވެފައިވާ ކަމަށް އަސްކަރިއްޔާއިން ބުނެއެވެ. ހޫޘީން ވަނީ ގެލެކްސީގެ 25 ފަޅުވެރިން 430 ދުވަސް ވަންދެން ހިފަހައްޓައިފައެވެ. އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުންދާ އަނިޔާވެރިކަމާ ގުޅިގެން ފަލަސްތީނަށް ތާއީދުކުރުމުގެ ގޮތުން 2023 ވަނަ އަހަރުގެ ނޮވެންބަރު މަހު ފެށިގެން ހޫޘީން އަންނަނީ ރަތް ކަނޑުގައި ދަތުރުކުރަމުން އަންނަ އިސްރާއީލަށް ތާއީދުކުރާ ބޯޓުތަކަށް ހަމަލާދެމުންނެވެ. އެގޮތުން 100 އަށްވުރެ ގިނަ ބޯޓަށް ވަނީ ހަމަލާދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ