ދެވަނަ އަންތބަކު ހޯދީމާ ފުރުޞަތުދިނުމާއެކު އަނބިމީހާ ދިން ހަރުދަނާ ފިލާވަޅުގެ ވަރުގަދަކަމުން 2 ހަފަތާވެސް ނުވަނީސް 2 ވަނަ ކައިވެނި ފަނުފުލުންދިއަ ހާދިސާއެއްގެ ވާހަކަ-

އެއިރު އަހުރެންގެ ޢުމުރަކީ 38 އަހަރެވެ. ފިރިމީހާގެ ޢުމުރަކީ 41 އަހަރެވެ. ކައިވެންޏަށް 18 އަހަރެވެ. 16 އަހަރުގެ އަންހެން ދަރިއަކު ހުއްޓެވެ. ދިރިއުޅެމުން އައީ 4 ކޮޓަރީގެ 2 ބުރިއަށް ހުންނަ ގެއެއްގައެވެ.  
އަހުރެންގެ މަންމަ ވަރަށް ބޮޑަށް ބަލިވެގެން ގޮވައިގެން އިންޑިއާއަށްދާން ޖެހުނެވެ. ދަތުރުގައި 2 މަހެއްހައި ދުވަހު އިންޑިއާގައި މަޑުކުރަންޖެހުނެވެ. އެހައި ގިނަދުވަސް ވާންޖެހުނީ ކުރަންޖެހުނު އޮޕަރޭޝަން ބޮޑުވެފައި އޮޕަރޭޝަން ނުކުރެވި ލަސްވީތީއެވެ.  
ކޮންމެއަކަސް މާލެ އައުދެވުމުން މަންމަ ގެއަށް ގޮސް ކަންކަން ހަމަޖައްށާފައި ގެއަށް ދެވުނީ ރޭގަނޑު 9 ޖެހިތަނާއެވެ. އެއިރު ދަރިފުޅު ފެންނާކަށް ނެތެވެ. ސިޓިންރޫމްގައި ތިބީ ފިރިމީހާއާއި އިތުރު އަންހެނެކެވެ. ދެރޭމަތިން ފެނުނު ހުވަފެން ތެދުވީކަން ވިސްނި އެއްވެސް އެއްޗެއް ނުބުނެ ކޮޓަރިއާއި ދިމާއަށްދާން ހިނގައިގަތުމުން ފިރިމީހާ ފަހަތުން އައިސް ކޮޓަރިއަށް ވަދެފައި ބުންޏެވެ.  
"މައްސަލައަކަށް ނުހަދާށެވެ! ލޯބިވަނީ ތިބާ ދެކެއެވެ. ނަމަވެސް ހިތް ނހުފުރޭތީ ދެވަނަ ކައިވެންޏެއް ކުރެވުނީއެވެ. ވެރިއެއްގެ ގޮތުގައި ރީތިކޮށް ގޭގައި އިންނާށެވެ!"  
އަހުރެން ބުނީމެވެ. "ވެރިކަމެއް ބޭނުމެއް ނޫނެވެ. އަހުރެން ތިބާއަށް 20 އަހަރު ޚިދުމަތްކޮށްފީމެވެ. ވީމާ ޗުއްޓީއެއް ބޭނުންވެއެވެ. މިއަދުން ފެށިގެން ތިބާގެ ހުރިހާ ކަމެއް ހަގު އަނބިލައްވައި ކުރުވާށެވެ. އަހުރެންނާއި ދަރިފުޅުގެ ކަންކަން އަހުރެން ކުރާނަމެވެ. ދެމަފިރިން މަތީބުރީގައި އުޅޭށެވެ. ބޮޑުވެފައި ތަނަވަސްވާނީވެސް މަތީބުރިއެވެ. އެފްލޯގެ ކަންކަން ހަގުއަނބިލައްވައި ބަލަހއްޓުވާށެވެ. އަހުރެން ތިރީބުރި ސާފުކޮށް ބަލަހައްޓާނަމެވެ. އަހުރެން ކައްކާނީވެސް ދެމައިންނަށް ފުދޭވަރަށެވެ. ވީމާ ތިބާ ކާނެ އެއްޗެއް ނެތިގެން ޝަކުވާ ނުކުރާށެވެ! ކައި ހަދާނީވެސް ވަކިންނެވެ. ދަރިފުޅާއިއެކު ކާން ބޭނުންވެއްޖެނަމަ އެފުރުޞަތު އެބަ އޮތެވެ. އެކަމަކު 4 މީހުން އެކުގައެއް ނޫނެވެ. 4 މީހުން އެކުގައި ކާނީ ރެސްޓޯރަންޓަކަށް ގެންދިއައިމައެވެ. ދަރިފުޅުގެ އެއްޗެތި އަހުރެން ދޮވެ އިސްތިރިކުރާނަމެވެ. ތިބާގެ އެއްޗެތި ހަގުއަނބިލައްވައި ދޮވެ އިސްތިރިކުރުވާށެވެ!" ފިރިމީހާ ކޮޓަރިން ނުކުތީ ވަރަށް ރަނގަޅު ގޮތެއް ކަމަށްބުނެ ތައްރީފްކުރަމުންނެވެ.  
ޖެހިގެން އައި އާދިއްތަ ދުވަހު ދަރިފުޅު ސްކޫލަށް ގެންގޮސްފައި އައިސް ފެންވަރައިގެން ސައިބޯން އިންދާ ފިރިމީހާ ގަމީހަކާ ފަޓުލޫނެއް ހިފައިގެން އައިސް ބުނީ އިސްތިރިކޮށްދިނުމަށެވެ. ބުނީމެވެ. "ބަލަ ތިއަވީ ކިހިނެއް ހެއްޔެވެ؟ ސޮރީއެވެ. އޮފީހަށްދާން ގަޑިވެސް ޖެހެނީއެވެ!" އެހެން ބުނެފައި ތެދުވެގެން އޮފީހަށް ދިއައީއެވެ.  
އެރޭ ދެމައިން ކާން ތިއްބައި އައިސް ކާން ބޭނުންވެގެން ބެލިއިރު އިތުރު އެއްޗެއް ނެތެވެ. މިކަން ޖެހޭނެކަން އެނގޭތީ ކައްކަމުން އައީ އިތުރަށް ނުހުންނާނެ ވަރަށެވެ.  
އެދުވަހަށް ފަހު މައްސަލަތައް ގިނަވާން ފަށައިފިއެވެ. ކޮންމެ ދުވަހަކު ކަންކަމު އަންނަން ފަށައިފިއެވެ. އަހުރެން ބުނީމެވެ. "އަހުރެން ހުށަހެޅި ގޮތް އުވައިލެވޭކަށް ނެތެވެ. ބަދަލުކުރެވޭކަށްވެސް ނެތެވެ. އެއްވެސް ބަދަލެއް ގެންނާނީ އަހުރެންގެ ހިތުގައި އޮތް މުއްދަތު ހަމަވުމުންނެވެ." އެއީ ކިހާ ދުވަހެއްތޯ؟ ސުވާލުކުޜިމާ އެއީ ސިއްރެއް ކަމަށް ބުނީމެވެ.  
އަދި ބުނީމެވެ. "ދެން ރަނގަޅުވާނީ ދެމީހުން ވަކިވުމެވެ. އެކުގައި އުޅޭނަމަ ތިބާ ބޭނުންވާ ކަންކަން ކޮށްނުދެވިގެން އޮންނާނީ ޝަކުވާ ކުރަން ޖެހިފައެވެ. ރުޅިއަންނަން ޖެހިފައެވެ. ދަރިއަކު ހުރިނަމަ އެދަރިފުޅުގެ ކަންކަން ކުރަންވެސް ދެވަނަ އަނބިމިހާއަށްވެސް ޖެހޭނެއެވެ. ވީމާ އެކަން ނުޖައްސައި ތިބާގެ ކަންކަން ކުރަން ޖެއްސުވީމާ އެއޮތީ މަސައްކަތް ހަމައަށް ދެބައި ކުރެވިފައި ނޫން ހެއްޔެވެ؟ ކޮންމެ ކަމެއްގައިވެސް އިންޞާފު އޮންނަންވާނެ ނޫން ހެއްޔެވެ؟"  
އެރޭ ނިދަން އޮއްވައި އައިސް ކޮޓަރިއަށް ވަދެ ބުންޏެވެ. "މިލުބުނީވެސް ފިލާވަޅެކެވެ. ވަރިކޮށްފައި ފޮނުވާލައިފީމެވެ." އަހުރެން ބުނީމެވެ. "ތިއައީ ތިބާގެ އަމިއްލަ ނިންމުމެކެވެ. އަހުރެން ބުނާނެ އެއްޗެއް ނެތެވެ. މިވަޤުތުން ފެށިގެން ކުރިއާއި އެއްގޮތަށް އަހުރެންގެ ޚިދުމަތް ލިބޭނެއެވެ.  
މިހާރު މިތިބީ ދެމީހުންގެ ޢުމުރުވެސް 65 އަހަރުން މަތިވެފައެވެ. ދެމީހުންވެސް އުޅެމުން މިއަންނަނީ ހަމަ ކުރިއާއި އެއްގޮތަށް އުފަލުގައެވެ.  
އަޅުގަނޑު ބުނެލަން ބޭނުންވަނީ ފިރިމީހާ ދެވަނަ ކައިވެންޏެއް ކޮށްފިނަމަ ކެތްތެރިވެ ފުރުޞަތުޑޭށެވެ. އެކަމަކު ނޯކަރަކަށް ނުވާށެވެ! ދެވަނަ އަނބިމީހާގެ ހިތްވަރު ހުރެގެން ޒިންމާ އުފުލާނަމަ އަލައިވެސް ނުލައި ކެތްތެރިވެލާށެވެ! ގިނަ ފަހަރު ދާނީ ފަނުފުލުންނެވެ. މިހެން މިބުނީ އަޅުގަނޑަށް ކުރެވުނު ތަޖުރިބާގެ މައްޗަށް ބުރަވެއެވެ.  
- ލަރީފާ / މިއަދުނޫހުގެ ކިޔުންތެރިއެއް 
- ޢިބްރަތްތެރި ވާހަކަ-
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ