ދިވެހި ފިލްމީ ދާއިރާގެ އެހާރާއި މިހާރުގެ ފަންނާނުން ބައްދަލުކޮށްފި

ދިވެހި ފިލްމީ ދާއިރާގެ އެހާރާއި މިހާރުގެ ފަންނާނުންގެ ބައްދަލުވުމެއް ބާއްވައިފިއެވެ.
ދިވެހި ފިލްމީ ދާއިރާގެ އެންމެ ކުރީކޮޅުގައި ދާއިރާގެ އެކި ފަންނުތަކުގައި ހަރަކާތްތެރިވި ބައެއް ފަންނާނުން އިސްނަގައިގެން މޯލްޑިވެސް ފިލްމް އެސޯސިއޭޝަން އާއި ގުޅިގެން މިރޭ ބެއްވި ޙަފްލާ ކުރިޔަށް ގެންގޮސްފައިވަނީ ދަރުބާރުގޭގައެވެ.
ވިޔަފާރީގެ އުޞޫލުން އުފެއްދުނު ދިވެހި ފުރަތަމަ ފިލްމު 'ތިން ފިޔަވަޅު' ރިލީޒް ކުރެވުނުތާ މި ނޮވެމްބަރ މަހަށް 33 އަހަރު ފުރިފައިވާތީ އެކަމާއިވެސް ގުޅުވައިގެން މިރޭ ބޭއްވި ޙަފްލާގައި މި ދާއިރާގައި އެކި ގޮތްގޮތުން ވޭތުވެދިޔަ 35 ވަރަކަށް އަހަރު ހޭދަކުރައްވާފައިވާ، އަދި މި ދާއިރާގައި މިހާރުވެސް ހަރަކާތްތެރިވަމުންދާ ގިނަ އަދަދެއްގެ ފަންނާނުން ވަނީ ބައިވެރިވެފައެވެ.
މި ޙަފްލާގައި މިހާރުގެ ބައެއް ފަންނާނުންނާއި ފުރަތަމަ ދިވެހި ކޮމަރޝަލް ފިލްމު، 'ތިން ފިޔަވަޅު' އުފެއްދުމުގައި ބައިވެރިވި ބައެއް ފަރާތްތަކުގެ އިތުރުން ދިވެހި ފިލްމީ ދެ ޖީލު ގުޅިގެން މަސައްކަތް ކުރުމުގެ މި މަސައްކަތުގެ އަޑީގައި ހުންވި މަޙުމާ ޙުސެން ރަޝީދުވެސް ވަނީ ވާހަކަ ދައްކަވާފައެވެ.
މަޙުމާ ހުސެންގެ ދެއްކެވި ވާހަކައިގައި މިފަދަ ޙިޔާލެއް އުފަން ކުރެވުމުން އެ ޙިޔާލަށް ލިބިގެންދިޔަ ތަރުޙީބު ފާހަގަ ކުރައްވާ އެކަމަށް ޝުކުރު ދެންނެވިއެވެ. އަދި މިއަދު ފިލްމީ ދާއިރާގައި އެންމެ މުހިއްމު ކަމަކީ ޙަސަދަވެރިކަމާއި ނުލައި ވާދަވެރިކޮށް މަސައްކަތް ކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.
ދިވެހި ފިލްމު 'ތިން ފިޔަވަޅު' އުފެއްދުމުގައި އިސް ރޯލެއް އަދާކުރެއްވި، އަދި ފިލްމީ ދާއިރާއަށް އެކި ޚިދުމަތްތައް ކޮށްދެއްވާފައިވާ ބޮޑުފެންވަޅުގޭ މުޙައްމަދު މުޞްތަފާ ޙުސައިން ވެސް ވަނީ މި ޙަފްލާގައި ވާހަކަ ދައްކަވާފައެވެ.
 
އެމަނިކުފާނެ ވާހަކަފުޅުގައި މިއަދުގެ ފަންނާނުން އެންމެ ބޮޑަށް ދަސްކުރަންވީ އަދި ވިސްނަންވީ ކަމަކީ ފަންނާނުންގެ ހުނަރާއިއެކު ލިބިގެންދާ މަޝްހޫރުކަން ލިބިގެންދާއިރު އަމިއްލަ ނަން ހިފެހެއްޓުމަށްޓަކާ، ތިމާގެ އަޙްލާޤު ރަނގަޅު ގޮތުގައި ބައްޓަން ކުރުން ކަމަށެވެ.
މިރޭގެ ޙަފްލާގައި ދެން ވާހަކަދެއްކެވި ބޭފުޅުން ވަނީ ދިވެހި ފިލްމީ ދާއިރާ ފެށިގެން އައިގޮތާއި، ފަށައިގަތްއިރު ކުރިމަތިވި ގޮންޖެހުންތަކުގެ ވާހަކަ ޒުވާން ފަންނުވެރިންނާއި ޙިއްސާ ކޮށްފައެވެ.
މި ޙަފްލާގައި ފިލްމީ ދާއިރާގައި ޙަރަކާތްތެރިވާ ފަންނާނުންނާއި، އެ ފަންނާނުންގެ އާއިލާތަކަށް ނިސްބަތްވާ ބައެއް ބޭފުޅުން އެކި ކަހަލަ މުނިފޫހިފިލުވުމުގެ އައިޓަމްތައް ހުށައަޅައިދީފައިވާއިރު، މި ޙަފްލާ ފެއްޓުމުގެ ކުރިން، ފިލްމީ ދާއިރާއަށް ޚިދުމަތް ކޮށްދެއްވުމަށްފަހު ދުނިޔެ ދޫކުރައްވާފައިވާ ފަންނާނުންގެ ހަނދާނުގައި ސުކޫތެއް ގެނެސްފައިވެއެވެ.
މިފަދަ މުހިއްމު ކަމަކަށް ކުރީގެ ފަންނާނުން އިސްނެންގެވި ނެންގެވުން ފާހަގަކުރައްވާ މޯލްޑިވްސް ފިލްމް އެސޯސިއޭޝަނުން ވަނީ މި ބައްދަލުވުން އިންތިޒާމް ކުރި ކުރީގެ ފަންނުވެރިންނަށް ހަނދާނީ ފިލައެއް ހަދިޔާ ކޮށްފައިވާއިރު، މި ޙަފްލާގެ ތެރެއިން މޯލްޑިވެސް ފިލްމް އެސޯސިއޭޝަންގެ މެންބަރަކަށް ވުމަށް އެދޭ ފަރާތްތަކަށް އެ ފުރުޞަތުވެސް ދީފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ